ޚަބަރު
އެމްސީއެސްގެ ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި

ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: އެމްސީއެސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެމްސީއެސްގެ ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރޭނިންގ ގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރުއެވެ. ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ޖަލުތަކުގެ ޑައިރެކްޓަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި، ދަޢުވަތު އެރުވި މެޙެމާނުން މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވިއެވެ.
މި ޓްރޭނިންގގެ މައިގަނޑު އަމާޒަކީ، ޖަލު އޮފިސަރުން އަދާކުރަން ޖެހޭ މަސްއޫލިއްޔަތާއި ވާޖިބުތަކާއި އަދި ހުނަރު ދަސްކޮށްދިނުންކަމަށް ކަރެކްޝަންސްއިން ވިދާޅުވިއެވެ. ހަމަ އެހެންމެ، މިއީ އެ ސަރވިސްއާ އަލަށް ގުޅޭ އޮފިސަރުން ފުރިހަމަ ކުރަންޖެހޭ އަސާސީ ތަމްރީން ޕްރޮގުރާމެއްކަމަށް ކަރެކްޝަންސްއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، މި ޕްރޮގްރާމުގައި 27 ބައިވެރިން ބައިވެރިވެފައިވާއިރު، ކޯސް ފުރިހަމަކޮށްފައިވަނީ 22 ބައިވެރިންނެވެ. ދަސްވެނިވި ހުރިހާ ފަރާތްތަކަށް ޕްރިޒަން އޮފިސަރުންގެ ހުވާ ލާދެއްވީ، ކ. މާފުށީ މެޖިސްޓްރޭޓް ކޯޓްގެ މެޖިސްޓްރޭޓް އަލްއުސްތާޛާ ޝިފްނާ އަޙްމަދު ޞާދިޤްއެވެ.
މި ރަސްމިއްޔާތުގައި، ޕްރޮގްރާމް ފުރިހަމަކުރި ފަރާތްތަކަށް ސެޓްފިކެޓް ދިނުމާއި، ހަޔަރ ޑިސްޓިންކްޝަން އާއި ވަނަތައް ހާސިލްކުރި ފަރާތްތަކަށް މެޑަލް އާއި ޕްލާކް ވަނީ ހަވާލުކޮށްފައެވެ. އެގޮތުން، މި ޕްރޮގްރާމްގެ "ބެސްޓް އޯލް ރައުންޑް"އަށް ހޮވިފައިވަނީ، ޕްރިޒަން ޕްރައިވެޓް އިބްރާހިމް ނަސީރުއެވެ. އަދި ޕްރޮގްރާމްގެ "ފިޓަސްޓް އަންހެން އަދި ފިރިހެން" އޮފިސަރުންނަށް ހޮވިފައިވަނީ ޕްރިޒަން ޕްރައިވެޓް ޝަހުމަދު ޝަމީމް އާއި ޕްރިޒަން ޕްރައިވެޓް އާއިޝަތު އިމްޝާ އަރީފްއެވެ. އަދި "އެންމެ މޮޅު ޕްލެޓޫން" އަކަށް ހޮވިފައިވަނީ އައިވަރީ ޕްލެޓޫންއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، މިއީ ތަމްރީނެއްގެ ނިމުން ނޫން ކަމަށާއި މިއީ މަތިވެރި ޖިހާދެއް އަދި ޤައުމީ ވާޖިބެއް އަދާކުރަން ފެށުން ކަމަށެވެ. ހަމަ މިއާއެކު، ކަރެކްޝަނަލް އޮފިސަރުން ޚިދުމަތްކުރަނީ ސަލާމަތާއި ތަރުބިއްޔަތާއި އިންސާފުގެ ބެލެނިވެރިންގެ ގޮތުގައި ކަމަށާއި، އޮފިސަރުންނަށް މައިގަނޑު ގޮތެއްގައި ޙަވާލުކޮށްފައިވާ މަސްޢޫލިއްޔަތުތަކަކީ ކަރެކްޝަންސްގެ އޮފިސްތަކާއި ޖަލުތަކުގައި މަސައްކަތްކުރާ އޮފިސަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ބެލެހެއްޓުމާއި ޖަލުތަކުގައި ޤައިދުކުރެވިފައިވާ ފަރާތްތަކުގެ އިންސާނީ ކަރާމަތާއި ލިބިގެންވާ އެންމެހާ ޙައްގުތައް ޤާއިމުކޮށް ބެލެހެއްޓުން ކަމުގައެއި ކޮމިޝަނަރ ވިދާޅުވިއެވެ.
މީގެ އިތުރުން، ވަޒީފާގައި ދެމިތިބޭހާ ހިނދަކު ނަޒާހަތްތެރިކަން ދެމެހެއްޓުމުގެ މުޙިންމުކަމުގެ މައްޗަށް ކޮމިޝަނަރ ވަނީ ޢަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ފައިސާގެ ދަހިވެތިކަމުގައި ޔުނީފޯރމް ވިއްކާނުލުމަށާއި ވަޒީފާގައި އުޅޭއިރު އިސްލާމް ދީނާއި ޤައުމިއްޔަތަށް ލޯބިކުރާ ބަޔަކަށް ވުމަށް ކޮމިޝަނަރ ވަނީ އިލްތިމާސްކުރައްވާފައެވެ. ހަމަ އެހެންމެ، ކޯހުގައި އުނގަންނާ ދެއްވި އެއްޗެހީގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ޤައިދީން ރިހެބިލިޓޭޓްކުރުމަށް މަސައްކަތްކުރުމަށް ކޮމިޝަނަރ ޙަސަން ޒަރީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ސެޓްފިކެޓް 01 އިން ބޭސިކް ކަރެކްޝަނަލް އޮފިސަރސް ޓްރެއިނިންގ ކޯހަކީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ޤައުމީ ސަނަދު އޮނިގަނޑުގެ ލެވަލް 01 ގެ ސަނަދު ފެންވަރަށް ފަރުމާކޮށް ތައްޔާރު ކޮށްފައިވާ ކޯހެކެވެ.