ކޮލަމް
އިސްދޫ ލޯމާފާނުގައިވާ ގޮތަށް، ދިވެހި އަތޮޅުތަކުގެ ނަންތައް

އެވޭލާ އަކުރުން ލިޔެފައިވާ އިސްދޫ ލޯމާފާނު.
ތަޢާރަފު:
އިސްދޫ ލޯމާފާނަކީ ދިވެހިރާއްޖެއިން މިހައި ތަނަށް ފެނިފައިވާ އެންމެ ޤަދީމީ ލޯމާފާނެވެ. އެލޯމާފާނު ލިޔެވިފައިވަނީ އެވޭލާ އަކުރު ބޭނުންކޮށްގެންނެވެ. ދިވެހިބަހުގެ ރަދީފުގައި ވާ ގޮތުން، ލޯމާފާނު ނުވަތަ މާލޯފާނަކީ "ރަދުންގެ އަމުރުފުޅުތަކާއި ތާރީޚީ ވާހަކަތައް ލިއުމަށް ލޮއިން ނުވަތަ އެ ނޫން ވެސް ވިރިކެކޭ މަޢުދަނަކުން ހަދައިފައި ހުންނަ ހަނިދިގު ފޮތިތަކެއް."
"ލޯ" މާނައީ ވިރިކެކޭ މަޢުދަން.
"މާ" މާނައީ ބޮޑު.
"ފާނު" މާނައީ ފަތް.
މިތިން ލަފުޡު އެއްކޮށްލުމުން ދޭހަވާ ޖުމުލަ މާނައަކީ: ވިރިކެކޭ މަޢުދަނަކުން ހަދާފައި ހުރި ބޮޑު ފަތްކޮޅު.
އިސްދޫ ލޯމާފާނު ލިޔެވުނު ތާރީޚާ މެދު އެލޯމާފާނުގައި ވެއެވެ:
"ޝްރީ މުޙަންމަދު ޕެތާމްބަރުން ދުނިޔެން ސުވަރުގަ ވަޑައިގަތު ފަސުޝައްތަ ބަޔާހި އަވުރޮދު ވީ ސިދެ"
މާނައީ: "މާތް މުޙަންމަދު ފޭތާންބަރު ދުނިޔޭން ސުވަރުގެ ވަޑައިގަތްތާ ފަސްސައްތަ ބަޔާހި އަހަރު ވީ ހިނދު."
މިތަންކޮޅުން އެނގޭ ގޮތުގައި، އިސްދޫ ލޯމާފާނު ލިޔެވުނީ ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲ ގެ ފާނުން ސުވަރުގެ ވަޑައިގަތް ފަހުން ފަސް ސައްތަ ބަޔާހި (582) އަހަރު ފަހުންނެވެ. ތާރީޚު ޢިލްމުވެރީން އިއްތިފާޤުވެލައްވާ ގޮތުގައި، ސަލާމާއި ޞަލަވާތް ލެއްވި އިތުރު އެކަލޭގެފާނުން ސުވަރުގެ ވަޑައިގަތީ މަދީނާއަށް ހިޖުރަކުރެއްވުމަށް ފަހު ދިހަ އަހަރު ވޭތުވުމުންނެވެ. ވީމާ، އިސްދޫ ލޯމާފާނު ލިޔެވުނު ހިޖުރީ އަހަރަކީ 592 މިއަހަރެވެ. އެއީ މީލާދީ ގޮތުން 1194 ވަނަ އަހަރެވެ.
މިލޯމާފާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ލޯމާފާނު ލިޔެވުނީ "ގަދަނާދީތުޔަ މާރަސުން ތިންވޫ އަވުރޮދުން". މާނައީ: "ގަދަނާދީއްތަ މަހާރަދުންގެ ތިނެއް ވީ އަހަރު". މިތަންކޮޅުން ދޭހަވަނީ، އިސްދޫ ލޯމާފާނު ލިޔެވުނީ ސްރީ ގަދަނާދީއްތަ މަހާރަދުންގެ ރަސްކަމުގެ ތިންވަނައަށް ވީ އަހަރުގެ ތެރޭގައި ކަމެވެ.
އިސްދޫ ލޯމާފާނުގައި ނަންގަނެވިފައިވާ ރާއްޖޭގެ އަތޮޅުތާކާއި ސަރަޙައްްދުތައް
މިލިޔުމުގައި ބަލައިލާނީ މިއަދު ފެންނާން ހުރި ދިވެހިރާއްޖޭގެ އެންމެ ޤަދީމީ ލިޔުން ކަމުގައިވާ އިސްދޫ ލޯމާފާނުގައި ދިވެހިރާއްޖޭގެ އަތޮޅުތަކާއި ސަރަޙައްދުތަކަށް ބޭނުންކޮށްފައިވާ ނަންތަކާއި، އެނަންތަކުގެ މާނައަށެވެ.
"ތިލަދުންމަތުޔެ" - ތިލަދުންމަތި. މިނަން އިސްދޫ ލޯމާފާނުގައި އެއްފަހަރު ނަންގަނެވިގެން ވެއެވެ. "ތިލަދުންމަތުޔެ" ތެރޭގައި ހިމެނެނީ ހ.އ. އަދި ހ.ދ. އަތޮޅެވެ. މިނަމުގެ މާނައީ: "ތިލަދޫ މަތި". މިބަހީ: ތިލަދޫ މައްޗަށް އެކުލެވިގެންވާ ސަރަޙައްދު ނުވަތަ އަތޮޅު. ތިލަދުއަކީ އުުތުރުގައި އިހު އޮތް ރަށެކެވެ. ނަމަވެސް މިހާރު މިރަށް ވަނީ ދިއްދުއާ އެކުވެފައެވެ.
"މިލަދުވިމަޑުލެ"، "މިލަދުވުމަޑުލެ" - މިލަދުންމަޑުލު. މިއަތޮޅު އިސްދޫ ލޯމާފާނުގައި އެގާރަ ފަހަރު ނަންގަނެވިގެން ވެއެވެ. މިނަމުގެ ތެރޭގައި ހިމެނެނީ ށ. އަތޮޅާއި ނ. އަތޮޅެވެ. ނަމުގެ މާނައީ: "މިލަދޫ މަޑުލު". މިބަހީ: ނ. މިލަދޫ އޮންނަ ސަރަޙައްދު ނުވަތަ އަތޮޅު. ނަމަވެސް މިއީ ށ. މިލަންދުއަށް ނިސްބަތްވާ ނަމެއް ކަމަށް ވެސް ބައެއް ފަރާތްތަކުން ދެކޭ.
"މަނަދުވިމަޑުލެ" - މިނަން އިސްދޫ ލޯމާފާނުގައި ނަންގަނެވިގެން ވަނީ އެންމެ ފަހަރަކެވެ. މިއީ މިލަދުންމަޑުލު ދެކުނުބުރިއަށް ބޭނުންކޮށްފައިވާ ނަމެކެވެ. އަދު ވެސް ނ. އަތޮޅުގައި ވެރިކަން ކުރާ ރަށަކީ މަނަދުއެވެ. ނަމުގެ މާނައީ: "މަނަދޫ އޮންނަ ސަރަޙައްދު".
"މާޅޮސްމަޑުލެ" - މާޅޮސްމަޑުލު. މިނަން ދެފަހަރު އިސްދޫ ލޯމާފާނުގައި ވެއެވެ. "މާޅޮސްމަޑުލެ" ތެރޭގައި ހިމެނެނީ ރ. އަތޮޅާއި ބ. އަތޮޅެވެ. ނަމުގެ މާނައީ: "މާޅޮސް އޮންނަ ސަރަޙައްދު". އެއީ ބ. މާޅޮހަށް ނިސްބަތްކޮށް ކިޔާފައިވާ ނަމެއް.
"ބިޔައިދުވަތެޅެ" - މިނަން އިސްދޫ ލޯމާފާނުގައި އެއްފަހަރު ނަންގަނެވިގެން ވެއެވެ. މިއީ މާލެއަތޮޅަށް ބޭނުންކޮށްފައިވާ ނަމެކެވެ. ނަމުގެ މާނައީ: "ބިޔައިދު އަތޮޅު". މިބަހީ: ކ. ބިޔަދޫ އޮންނަ އަތޮޅު.
"އަރިއަދުވަތެޅި" ނުވަތަ "އަރިދުވަތެޅި" - އަރިއަތޮޅު. މިދެނަން ޖުމުލަ ހަތް ފަހަރު އިސްދޫ ލޯމާފާނުގައި ވެއެވެ. އެއީ އ.އ. އަތޮޅާއި އ.ދ. އަތޮޅެވެ. މިނަމުގެ މާނައީ: "އަރިއަދޫ އަތޮޅު". ނަން ނިސްބަތްވެގެން ވަނީ އ.ދ. އަރިއަދުއަށް. އެއީ މިހާރު ފަޅު ރަށެއް ނަމަވެސް ކުރިން މީހުން ދިރިއުޅެމުން އައި ރަށެއް. އެރަށުން ބުދުދީނުގެ ޤަދީމީ އާޘާރުތަކެއް ފެނިފައިވޭ.
"ޕެލިދުއަތެޅި" - ފެލިދެއަތޮޅު ނުވަތަ ފެލިދުއަތޮޅު. މިނަން އިސްދޫ ލޯމާފާނުގައި އެއްފަހަރު ނަންގަނެވިފައިވާ އިރު، މިނަމުގައި ހިމެނެނީ ވ. އަތޮޅެވެ. ނަން ނިސްބަތް ކުރެވިގެން ވަނީ ވ. ފެލިދުއަށެވެ.
"މުލޮކަތެޅި" ނުވަތަ "މުލަކަތެޅު" - މުލަކުއަތޮޅު = މ. އަތޮޅު. މިދެނަން ޖުމުލަ ދެފަހަރު ނަންގަނެވިފައިވެއެވެ. ނަން ނިސްބަތްކުރެވިގެން ވަނީ މ. މުލައް މިރަށަށް.
"ނެލަންދުވަތެޅި" ނުވަތަ "ނިލަންދެއަތެޅެ" - ނިލަންދެއަތޮޅު. މިދެނަން އިސްދޫ ލޯމާފާނުގައި ޖުމުލަ ދެފަހަރު ނަންގަނެވިގެން ވެއެވެ. ނަމުގައި ހިމެނެނީ ފ. އަތޮޅާއި ދ. އަތޮޅެވެ. މިނަން ނިސްބަތްވެގެން ވަނީ ފ. ނިލަންދުއަށް.
"ކެޅެވަންދުވެމަޑުލެ" ނުވަތަ "ކެޅެމަޑުލެ" - ކޮޅުމަޑުލު. މިދެނަން ޖުމުލަ ހަފަހަރު ނަންގަނެވިގެން ވެއެވެ. މިއީ ތ. އަތޮޅެވެ. "ކެޅެވަންދުވެމަޑުލެ" މިނަމުގެ މާނައީ: "ކޮޅުގައި އޮންނަ ވަންދޫ އޮންނަ އަތޮޅު" ނުވަތަ "ވަންދޫ އޮންނަ ކޮޅުގައި އޮންނަ އަތޮޅު." މިނަން ނިސްބަތް ވަނީ ތ. ވަންދުއަށް. މިއަތޮޅަކީ ދިވެހިރާއްޖޭގެ އެންމެ ޤަދީމީ އެއް އަތޮޅު ކަމުގައި ބުނެވޭ.
"ސަތުދުވުމައްތަ"، "ސަތުދުވުމަތުޔެ"، "ސައްދުވުމައްތެ"، "ސަތަދުންމައްތެ" - މިއީ ހައްދުންމައްޗަށް އިސްދޫ ލޯމާފާނުގައި ބޭނުންކޮށްފައި ހުރި ގޮތްގޮތެވެ. މިނަން އިސްދޫ ލޯމާފާނުގައި ފަސް ފަހަރު ނަންގަނެވިގެން ވެއެވެ. މިނަމުގައި ހިމެނެނީ ލ. އަތޮޅެވެ. ނަމުގެ މާނައީ: "ހަތް ރަށުގެ މައްޗަށް އެކުލެވިގެންވާ". ހައްދުންމައްޗަކީ "ޙައްދުން މަތީގައި" ވުމުގެ މާނައިގައި ބޭނުންކުރާ ނަމެއް ނޫނެވެ. އެއީ ބައެއް މީހުންނަށް ހީ ވެފައި އޮންނަ ކުށް ހީއެކެވެ. "ޙ" އަކުން ލިޔުނީމާ ޙައްދަކީ ކަމެއްގެ އިމެވެ. ނުވަތަ މިނެވެ. އެއީ ޢަރަބި ބަހުން ދިވެހި ބަހަށް ވަދެފައިވާ ލަފުޡެކެވެ. ނަމަވެސް ތިކިނުޖަހާ ލިޔުނީމާ، "ހައްދު" އެއީ "ސައްދު" އެވެ. "ސައްދު" އެއީ "ސަތު ދުވު" މިދެ ލަފުޡުން ނެގިފައިވާ ނަމެކެވެ. ސަތު މާނައީ ހަތެއް. ދުވު = ދޫ، މާނައީ ރަށް. މިނަމުން ދޭހަވާ ގޮތުގައި، ލ. އަތޮޅުގައި އިހުގައި މަޝްހޫރު ހަތް ރަށެއް އޮތެވެ.
"ސުވަދުމައްތެ"، "ސުވަދުވުމަތުޔެ" - ހުވަދުއަތޮޅު. މިދެގޮތް ޖުމުލަ ތިން ފަހަރު އިސްދޫ ލޯމާފާނުގައި ލިޔެވިގެން ވެއެވެ. ހިމެނެނީ ގ.އ. އަދި ގ.ދ. އަތޮޅެވެ. ނަމުގެ މާނައީ: "ހުވަދޫ މަތި". މިތަނުގައިވާ "ހުވަދޫ" މިއީ ކޭހުވަދޫ ކަމަށް ބުނެވެއެވެ. އެއީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. ނަމަވެސް މިހާރު އެރަށުގެ އަޘަރު ނޫނީ ނެތެވެ.