ކޮލަމް
ދޭތެރެ ޖެއްސުމާއި ދެބައޮޑުވުން: މުޖުތަމައުގައި އަށަގަނެފައިވާ ހުތުރު އާދައެއް
ދޭތެރެ ޖެއްސުން... ފޮޓޯ: އަކޮންޝިއަސްރިތިންކް
އަހަރެމެން މިއުޅެނީ ކުޑަކުޑަ މުޖުތަމައެއްގައެވެ. ކޮންމެ ދިމާލަކަށް ބަލާލިޔަސް ފެންނަނީ ދަންނަ، ދެކެފަރިތަ މޫނުތަކެކެވެ. އެއްބަޔަކު އަނެއްބަޔަކާ އޮންނަ ގުޅުން ބަދަހިކޮށް، އެކުވެރިކަމާއެކު އުޅެންޖެހޭފަދަ މާހައުލެއްގައި، މިއަދު އަހަރެމެންގެ ތެރެއިން އެންމެ އާންމުކޮށް ފެންނަ އަދި އިވޭ އެއް އަޑަކީ، "ދޭތެރެ ޖެއްސުމާއި" "ދެބައޮޑުވުމުގެ" ވާހަކައެވެ. އާންމު ބަހުރުވައިންނަމަ "އެހެންމީހުންގެ މަސް ކެއުމެވެ."
އެކުވެރިންގެ ގޮތުގައި ތިބެ، އެކަކު އަނެކަކުގެ މެދުގައި ހަސަދަވެރިކަން އުފައްދައި، ގުޅުންތައް ކަނޑާލުމަށް މަސައްކަތްކުރާ މީހުން މަދެއް ނޫނެވެ. މިއީ ހަމައެކަނި ފޫހިވެގެން ކުރާ ކަމެއް ހެއްޔެވެ؟ ނުވަތަ އެހެން މީހުންނަށް އަންނަ ރުޅިއެއްގެ ސަބަބުން ކުރާ ކަމެއް ހެއްޔެވެ؟ ކޮންމެ ސަބަބަކާ ހުރެ ކުރިޔަސް، މިއީ މުޖުތަމައުގެ އިޖުތިމާއީ ފޭރާން އަނދައި އަޅިއަށް ހަދާލާފަދަ ނުރައްކާތެރި އާދައެކެވެ.
ގިނަ ފަހަރަށް ދޭތެރެ ޖައްސާ މީހުންނަށް ހީވަނީ، އެހެން މީހުންގެ ނުބައި ވާހަކަ ދައްކައިގެން ނުވަތަ ސިއްރުތައް ފަޟީހަތްކޮށްގެން އެހެން މީހުންގެ މަގުބޫލުކަން ހޯދިދާނެ ކަމަށެވެ. ނަމަވެސް ހަގީގަތަކީ މުޅިން ތަފާތު އެއްޗެކެވެ. އެފަދަ މީހުން ދައްކާ ވާހަކަ އަޑުއަހަން ތިބޭ މީހުންވެސް، އެމީހުންނަށް އިތުބާރެއް ނުކުރާނެއެވެ. އެމީހުންގެ އަމިއްލަ ސިއްރުތައް އެފަދަ މީހަކާ ހިއްސާކުރަން އަބަދުވެސް ޖެހިލުންވާނެއެވެ. އޭގެ ނަތީޖާއަކަށް ވަނީ އެފަދަ މީހުން މުޖުތަމައުގައި އެކެހެރިވެ، އިތުބާރު ގެއްލިގެން ދިއުމެވެ.
ގިނަ މީހުން މިފަދަ ކަންކަން ފެނުމުން ނޭނގޭ ކަމަށް ހަދައިގެން ތިބެނީ، މައްސަލަ އިތުރަށް ބޮޑުކުރަން ބޭނުން ނުވާތީއެވެ. ކަންތައްވާ ގޮތް ނޭނގޭތީއެއް ނޫނެވެ. ނަމަވެސް، ހިމޭނުން ތިބުމަކީ އަދި މި މައްސަލައަށް އޮތް ހައްލެއް ނޫނެވެ.
ދޭތެރެ ޖެއްސުމާއި ދެބައޮޑުވުމަކީ އިސްލާމް ދީނުގައިވެސް ނުހަނު ބޮޑަށް ނަހީކުރައްވާފައިވާ، އަދި ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިއީ އިންސާނާގެ އަޚްލާގު ހަލާކުކޮށް، ދުނިޔެއާއި އާޚިރަތުގެ ބާއްޖަވެރިކަން ގެއްލުވާލާ ކަމެކެވެ. އަހަރެމެންގެ މުޖުތަމައު އަމާން، އެކުވެރި ތަނަކަށް ހެދެން އޮތީ މިފަދަ ނުބައި އާދަތަކުން ދުރުހެލިވެގެންނެވެ. އެހެންކަމުން، ދޭތެރެ ޖެއްސުމުގެ ނުބައި އާދަ އަށަގަނެފައިވާ ފަރާތްތަކަށް ހެޔޮ ވިސްނުން ދެއްވައި، އެފަދަ ކަންކަމުން ތައުބާވެ، މުޖުތަމައުގެ އެކުވެރިކަން ބަދަހިކުރުމަށް އެންމެން އެކުވެރިކަމާއެކު އަތުގުޅާލުމަކީ މިއަދު އިންތިހާއަށް ބޭނުންތެރި ކަމެކެވެ.