ކޮލަމް
ޢިބުރަތް ހާސިލު ކުރަންވީ ކާބަފައިންގެ ދިރިއުޅުމުން، ހުޅަނގުގެ ދިރިއުޅުމަކުން ނޫން
ދިވެހިންގެ އަމިއްލަވަންތަކަން..
ސަޤާފަތާއި އަމިއްލަވަންތަކަމަކީ ޤައުމެއްގެ ދިރުމެވެ. ދިވެހިންނަކީ ކުޑަކުޑަ ޖަޒީރާ ޤައުމަކަށް ވީނަމަވެސް، ފަޚުރުވެރި ބަހަކާއި، ވަކި ޚާއްޞަ ސަޤާފަތެއް ލިބިފައިވާ ޤައުމެކެވެ. ނަމަވެސް، މިއަދުގެ ދުނިޔެއަށް އަންނަމުންދާ އަވަސް ބަދަލުތަކާއެކު، އަޅުގަނޑުމެންގެ ސަޤާފީ އަދި އިޖުތިމާޢީ މިންގަނޑުތަކަށް މިވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
ކޮންމެ މުޖުތަމަޢެއްގެ ވެސް އެންމެ ބޮޑު ބަހާއަކީ އެބައެއްގެ އަމިއްލަވަންތަކަމެވެ. ދިވެހިރާއްޖެއަކީ ވަކި ޚާއްޞަ ބަހަކާއި، ސަޤާފަތަކާއި، އިސްލާމީ ވަހުދަތެއް ލިބިފައިވާ މުއްސަނދި ތާރީޚެއް އޮތް ޤައުމެކެވެ. ނަމަވެސް، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، އަޅުގަނޑުމެންގެ ކާބަފައިންގެ ފަރާތުން ވާރުތަވި އަގުހުރި އާދަކާދަތަކާއި އަޚްލާޤީ މިންގަނޑުތައް މިއަދު މިވަނީ ހަނދާންނެތެން ފަށާފައެވެ.
އިހުގެ ދިވެހިންނަކީ ބަހަށް ވަރަށް ބޮޑަށް ޙުރުމަތްތެރިކޮށް ހިތި ބަޔެކެވެ. ވާހަކަދެއްކުމުގައާއި ލިޔުންތެރިކަމުގައި ދިވެހިބަހުގެ އަމިއްލަ ރީތިކަމާއި، މަޚްރަޖާއި، އިޙްތިރާމްކުރުމުގެ ދަރަޖަތައް ހިފެހެއްޓިއެވެ. ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ކުދިންގެ ފަރާތުންނާއި ޒުވާނުންގެ ފަރާތުން ފެންނަނީ އެހެން ބަސްބަހުގެ ނުފޫޒު ވަދެ، ދިވެހިބަސް މަސްހުނިވެގެންދާ މަންޒަރެވެ. އަމިއްލަ ބަހުން ވާހަކަދެއްކުމަކީ ދަށުދަރަޖައިގެ ކަމެއްގެ ގޮތުގައި ދެކޭ މީހުންވެސް މަދެއް ނޫނެވެ.
އޭގެ އިތުރުން، އިޖުތިމާޢީ ގުޅުންތަކަށް ބަލާއިރު، އިހުގައި އޮތް އެކުވެރިކަމާއި އެކަކު އަނެކަކަށް އެހީތެރިވުމުގެ ރޫޙު މިވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ކުރީގައި މުޅި އަވަށާއި ރަށް އޮންނަނީ އެއް އާއިލާއެއްގެ ގޮތުގައެވެ. އުފަލާއި ހިތާމައިގާ އެކުގައި ބައިވެރިވިއެވެ. ނަމަވެސް، މިއަދު ތަރައްޤީގެ ނަމުގައި އަޅުގަނޑުމެންގެ މުޖުތަމަޢުން ފެންނަނީ އެކެކު އަނެކަކަށް ބެލުމެއްނެތި، އެމީހަކު އަމިއްލައަށް އުޅެމުންދާ މަންޒަރެވެ. އަވަށްޓެރިޔާގެ ހާލުބަލާލާނެ ވަގުތެއްވެސް މިއަދަކު ނެތެވެ.
ރާއްޖެ އިސްލާމް ވީ ދުވަހުން ފެށިގެން ދިވެހިންނަކީ އަޅުކަމަށް ވަރަށް ފަރުވާތެރި ބަޔެކެވެ. މަސައްކަތުގައި އަވަދިނެތި އުޅެމުން ވެސް ގަޑިން ގަޑިއަށް ނަމާދު ކުރި ބަޔެކެވެ. ކަނޑު މަތީގައި ވިޔަސް، ދަނޑު މަތީގައި ވިޔަސްމެއެވެ. ނަމަވެސް، މިހާރު ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން މި އާދަ ފެންނަން އޮތީ ވަރަށް މަދު ބައެއްގެ ފަރާތުންނެވެ. ނަމާދަށް ނުދަނީ ކީއްވެތޯ ސުވާލު ކުރުމުން ޖަވާބަކަށް ވަނީ އޮފީހުގައި މާ ބުރަކޮށް އުޅޭތީ ނަމާދަށް ނުދެވެނީ ކަމަށެވެ. ނަމާދު އެޅުމަކީ އެމީހުންނަށް ބޮޑުކަމަކަށް ނުވާ ފަދައެވެ.
