ކޮލަމް

ހަގީގަތް ބެލުމެއްނެތި ވާހަކަ ފެތުރުން: ދިވެހިންގެ ތެރޭގައި އާއްމުވެފައިވާ ސިފައެއް

ހަގީގަތް ބެލުމެއްނެތި ވާހަކަ ފެތުރުން: ދިވެހިންގެ ތެރޭގައި އާއްމުވެފައިވާ ސިފައެއް

ފޮޓޯ.. މޯލްޑިވިއަންއެޑްވެންޗާރސް

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

08 އޮކްޓޯބަރު 2026، 01:38

08 އޮކްޓޯބަރު 2026، 01:38

ހަގީގަތް ބެލުމެއްނެތި ދޮގު ޚަބަރާއި އަޑުތައް ފެތުރުމަކީ ދިވެހި މުޖުތަމަޢުގެ ތެރޭގައި ނުހަނު އާއްމުވެފައިވާ ނުރަނގަޅު ސިފައެކެވެ. ރާއްޖޭގެ ރަށްރަށުގެ ހޮޅުއަށިތަކާއި ޖޯލިފަތިތަކަށް ނަޒަރު ހިންގާލަބަލާށެވެ. އެތަންތަނުގައި އެންމެ ފޯރިއާއެކު ދެކެވެމުންދަނީ ކޮންކަހަލަ ވާހަކަތަކެއްތޯ ކޮންމެ ބޭފުޅަކުވެސް އަމިއްލަ ނަފުސާ ސުވާލުކޮށްލުން މުހިންމެވެ. އެތަންތަނުން އިވޭނީ، އެކި މީހުންގެ އަމިއްލަ ދިރިއުޅުމުގެ ވާހަކަތަކާއި، އެވެނި މީހަކު މިވެނި ކަމެއް ކޮށްފިޔޭ ނުވަތަ އެވެނި ވާހަކައެއް ބުންޏޭ ކިޔައިގެން ދެކެވޭ ވާހަކަތަކެވެ. މި ވާހަކަތައް ދައްކަނީ ހަމައެކަނި އެފަދަ ތަންތަނަކު ނޫނެވެ. ޒަމާނީ ކެފޭތަކާއި ރެސްޓޯރެންޓްތަކުގައި ސައިކޯފީއެއްގައި އިންނަ ވަގުތުތަކުގައި ވެސް އެންމެ ގިނައިން އިވޭނީ މިފަދަ ވާހަކަތަކެވެ.

ނަމަވެސް، މިއިން ކޮންމެ އަޑަކީ ނުވަތަ ދެކެވޭ ވާހަކައަކީ ތެދެއްތޯ ވިސްނާލުން މުހިއްމެވެ. ތިބާގެ ކަންފަތަށް އިވޭ ކޮންމެ މައުލޫމާތަކީ ސައްޙަ ހަޤީޤަތެއް ކަމުގައި ނިންމައިގެން ނުވާނެއެވެ. ވާނުވާ ނޭނގި، ތާކުންތާކު ނުޖެހޭ އަޑުތައް ޤަބޫލުކޮށްގެން އުޅުމަކީ ނޭނގި ނަމަވެސް އެހެން މީހެއްގެ އަބުރާއި ޢިއްޒަތް ކަތިލުމަށް މަގުފަހިވާ ކަމެކެވެ. އަދި މީހަކު ނެތް ތަނެއްގައި އެމީހެއްގެ ނުބައި ވާހަކަ ދެއްކުމަކީ އަޚްލާޤީ ގޮތުން ނުރަނގަޅު، އިސްލާމްދީނުގެ އުސޫލުތަކާއި ޚިލާފު ކަމެކެވެ.

ވެރިރަށް މާލޭގައި ހިނގާ ކަމެއްގެ ޚަބަރު، ރަސްމީ ނޫސްތަކާއި ޚަބަރު ފަތުރާ ވަސީލަތްތަކުން ގެނެސްދިނުމުގެ މާ ކުރިން ރަށްރަށަށް ފޯރައި ނިމެއެވެ. މިއީ ހައިރާންވާންޖެހޭ އަވަސްމިނެކެވެ. ނަމަވެސް ގިނަ ފަހަރަށް އެފެތުރޭ ވާހަކަތައް އޮންނަނީ ހަގީގީ ހާދިސާއާ މުޅިން އިދިކޮޅަށެވެ. އެކަކު އަނެކަކަށް ވާހަކަ ކިޔައިދެމުން ގޮސް، ވާހަކައިގެ އަސްލު އޮޅި، އެންމެ ފަހުން މައުސޫމު މީހެއްގެ އަބުރު ކަތިލެވިގެންދެއެވެ. މިފަދަ ނުރަނގަޅު އާދަތައް މާލޭގެ މުޖުތަމަޢުގައިވެސް، ހާއްސަކޮށް އެކުވެރިންގެ މެދުގައި ނުހަނު އާންމެވެ. މިއީ މުޅި މުޖުތަމަޢުގެ އިޖުތިމާޢީ ފޭރާމަށް ނޭދެވޭ އަސަރު ކުރާ ކަމެކެވެ.

މިކަމުގެ ސަބަބުން ގުޅުންތަކަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިސްނާލާށެވެ. މީހެއްގެ ކިބައިގައި ދޮގު ވާހަކަ ފެތުރުމުގެ އާދަ ހުންނަނަމަ، އެމީހާއީ އެންމެ ގާތް ރަހުމަތްތެރިޔާ ކަމުގައި ވީނަމަވެސް އަމިއްލަ ވާހަކަތައް ހިއްސާކުރަން ކޮންމެ މީހަކުވެސް ޖެހިލުންވާނެއެވެ. އެހެންކަމުން، މީހުން ވާހަކަ ހިއްސާ ނުކުރާ ކަމަށް ބުނެ ޝަކުވާ ކުރުމުގެ ކުރިން، އަމިއްލަ ނަފުސުގައި އެފަދަ ސިފައެއް ހުރިތޯ ބަލައި އިސްލާހުވާންޖެހެއެވެ. އިތުބާރު ނެތް ތަނެއްގައި ގާތް ގުޅުމެއް ނުއުފެދޭނެއެވެ.

ދިވެހިންގެ ކިބައިގައި ހަރުލާފައިވާ މި ނުރަނގަޅު އާދަ ނައްތާލެވޭތޯ އެންމެންވެސް މަސައްކަތް ކުރުން މުހިއްމެވެ. މިކަމުގެ ސަބަބުން މުޖުތަމަޢަށާއި، ވާހަކަ ފަތުރާ މީހާ އަދި ވާހަކަތައް ރައްދުވާ މީހާއަށް ވެސް އެއްވެސް ފައިދާއެއް އެބައޮތްތޯ ނިކަން އަމިއްލަ ނަފުސާއި ސުވާލު ކޮށްލަބަލާށެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450