ޚަބަރު
މާލޭގެ މަގުތަކުން ކުއްޔަށްދޫކޮށްފައި ހުރި ޕާކިން ސްލޮޓުތައް އާންމުންނަށް ހުޅުވާލަނީ

ވީއައިއޭގެ ޓެކްސީ ސްޓޭންޑުގައި ޓެކްސީތަކެއް މަޑުކޮށްގެން، ފޮޓޯ: ދައުރު
މާލޭގެ މަގުތަކުން ހަތަރު ފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަށް ކުއްޔަށްދޫކޮށްފައި ހުރި ޕާކިން ސްލޮޓުތައް އާންމުންނަށް ހުޅުވާލުމަށް ސަރުކާރުން ނިންމައިފިއެވެ.
މި ސްލޮޓުތަކަކީ މާލޭ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައި ހުރި ސްލޮޓުތަކެއް ކަމުން، އެ ސްލޮޓުތައް އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހެދުމަށް، ދަތުރުފަތުރާ މަދަނީ އުދުހުންތަކާއި ބެހޭ ވުޒާރާއިން މިހާރު މާލޭ ސިޓީ ކައުންސިލަށް އަންގާފައިވާކަމަށް، މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.
މާލޭގެ މަގުތަކުން ކުއްޔަށް ދޫކޮށްފައި ހުރި ސްލޮޓުތަކުގެ ތެރެއިން ޕްރައިވެޓް އުޅަނދުތަކަށް ދޫކޮށްފައި ހުރި ސްލޮޓެއްގެ އަގަކީ މަހަކަށް 1،500 ރުފިޔާއެވެ. އަދި ޓެކްސީތަކުން ނަގަމުން ދިޔައީ މަހަކަށް 700ރ ރުފިޔާއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ސަރުކާރުގެ މި ނިންމެވުމަކީ އެޓާރނީ ޖެނެރަލްގެ މަޝްވަރާގެ މަތިން ނިންމާފައިވާ ނިންމުމެކެވެ.
ތޮށްޖެހިފައި އޮތް މާލޭ ސިޓީއަށް ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ޕާކުކުރުމުގެ އުނދަގުލެވެ. ކަން އެހެން އޮތްއިރު، އެކަށޭނަ ނޫން މިންވަރަށް އެ ސިޓީގައި އުޅަނދު ގިނަވުމަކީ، މާލޭގެ ޓްރެފިކް ފްލޯރއަށް ވެސް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ.
މި މައްސަލަ ޙައްލުކުރުމަށް މީގެކުރިން މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަޙާއްދުތަކުގައި މެކޭނިކަލް ޕާކިން ސިސްޓަމްތަކެއް ޤާއިމްކޮށްފައިވެއެވެ. ނަމަވެސް އޭގެ ފަހުން އެތައް އަހަރެއް ހޭދަވެފައިވާއިރު، މި ތަކެތީގެ ބޭނުން ހިފާތަނެއް ނުފެނެއެވެ.