އިހުގައި ދިވެހިންނަކީ އެއް ތަށިން ކައި، އެއް ތަށިން ބޮއެ އުޅުނު ބަޔެކެވެ. ޖެހިގެން ހުންނަ ގޭގެ ބަތް ތަވާގެ ފޫ ކަހާ އަޑު އިވުމުން އެ ގެއަށް ކާ އެއްޗެހި ފޯރު ކޮށްދިން ބަޔެކެވެ. ނަމަވެސް، ދިވެހި މުޖުތަމަޢުން މިހާރު މި މަންޒަރެއް ނުފެނެއެވެ. ހުޅަނގުގެ ޤައުމުތައް ފަދައިން އެ މީހަކާ އެ މީހެކެވެ. އަވަށްޓެރިއަކަށް، އާއިލާ މީހަކަށް ބެލުމެއް ނެތެވެ. އޮންނަން ޖެހޭ އެއްބައިވަންތަ ކަމެއް ވެސް ނެތެވެ.
މާޒީވެ ދިޔަ އަހަރު ތަކުގައި ދިވެހިން ސަޤާފީ ހެދުން އަޅައި އުޅުނު ގޮތް ވެސް މިހާރު ބަދަލު ވެއްޖެއެވެ. އިހުގައި އަންހެނުން ލައި އުޅުނީ ލިބާހާއި ކަނޑިކިއެވެ. ފިރިހެނުން ލައިއުޅުނީ މުންޑު ނުވަތަ ފޭލި އާއި އެކު ގަންޖުފަރާހެެވެ. ނަމަވެސް، މިހާރު ސަޤާފީ ހެދުމެއް ލާން ޖެހިއްޖެ ނަމަ ދެ ބާވަތުގެ މީހުން ވެސް ގިނަފަރު ލައި އުޅެނީ ޓީޝާޓަކާއެކު ފޭއްޔެކެވެ. ސަޤާފީ ހެދުމެކޭ ބުނެވޭ ޒާތުގެ އެއްޗެއް ފެންނާނީ ވަރަށް މަދުންނެވެ. ކަން މިހެން އޮތަސް، އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ހަޤީޤަތަކީ އަމިއްލަ ސަޤާފަތް ތެރެއަށް އެހެން ސަޤާފަތްތައް ވެއްދުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމެވެ.
އަޅުގަނޑުމެން ދިވެހިންނަށް ދިވެހިންނޭ ކިޔުނީ އަޅުގަނޑުމެންގެ ކާބަފައިންގެ ސަބަބުންނެވެ. އެހެން ކަމުން އަޅުގަނޑުމެން ނަމޫނާ އަކަށް ވެސް ބަލަން ޖެހޭނީ ހަމަ އެ ކާބަފައިންނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ މީހުން ކުރާ ކަންތަކަކަށް ނޫނެވެ.
އަޅުގަނޑުމެންގެ ސަޤާފީ ކުޅިވަރުތަކާއި، ހެދުންއެޅުމުގެ އާދަތައްވެސް މިވަނީ ދާދި އެއްކޮށް އުވިގެން ގޮސްފައެވެ. ސަޤާފީ ދުވަހެއް ނުވަތަ ޚާއްޞަ މުނާސަބަތެއް ފިޔަވައި، އަމިއްލަ ސަޤާފަތް ދިރުވައި އާލާކުރުމަށް ކުރެވޭ މަސައްކަތް ވަރަށް ކުޑައެވެ. އެހެން ޤައުމުތަކުގެ އާދަކާދަތަކާއި ފެޝަންތައް ކޮޕީކުރުމަކީ ތަހުޒީބީ ކަމެއްގެ ގޮތުގައި ދެކެން ފެށުމަކީ އަޅުގަނޑުމެންގެ އަމިއްލަވަންތަކަމަށް ލިބޭ ބޮޑު ނިކަމެތިކަމެކެވެ.
އަންނަން އޮތް ޖީލުތަކަށް އަޅުގަނޑުމެންގެ ދިވެހިވަންތަކަން ފޯރުކޮށްދިނުމަކީ، މިއަދު އަޅުގަނޑުމެންގެ އެންމެންގެ ބޮލުގައި އެޅިފައިވާ ޤައުމީ އަދި ފަރުދީ ޒިންމާއެކެވެ.