ކުޅިވަރު

ފުރަތަމަ މެޗަށް ފަހު ފަރިތަކުރުންތައް ރަނގަޅަށް ކުރިޔަށް ގެންދިއުމަށް ފުރުސަތެއް ނުދޭ: މޯހަން

ފުރަތަމަ މެޗަށް ފަހު ފަރިތަކުރުންތައް ރަނގަޅަށް ކުރިޔަށް ގެންދިއުމަށް ފުރުސަތެއް ނުދޭ: މޯހަން

ސުޕަރ ކަޕަށް ފުރުމުގެ ކުރިން އެފްއޭއެމްގައި އޮތް ނޫސްވެރިންގެ ބައްދަލުވުން، ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ސެޕްޓެމްބަރު 2025، 07:45

09 ސެޕްޓެމްބަރު 2025، 07:45

ސައުތު އޭޝިއަން ސުޕަރ ކަޕަށް ސްރީލަންކާއަށް ގޮސް ތިބި ރާއްޖޭގެ ސީނިއަރ ފުޓުބޯޅަ ޓީމު ފުރަތަމަ މެޗުން މޮޅުވިފަހުން، ޓީމުގެ ފަރިތަކުރުންތައް ރަނގަޅަށް ކުރިޔަށް ގެންދިއުމަށް ސްރީލަންކާއިން ފުރުސަތު ނުދޭކަމަށް، ޤައުމީ ޓީމުގެ ކޯޗު، މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

"އަދަދު ސްޕޯޓްސް"އަށް ދިން އިންޓަވިއުއެއްގައި މޯހަން ބުނެފައި ވަނީ، ފުރަތަމަ މެޗުގެ ކުރިން، ލަންކާއިން ރާއްޖޭގެ ޓީމުގެ ފަރިތަކުރުންތަކަށް ރަނގަޅު ދަނޑުތައް ހަމަޖައްސައިދިން ކަމަށާއި، ނަމަވެސް ފުރަތަމަ މެޗުން ރާއްޖެ 3-0 އިން މޮޅުވުމަށްފަހު އެކަން ބަދަލުވެފައިވާ ކަމަށެވެ.

މޯހަން އިތުރަށް ބުނީ، މިއީ އާކަމެއް ނޫންކަމަށާއި، ކުރިން މިފަދަ ކަންކަން ވެފައި ހުރުމުން، މިހެން ކަންކަން ގޮސްދާނެކަމަށް ސިކުނޑި ތައްޔާރުކޮށްގެން ހުރިކަމަށެވެ.

މިއަދު ސްރީލަންކާއާ ދެކޮޅަށް ކުޅޭ ދެވަނަ ލެގުގެ މެޗަށް އަލިއަޅުވާލަމުން މޯހަން ބުނީ، ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން މޮޅުވެފައިވީ ނަމަވެސް، ޓީމުގެ ފޯކަސްއަށް އެއްވެސް ބަދަލެއް ނާންނަކަމަށެވެ. 

މުބާރާތުގެ ފުރަތަމަ ލެގުގައި ލަންކާއާ ދެކޮޅަށް ކުޅެ ލިބުނު މޮޅަކީ، އެންމެ ފަހުން ރާއްޖެ ކުޅުނު 6 މެޗުން ލިބުނު ފުރަތަމަ މޮޅެވެ. މިދިޔަ އަހަރުގެ ނޮވެންބަރުގައި ބަނގުލަދޭޝް ބަލިކުރެވުނު ފަހުން ރާއްޖޭގެ ޤައުމީ ޓީމަށް މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެ މެޗަށް ނިކުތްއިރު ރާއްޖޭގައި ލީގު ފުޓުބޯޅަ ނެތި ގިނަދުވަސްތަކެއް ހޭދަވެފައިވުމުން، މެޗަށް ނިކުތީ ބައިނަލްއަޤުވާމީ މެޗެއް ކާމިޔާބުކުރުމަށް އޮންނާނެ ގޮންޖެހުންތައް އެނގިގެންކަމަށް، ރާއްޖެއިން 2008 ވަަނަ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި މޯހަން ފާހަގަކުރިއެވެ. ނަމަވެސް އޭނާ ހަވާލުވިފަހުން ޓީމު ކުޅުނު ފުރަތަމަ މެޗުގައި ދެއްކި ކުޅުމަކީ "ގަބޫލުކުރަންވެސް ދަތި މިންވަރެއްގެ ހިތްވަރެއް" ކަމަށް މޯހަން ބުނެފައިވެއެވެ.

ސުޕަރ ކަޕްގެ ދެވަނަ މެޗު މިއަދު ރާއްޖެ ގަޑިން 17:15ގައި ފަށާއިރު، މުބާރާތުގެ ތަށި ހޯދުމަށް ލަންކާ ޖެހޭނީ 4 ގޯލުގެ ތަފާތުން ރާއްޖެ ބަލިކުރާށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން