ދުނިޔެ

ޣައްޒާ ނައްތާލާނެ ކަމުގެ އިންޒާރު އިސްރާއިލުން ދީފި

ޣައްޒާ ނައްތާލާނެ ކަމުގެ އިންޒާރު އިސްރާއިލުން ދީފި

އިސްރާއިލުން ޣައްޒާއަށް ދިން ހަމަލާއެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

08 ސެޕްޓެމްބަރު 2025، 08:06

08 ސެޕްޓެމްބަރު 2025، 08:06

ޣައްޒާ ނައްތާލައި ފަނާކޮށްލާނެ ކަަމަށް ބުނެ އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް އިންޒަރުދީފިއެވެ.

އިސްރާއީލުގެ ވަޒީރު މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ޣައްޒާ ސިޓީއަށް ވަރުގަދަ ހަމަލާތަކެއް ދޭނެކަމަށާއި، ޣައްޒާ ހަލާކުކޮށްލައި، ފަނާކޮށްލާނެ ކަމަށެވެ.

ފަލަސްޠީނުގެ ސިވިލް ޑިފެންސްގެ ތަރުޖަމާނު މަހުމޫދު ބަސަލް ވިދާޅުވި ގޮތުގައި އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން އިސްރާއީީލްގެ ބާރުތަކުން ވަނީ ޣައްޒާގައި 50 އަށް ވުރެ ގިނަ އިމާރާތް ހަލާކުކޮށްލާފައެވެ. އަދި އެތައް ހާސް ރައްޔިތުންތަކެއް ދިރިއުޅޭ އުސް އިމާރާތްތައް ހިމެނޭ ގޮތަށް 100 އިމާރާތަށް ވަނީ އެކި ވަރުވަރުގެ ގެއްލުން ދީފައެވެ.

ބަސަލް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އިސްރާއީލީ ބާރުތަކުން ވަނީ ހިޖުރަކުރި މީހުންގެ ކޭމްޕުތަކާއި، އެ ކޭމްޕްތައް ވަށައިގެންވާ އިމާރާތްތަކަށް ގަސްތުގައި ހަމަލާދީފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި، ކައިރިކައިރީގައި ހުރި އިމާރާތްތަކަށް ދިން ހަމަލާތަކުގެ ސަބަބުން 200 އަށް ވުރެ ގިނަ ޓެންޓު ވަނީ ހަލާކުވެފައެވެ. 

މިއީ މަޖުބޫރުން ހިޖުރަކުރުވުމަށް ކުރާ "ސިސްޓަމެޓިކް" މަސައްކަތެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އިސްރާއީލްގެ ބާރުތަކުން ދަނީ ޣައްޒާ ސިޓީގައި ބާކީ ހުރި މިސްކިތްތަކާއި ކުޅިވަރު ދަނޑުތަކަށްވެސް އަމާޒުކުރަމުންނެވެ. އަދި ތުއްފާހު ސަރަޙައްދުގައި އިމާރާތަކަށް ދިން ހަމަލާއަކާ ގުޅިގެން، އެ އިމާރާތުގެ ތެރެއިން ސަލާމަތްތެރިކަމަށް އެދި ގޮވާލާފައިވާ ރައްޔިތުންނަށް އެހީތެރިވުމަށް ސިވިލް ޑިފެންސްގެ ޓީމުތަކުން މަސައްކަތް ކުރަމުންދާ ކަމަށް ބަސަލް ވިދާޅުވިއެވެ.

އިސްރާއިލުގެ ސިފައިންގެ ތަރުޖަމާނު އަވިޗައި އަދްރައީ ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި ޣައްޒާގެ އެކި ސަރަހައްދުތަކުގައި ހުރި އިމާރާތްތަކަށް ހަމަލާދޭނެ ކަމަށް ބުނެފައެވެ. މިގޮތަށް ހަމަލާދޭނީ ހަމާސްގެ ހަރަކާތްތަކަށް ބޭނުންކުރާ އިމާރާތްތަކަށް ކަމަށް އޭނާ ބުނެފައިވެއެވެ.

އިސްރާއިލުގެ އިންޓެލިޖެންސް މަޢުލޫމާތުތަކުން ދައްކާގޮތުން، ގިނަ ފަންގިފިލާތަކެއް ހުންނަ އިމާރާތްތަކުގައި ހަމާސްއިން ވަނީ ކެމެރާތަކާއި، އޮބްޒަވޭޝަން ރޫމްތަކާއި، ސްނައިޕަރ އަދި އެންޓި-ޓޭންކް މިސައިލް ދޫކުރާ މަރުކަޒުތައް ޤާއިމުކޮށްފައި ކަމަށް އަދްރައީ ބުނެފައިވެއެވެ.

މި އިންޒާރުގެ 15 މިނެޓު ފަހުން، 12 ފަންގިފިލާގެ މުޝްތަހާ ޓަވަރަށް އިސްރާއިލްގެ ހަނގުރާމަވެރި ޖެޓު މަތިންދާބޯޓުތަކުން ގިނަ މިސައިލްތަކެއް ދޫކޮށް، އެ އިމާރާތް ވަނީ ފުނޑުފުނޑުކޮށްލާފައެވެ. މި ހަމަލާގައި އާންމު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ޝިފާ ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.

މި ޓަވަރު ހުރި ސަރަޙައްދަކީ ޣައްޒާގެ އިރުމަތީ ސަރަޙައްދުތަކުން ފިލައިގެން އަންނަ އާއިލާތަކުގެ އެންމެ ފަހުގެ ހިޔާވަހިކަމުގެ ސަރަޙައްދެވެ. އަދި މި ސަރަޙައްދުގައި ސަތޭކަ އަށްވުރެ ގިނަ ވަގުތީ ޓެންޓު ޖަހާފައި ވެއެވެ.

އިސްރާއިލުން ބުނާ ގޮތުގައި މި އިމާރާތްތަކުގެ ދަށުން ވަނީ ހަމާސްގެ ބިމުއަޑީ ވިއުގަތައް ހަދާފައެވެ. މިއީ އިސްރާއިލް ސިފައިންނަށް ދަތިކުރުމަށާއި، އެތަންތަނުގައި ހުންނަ މަރުކަޒުތަކުން ފިލައިގެން ދިއުމަށް ބޭނުންކުރާ މަގުތަކެއް ކަމަށް އިސްރާއިލުން ތުހުމަތުކުރެއެވެ. ނަމަވެސް މަޝްތަހާ ޓަވަރުގެ ހިންގުމާ ހަވާލުވެ ތިބި ފަރާތްތަކުން މިކަން ދޮގުކޮށް، އެ އިމާރާތަށް ވަދެވެނީ ހަމައެކަނި ހިޔާވަހިކަން ގެއްލިފައިވާ މީހުންނަށް ކަމަށް ބުނެފައިވެއެވެ.

އދ އާއި އެހެނިހެން ޤައުމުތަކުގެ ކުށްވެރިކުރުންތަކާ އެކުވެސް، އިސްރާއިލުން ވަނީ ޣައްޒާ ސިޓީ ހިފުމުގެ ޕްލޭނަކަށް ހުއްދަ ދީފައެވެ. މި ޕްލޭންގެ ދަށުން، ގާތްގަނޑަކަށް އެއް މިލިއަން ރައްޔިތުން ދެކުނަށް ފޮނުވާލުމަށްފަހު، ސިޓީ ވަށައިލައި، ރިހާއިޝީ ސަރަޙައްދުތަކަށް ވަދެ، އަދި ޣައްޒާގެ މެދުތެރޭގައި ހުރި ރެފިއުޖީ ކޭމްޕްތަކަށް ހަމަލާތައް ފުޅާކުރުމަށް ވަނީ ރާވާފައެވެ.

ޤާނޫނީ މާހިރުންނާއި ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި، މަތީ ބުރިތަކުގެ އިމާރާތްތައް އަމާޒުކުރުމަކީ އެ ސިޓީގައި ހަނގުރާމައިގެ ނުރައްކާތެރި އިތުރުވުމެކެވެ. މިކަމުގެ ސަބަބުން އެ ސަރަޙައްދުގައި ހިމާޔަތަށް އެދިފައިވާ ސަތޭކަ ހާސް މީހުންގެ ފުރާނައަށް ނުރައްކާވެއެވެ.

އިސްރާއިލުން ވަނީ ސިވިލް އިމާރާތްތައް ހަމާސްގެ ސިފައިންގެ ބޭނުންތަކަށް ބޭނުންކުރަމުންދާކަމަށް ބުނެފައެވެ. ނަމަވެސް އެ މީހުންނަށް އެކަމުގެ ހެކި ދެއްކިފައެއް ނުވެއެވެ. 

ޣައްޒާގެ ސިވިލް ޑިފެންސް އޭޖެންސީން ބުނެފައިވަނީ މަތި ބުރިތަކުގެ އިމާރާތްތަކަށް އަމާޒުކުރުމަކީ މަޖުބޫރުން ތަން ދޫކުރުވުމުގެ ސިޔާސަތެއް ކަމަށެވެ. އަދި މިއީ ބައިނަލްއަޤްވާމީ ޤާނޫނުގެ ދަށުން މަނާކަމެއް ކަމަށާއި، ބައިނަލްއަގުވާމީ މުޖުތަމައުއިން މި "ރޭވިގެން ކުރާ ކުށް" ހުއްޓުވުމަށް ވަގުތުން ޢަމަލުކުރުމަށް ގޮވާލައިފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން