ޚަބަރު
ހުޅުމާލޭ ކަންނެލި ޖެޓީ ސަރަޙައްދުން މަސްތުވާތަކެތި ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި

ހޯދި މަސްތުވާތަކެތި/ފޮޓޯ: ފުލުހުން
ހުޅުމާލެ ފޭސް 1ގެ ކަންނެލި ޖެޓީ ސަރަޙައްދު ބަލައިފާސްކޮށް، މަސްތުވާތަކެތި ހޯދައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ ސަރަޙައްދު ފުލުހުން ބަލައިފާސްކޮށްފައި ވަނީ، މިމަހުގެ 8 ވަނަ ދުވަހު ރަށުތެރެ ޕެޓްރޯލުކުރަމުން ދިޔައިރު އެ ސަރަޙައްދުގައި ތިބި ބައެއްގެ ޢަމަލުތައްހުރި ގޮތުން ތުހުމަތު ކުރެވިގެން ކަމަށެވެ. އަދި އެ ސަރަޙައްދު ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 23 ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މަޢުލުމާތުދެއެވެ. މި ތަކެތި ފެނިފައިވަނީ ކަންނެލި ޖެޓީ ޑޮކް ފެންޑަރެއްގެ ތެރެއިންކަމަށް ފުލުހުން ވިދާޅުވިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ވިދާޅުވީ، މަސްތުވާތަކެތީގެ މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.