ޚަބަރު
އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް ވަރަށް ކާމިޔާބު: އެމްއޭސީއެލް

އެފެކްސްގެ ތެރެއިން/ފޮޓޯ: އެމްއޭސީއެލް
އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) ނިންމަލާފާއިވަނީ ވަރަށް ކާމިޔާބުކަމާއެކު ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލުން ވިދާޅުވެއްޖެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ޙާލަތަކަށް އެމްއޭސީއެލް އާއި ކަމާގުޅޭ އިދާރާތައް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް އިއްޔެ ވަނީ އެފެކްސް ކުރިއަށް ގެންގޮސްފައެވެ.
މި ޙަރަކާތް ކުރިއަށް ގެންގޮސްފައިވަނީ، އިއްޔެ ހަވީރު 16:00 އިން ރޭގަނޑު 21:00 އަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައެވެ. މި ޙަރަކާތުގައި ޖުމްލަ 33 އިދާރާއަކުން ބައިވެރިވެފައިވާއިރު، ޙަރަކާތުގެ ބައެއް ޙާލަތްތައް މާލެ ސަރަޙައްދުގެ ހުރިހާ ހޮސްޕިޓަލެއްގައި ވެސް ކުރިއަށް ގެންދިޔަކަމަށް އެމްއޭސީއެލުން ވިދާޅުވިއެވެ. ހަމަ އެހެންމެ، މި ޙަރަކާތް ނިންމާލުމަށްފަހު ހުޅުލޭ އައިލެންޑް ހޮޓަލުގައި ރޭ ބައްދަލުވުމެއް ވެސް ބާއްވާފައިވާއިރު، މި ބައްދަލުވުމުގައި ޙަރަކާތުން ފާހަގަވި ކަންކަމާއި ރަނގަޅުކުރަންޖެހޭ ކަންކަމާމެދު މަޝްވަރާކޮށްފައިވާކަމަށް އެމްއޭސީއެލުން ވަނީ ވިދާޅުވެފައެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވީ، އެމަޖެންސީ ޙާލަތެއްގައި އެމްއޭސީއެލްގެ އެންމެ މުހިންމު ޒިންމާއާއި ވާޖިބަކަށް ވާނީ މީހުންގެ ފުރާނަ ސަލާމަތްކުރުން ކަމަށެވެ. އަދި އެކަމަށްޓަކައި އެއް ބަޔަކު އަނެއް ބަޔަކާ ދޭތެރޭގައި ރަނގަޅަށް މުވާސަލާތު ކުރުމަކީ ވަރަށްވެސް މުހިންމު ކަމެއް ކަމަށް ޝަރީފު ވިދާޅުވިއެވެ. ހަމަ މިއާއެކު، އެފެކްސް އިން ފާހަގަވި ކަންކަން ރަނގަޅު ކުރެވޭނެ ކަމަށާއި، އެކަން ރަނގަޅު ކުރުމަށް އިސްކޮށް ހުންނަވައިގެން މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ އިދާރާއަކުން ދެއްކެވި ޒިންމާދާރު ކަމަށް ޝުކުރު އަދާކުރެއްވިއެވެ.
އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ. އެފެކްސްގެ ބޭނުމަކީ ވީއައިއޭގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި އެއާޕޯޓުގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުމެވެ.