Ads by Stelco

ޚަބަރު

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 60ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 60ވަނަ ސެޝަންގައި ރާއްޖެއިން ބައިވެރިވެއްޖެ

އ.ދ.ގެ އޮފީސް---

farudhun logo

ފަރުދުން

08 ސެޕްޓެމްބަރު 2025، 10:06

08 ސެޕްޓެމްބަރު 2025، 10:06

އ.ދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ މަޖިލީހުގެ 60ވަނަ ސެޝަންގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ސެޝަންގައި ބައިވެރިވާ ރާއްޖޭގެ ވަފުދުން ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި ގުޅޭ ގޮޮތުން ޤައުމީ ބަޔާނެއް އިއްވުމަށް ވަނީ ހަމަޖެހިފައެވެ. 

އެގޮތުން ޖެނީވާގައި ހަރަކާތްތެރިވާ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް)ގެ ފަރާތުން ދިވެހިރާއްޖެއިން ޓެކްނިކަލް އެސިސްޓެންސް އަދި ކެޕޭސިޓީ ބިލްޑިންގއާ ގުޅޭގޮތުން ސްޓޭޓްމަންޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ތަރައްޤީ ވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ޓެކްނިކަލް އެސިސްޓެންސް އަދި ކެޕޭސިޓީ ބިލްޑިންގގެ މުހިންމުކަމާ ގުޅޭގޮތުން މި ސްޓޭޓްމަންޓުގައި އަލިއަޅުވާލާނެ ކަމަށާއި ދެ ކޯ ގުރޫޕެއްގެ ބައިވެރިއެއްގެ ހައިސިއްޔަތުން މި ޝެޝަނަށް ރާއްޖެއިން ދެ ޤަރާރެއް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

ނޮން-އެލައިންޑް މޫވްމަންޓް (ނާމް) އަދި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ފަދަ ސިޔާސީ އަދި ސަރަހައްދީ ޖަމިއްޔާތަކުގެ މެމްބަރެއްގެ ހައިސިއްޔަތުން، މިޔަންމާގެ ސްޕެޝަލް ރެޕަޓުއަރއާއެކު ބާއްވާ އިންޓަރެކްޓިވް ޑައިލޮގްގައި ރާއްޖެއިން ޤައުމީ ބަޔާނެއް ދިނުމަށް ވެސް ހަމަޖެހިފައިވެއެވެ. އަދި ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ ބިންތަކަށް އަރައިގަނެ ހިންގަމުންދާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް، ވަކީން ޚާއްސަކޮށް ޣައްޒާގެ ރައްޔިތުން، ތަހައްމަލްކުރަމުންދާ އަނިޔާތަކާބެހޭގޮތުން އަލިއަޅުވާލާއި ތަފާތު އެޖެންޑާ އައިޓަމްތަކުގައި ދިވެހިރާއްޖެއިން ވާހަކަ ދެއްކުމަށް ހަމަޖެހިފަައިވާ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

އ.ދ ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހުގެ 60 ވަނަ ސެޝަންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖެނީވާގައި ހުންނަ އ.ދ ގެ އޮފީހަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައިވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދުއެވެ. އޭޝިއާ ޕެސިފިކް ސަރަހައްދުން ހިއުމަން ރައިޓްސް ކައުންސިލްގެ މި ދައުރުގެ ނައިބް ރައީސްގެ މަޤާމަށް ދިވެހިރާއްޖެ ހޮވިފައިވާތީ، ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބް ރައީސްގެ ހައިސިއްޔަތުން، ދާއިމީ މަންދޫބު ކައުންސިލްގެ ބައެއް ސެޝަންތަކުގެ ރިޔާސަތު ބަލަހައްޓަވާނެއެވެ. 

އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންސާނީ ހައްގުތައް ކުރިއެރުވުމާއި، ހިމާޔަތްކުރުމަށާއި ހަރުދަނާކުރުމަށާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ހާލަތްތައް ދެނެގަނެ، އެކަންކަން ހައްލުކުރާނެ ގޮތްތައް ހުށަހެޅުމުގެ ޒިންމާ އަދާކުރާ އ.ދ ގެ ނިޒާމުގެ ތެރެއިން ބައެކެވެ. މި މަޖިލީހުގައި ހިމެނެނީ 47 މެންބަރުންނެވެ. ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަކާބެހޭ ކައުންސިލްގެ މެންބަރެކެވެ. އަދި މެންބަރުކަމުގެ ދައުރު ހަމަވާނީ މިއަހަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން