ޚަބަރު
ދޮންފަނުގެ ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ: ވަޒީރު މުއްޠަލިބު

ވަޒީރު މުއްޠަލިބު/ފޮޓޯ: ސަން އޮންލައިން
ބ. ދޮންފަނުގެ ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ބ. ދޮންފަނު ރައްޔިތުންގެ އެދުމުގެ މަތިން، އެރަށުގެ ބިން ހިއްކުމުގެ މަޝްރޫޢު ސަރުކާރުން ކުރިއަށް ނުގެންދަން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ.
ދޮންފަނުގެ ބިން ހިއްކުމުގެ މަޝްރޫޢުގައި ސޮއިކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ މިދިޔަ މަހު ބ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެގޮތުން، ދޮންފަނުގެ ފަޅުން 13 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން އޭރު ވަނީ ނިންމަވާފައެވެ. ނަމަވެސް، އެ މަޝްރޫޢާއެކު ދޮންފަނާއި ޖެހިގެން އޮތް ބ. އަތޮޅުގެ ބަޔޯސްފިއަރ ރިޒަރވްގައި ހިމެނޭ ހަނިފަރު ބޭ، ހަލާކުވެދާނެކަމުގެ ކަންބޮޑުވުން އެރަށާއި އަތޮޅުގެ ރައްޔިތުންގެ އިތުރުން ގިނަ ބަޔަކު ވަނީ ފާޅުކޮށްފައެވެ. އަދި މިކަމާއި ގުޅިގެން، ބިން ހިއްކުމުގެ މަޝްރޫޢު ކުރިއަށް ގެންދަން ބޭނުންނުވާކަމަށް އެރަށު ރައްޔިތުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު އަބްދުﷲ މުއްޠަލިބު ވިދާޅުވީ، ދޮންފަނުގައި ބިން ހިއްކުން ކުރިއަށް ނުގެންދަވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި ގުޅިގެން ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް، އެރަށުގެ ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ގޮޑުދޮށް ޙިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
ބ. ދޮންފަނުގެ ބަނދަރުގެ މައްސަލަ ޙައްލުކުރުމާއި، ގޮޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށްޓަވާނެކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.