ދުނިޔެ

އީރާނުން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ތައްޔާރު، ޝަރުތަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން

އީރާނުން ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ތައްޔާރު، ޝަރުތަކީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުން

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

08 ސެޕްޓެމްބަރު 2025، 04:40

08 ސެޕްޓެމްބަރު 2025، 04:40

އީރާނުން އެ ޤައުމުގެ ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް ތައްޔާރުކަން ފާޅުކޮށްފިއެވެ. ނަމަވެސް މިކަމަށް ޝަރުތުކޮށްފައިވަނީ، އީރާނުގެ އިޤްތިސާދު ބަލިކޮށްލާފައިވާ ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށެވެ. މިއީ "ކާމިޔާބު އަދި ދެމެހެއްޓެނިވި އެއްބަސްވުމެއް" ގެ ފުރަތަމަ ފިޔަވަޅު ކަމަށް އީރާނުން ސިފަކޮށްފައިވެއެވެ.

ބްރިޓިޝް ނޫސް ކުންފުނި ގާޑިއަންގައި ޝާއިޢުކުރި ލިޔުމެއްގައި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެފައިވަނީ، ދަތިކުރުމުގެ ފިޔަވަޅުތައް އުވާލައިފިނަމަ، ޔޫރޭނިއަމް މުއްސަނދިކުރުން މަދުކޮށް، އެ ޤައުމުގެ ނިއުކްލިއަރ ސައިޓުތައް ބެލެހެއްޓުމަށް ހުޅުވާލަން ތެހެރާނުން ތައްޔާރަށްވާނެ ކަމަށެވެ. "މި ފުރުސަތު ދޫކޮށްލައިގެން ނުވާނެ،" އަރާގްޗީ ލިޔުއްވާފައިވެއެވެ. އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، "މުޅި ސަރަޙައްދަށާއި ދުނިޔެއަށް ނުރައްކާތެރި ނަތީޖާތަކެއް ކުރިމަތިވާނެ" ކަމަށް އޭނާ އިންޒާރު ދެއްވިއެވެ.

މި އިންޒާރު އަމާޒުކޮށްފައިވަނީ، އީރާނުގެ ނިއުކްލިއަރ މަސައްކަތްތަކާ ބެހޭ ގޮތުން މިހާރު ކުރިއަށްދާ މަޝްވަރާތަކުގެ ތިން މައިގަނޑު ފަރާތް ކަމަށްވާ ފަރަންސޭސިވިލާތާއި، ޖަރުމަނާއި، އިނގިރޭސިވިލާތަށެވެ. ޔޫރަޕުގެ މި ބާރުތަކުން ވަނީ، މަޝްވަރާތަކުގައި އިސްލާޙީ ގޮތްތަކެއް ނުގެންގުޅެފިނަމަ، ދަތިކުރުމުގެ ފިޔަވަޅުތައް އަނބުރާ ގެނައުމަށް، އެއް މަސްދުވަހުގެ މުއްދަތެއް ދީފައި، "ސްނެޕްބެކް" މެކޭނިޒަމް ބޭނުންކޮށްފައެވެ.

އަރާގްޗީ އިތުރަށް ހާމަކުރެއްވި ގޮތުގައި، ހަލާކުވެފައިވާ އީރާނުގެ ނިއުކްލިއަރ މަރުކަޒުތަކަށް ވަނުމަށް އ.ދ. ގެ އިންސްޕެކްޓަރުންނާ އެކު ކުރެވުނު މަޝްވަރާތަކުގައި ކުރިއެރުންތަކެއް ލިބިފައިވެއެވެ. މިއީ ޔޫރަޕުގެ މަޝްވަރާކުރާ ފަރާތްތަކުން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ދެކޭ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

މި ކުރިއެރުމަކީ، އީރާނުގެ ނިއުކްލިއަރ މަސައްކަތްތަކާ ބެހޭ ގޮތުން ދިގު މުއްދަތެއްގައި ކުރިއަށްދާ މައްސަލަތަކުގެ ތެރެއިން އެންމެ ފަހުގެ ހާދިސާއެވެ. 2015 ވަނަ އަހަރު، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި، ދަތިކުރުމުގެ ފިޔަވަޅުތައް ލުއިކުރުމުގެ ބަދަލުގައި، ނިއުކްލިއަރ ޕްރޮގްރާމް ހުއްޓާލުމަށް، ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭ.ސީ.ޕީ.އޯ.އޭ) ގެ ދަށުން އީރާނުން އެއްބަސްވެފައިވެއެވެ. ނަމަވެސް 2018 ވަނަ އަހަރު، އެމެރިކާގެ އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ އެއްބަސްވުމުން ވަކިވެ، އީރާނާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތަކެއް އަނބުރާ ގެނައުމުން، އެ އެއްބަސްވުން ވަނީ ރޫޅިފައެވެ.

އެއިރުން ސުރެ އީރާނުން ވަނީ ޔޫރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންގޮސްފައެވެ. މިއީ އެ ޕްރޮގްރާމުން ނިއުކްލިއަރ ހަތިޔާރު އުފައްދަފާނެ ކަމަށް ހުޅަނގުގެ ސަރުކާރުތަކުން ބިރުގަންނަ ކަމެކެވެ. ނަމަވެސް ތެހެރާނުން ބުނަމުންދަނީ، އެފަދަ ކަމެއް ދުވަހަކުވެސް ނުވާނެ ކަމަށެވެ.



                    

Ads by MSS

މި ލިޔުން ކިޔާލުމުން