ކޮލަމް
ކުނިއެޅުމުގެ މައްސަލައަށް ހައްލު ހޯދާނީ ކިހިނެއް؟
މާލެ މަގުމައްޗަށް ކުނި ނެރެފައި..
މަގުމައްޗަށް ކުނި އެޅުމުގެ މައްސަލައަކީ ދިވެހިރާއްޖޭގައި އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުން އަންނަ، ތިމާވެއްޓާއި އާންމު ސިއްހަތަށް އޭގެ ނޭދެވޭ އަސަރު އިންތިހާއަށް ކުރަމުންދާ މައްސަލައެކެވެ. ރާއްޖޭގެ ރަށްތަކުގެ ބިން ކުޑަވުމާއި، އުފެދޭ ކުނީގެ މިންވަރު ދުވަހުން ދުވަހަށް އިތުރުވަމުން ދިއުމުގެ ސަބަބުން ކުނި މެނޭޖްކުރުމަކީ ބޮޑު ގޮންޖެހުމަކަށް ވަނީ ވެފައެވެ.
ކުނި ރަނގަޅު ގޮތުގައި ނައްތާނުލެވި ކަނޑަށާއި ފަޅަށް އުކާލެވުމުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ބޮޑެތި ގެއްލުންތަކެއް ލިބެއެވެ. ޕްލާސްޓިކާއި އެހެނިހެން ނުރައްކާތެރި މާއްދާތައް ކަނޑުގެ ތިމާވެއްޓާއި އެކުވެ، ފަރުތަކުގެ ދިރުން ހަލާކުވެ، މަސްމަހާމެހީގެ އާބާދީއަށް އޭގެ ނޭދެވޭ އަސަރު ކުރެއެވެ. މީގެ އިތުރުން، ރަށްރަށުގައި ސާފުނުކުރެވި ގިނަދުވަސްވާ ކުނިފުނިތަކުގެ ސަބަބުން މަދިރިއާއި ފަނިފަކުސާ އާލާވެ، ރޯގާއާއި ތަފާތު ނުރައްކާތެރި ބަލިތައް ފެތުރުމުގެ ފުރުސަތު ބޮޑުވެގެންދެއެވެ.
މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ކުނި މަދުކުރުމާއި، ވަކިކުރުމާއި، އަދި ރީސައިކަލް ކުރުމުގެ އާދަ ފަރުދީ ފެންވަރުގައި އަށަގަންނުވަންޖެހެއެވެ. އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ބޭނުންކުރުން މަދުކޮށް، ކުނި މެނޭޖްކުރާ ނިޒާމުތައް ހަރުދަނާކޮށް، އާންމުން ހޭލުންތެރިކުރުވުން އިތުރުކުރުމަކީ މި ރީތި ޖަޒީރާ ގައުމު އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
މާލެއާއި ހުޅުމާލޭގެ މަގުތަކަށް ނަޒަރު ހިންގާލިޔަސް ފެނިގެންދަނީ ކުނިބުނިން ފުރިފައިވާ ވެއްޓެކެވެ. މަގުމައްޗަށާއި އާންމު ސަރަހައްދުތަކަށް އުކާލެވިފައިވާ ކުނީގެ ސަބަބުން ނުބައި ވަސްދުވައި، މުޅި މާހައުލު ސާފުތާހިރުކަންެ ނެތިގެންދެއެވެ. މީގެ އިތުރުން، މަދިރި އާލާވެ، އާންމު ސިއްހަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެއެވެ. އަދި ވާރޭވެހޭ ދުވަސްވަރު ފެން ހިންދާ ނިޒާމުތައް ބެދި، މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ވެސް އިތުރުވެގެންދެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކޮންމެ ފަރުދަކުވެސް ޒިންމާދާރުކަމާއެކު ކުނި އުކާލުމުގެ އާދަ އަށަގަންނުވަންޖެހެއެވެ. މަގުމައްޗަށް ކުނިނޭޅުމާއި، ކަނޑައެޅިފައިވާ ގަޑިތަކުގައި އެކަށީގެންވާ ގޮތުގައި ކުނި އުކާލުމަކީ މާލެއާއި ހުޅުމާލެ ސާފު، ރީތި، އަދި ދިރިއުޅެން ފަސޭހަ ތަނަކަށް ހެދުމަށްޓަކައި އެންމެން އެކުގައި ކުރަންޖެހޭ މަސައްކަތެކެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޒައާމަތުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލައަށް ދާއިމީ އަދި ޒަމާނީ ހައްލުތަކެއް ހޯއްދަވައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ވަނީ ފައްޓަވާފައެވެ. އެގޮތުން ގްރޭޓަރ މާލެ ސަރަހައްދުގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ތިލަފުށީގައި ކުރިއަށްދާ "ގްރޭޓަރ މާލެ އެންވިރަމެންޓަލް އިމްޕްރޫވްމެންޓް އެންޑް އޭސްޓް މެނޭޖްމެންޓް ޕްރޮޖެކްޓް" ސަރުކާރުން ވަނީ އަވަސްކޮށް، ކުނި ނައްތާލުމަށް ޚާއްޞަ 5,000 އަކަމީޓަރުގެ ވޭސްޓް ސެލްތައް ގާއިމުކޮށް، ތިލަފުށީގެ ސެކިއުރިޓީއާއި ސާފުތާހިރުކަން ބެލެހެއްޓުން ވަނީ އިތުރަށް ހަރުދަނާކުރައްވާފައެވެ. މީގެ އިތުރުން ރާއްޖޭގެ އާބާދީ ކުޑަ އަދި ބޮޑު ކޮންމެ ރަށެއްގައިވެސް ކުނި ވަކިކޮށް، ރައްކާތެރިކަމާއެކު ނައްތާލެވޭނެ މަރުކަޒުތައް ގާއިމުކުރުމުގެ ގައުމީ މަޝްރޫޢެއް ސަރުކާރުން ދަނީ ކުރަމުންނެވެ.
އަދި ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްރަށުގައި ހުއްޓިފައި ހުރި ކުނި މެނޭޖްކުރުމުގެ މަޝްރޫޢުތައް އަލުން ފައްޓަވައި، އެ ރަށްރަށަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދެއްވުމަށް ސަރުކާރުން އިސްކަންދެއްވާއިރު، ތަރައްޤީކުރާ ރަސްމާލެއަކީ "ޒީރޯ-ކާބަން" އަދި ތިމާވެއްޓާ ފުރިހަމައަށް ރައްޓެހި ގޮތަކަށް ކުނި މެނޭޖްކުރެވޭނެ ނިޒާމުތަކާއެކު ތަރައްޤީކުރެވޭ ސިޓީއެކެވެ. ހަމައެއާއެކު، ވެމްކޯ މެދުވެރިކޮށް މާލެއާއި ހުޅުމާލޭގެ މަގުތަކާއި އާންމު ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، އާންމުން ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ވަނީ އިތުރުކުރެވިފައެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ކުނީގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ.
ކުނީގެ މައްސަލަ ހައްލުކުރުމަކީ ހަމައެކަނި ސަރުކާރުން އިސްނަގައިގެން ކުރަން ޖެހޭ ކަމެއް ނޫނެވެ. އެއީ ކޮންމެ ފަރުދެއްގެވެސް ޒިންމާއެކެވެ. ރާއްޖެއަކީ ސާފު ކުނީގެ މައްސަލަ ހައްލުކުރެވިފައިވާ ތަނަކަށް ހެދޭނީ އެންމެންގެ ފުރިހަމަ އެއްބާރުލުމާއެކުއެވެ.