ދުނިޔެ

ނޭޕާލްގެ މަޖިލިސް ކުރާގޭގެ އިތުރުން ބައެއް ކޯޓުތަކުގެ އިމާރާތުގައި ހުޅުޖަހައިފި

ނޭޕާލްގެ މަޖިލިސް ކުރާގޭގެ އިތުރުން ބައެއް ކޯޓުތަކުގެ އިމާރާތުގައި ހުޅުޖަހައިފި

ނޭޕާލްގެ މަޖިލިސްކުރާގެ އަނދަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

09 ސެޕްޓެމްބަރު 2025، 04:09

09 ސެޕްޓެމްބަރު 2025، 04:09

ސަރުކާރާ ދެކޮޅަށް ނޭޕާލްގެ ޒުވާނުން ކުރިއަށްގެންދިޔަ މުޒާހަރާތަކެއް އަނިޔާވެރި ގޮތަކަށް ހުއްޓުވުމަށް ފަހު، އެޤައުމުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމާ ގުޅިގެން ގަދަފަދަ މުޒާހަރާތައް އިތުރަށް ހޫނުވެ، މުޒާހަރާގެ ބައިވެރިން ވަނީ އެ ޤައުމުގެ ޕާލިމެންޓް އިމާރާތާއި ބައެއް ކޯޓުތަކުގައި އަލިފާން ޖަހާފައެވެ. މި ހާދިސާތަކާއި އެކު އެ ޤައުމުގެ ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ގޯސްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ނޭޕާލް ސަރުކާރުގެ ރަސްމީ ބޭފުޅަކު ވިދާޅުވީ، ސަރުކާރާ ދެކޮޅު މުޒާހަރާތަކެއް ހިންގުމުގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގައި، އެ ގައުމުގެ ބޮޑުވަޒީރު އިސްތިއުފާ ދެއްވުމަށްފަހު، އެ ގައުމުގެ ޕާލިމެންޓަށް މުޒާހަރާގެ ބައިވެރިން ވަދެ، އިމާރާތަށް އަލިފާން ޖަހާފައިވާ ކަމަށެވެ. ޕާލިމެންޓް ސެކްރެޓޭރިއަޓްގެ ތަރުޖަމާނު އެކްރަމް ގިރީ ވިދާޅުވީ، "ސަތޭކައަސް ވުރެން ގިނަ މީހުން ޕާލިމެންޓް ސަރަހައްދަށް ވަދެ، މައި އިމާރާތުގައި އަލިފާން ޖަހާފައިވާ" ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސުޕްރީމް ކޯޓުގެ އިމާރާތާއި، އެންޓި ކޮރަޕްޝަން ކޯޓުގައިވެސް އަލިފާން ޖަހާފައެވެ. ޕާލިމެންޓް އިމާރާތުން ދުން އަރަމުންދާ މަންޒަރުވެސް ފެނިފައިވެއެވެ.

ނޭޕާލުގެ މައި ސަލާމަތީ އިދާރާތަކުގެ އިސްވެރިން، އޭގެ ތެރޭގައި އަސްކަރިއްޔާގެ ވެރިޔާވެސް ހިމެނޭގޮތަށް، ވަނީ ގުޅިގެން ބަޔާނެއް ނެރެ، ހަމަޖެހުންއިސްކުރުމަށް ގޮވާލާފައެވެ. އަދި އަވަސް މުއްދަތެއްގެ ތެރޭގައި ސިޔާސީ މަޝްވަރާތައް ބާއްވައިގެން، މި ކާރިސާއިން ސުލްހަވެރި ހައްލެއް ހޯދުމަށް ސިޔާސީ ޕާޓީތަކަށް ގޮވާލާފައިވެއެވެ.

އަލިފާން ރޯކުރުމުގެ ހާދިސާތައް އިތުރުވަމުންދާތީ، ކާޓްމަންޑޫ ވެލީގެ ހުރިހާ ސަރަހައްދަކުން ކަޅު ދުން ފެންނަމުންދެއެވެ. މުޒާހަރާގެ ބައިވެރިން ދަނީ ސަރުކާރުގެ އިމާރާތްތަކަށާއި، ފުލުސް ސްޓޭޝަންތަކަށާއި، ސިޔާސީ ވެރިންގެ ގޭގޭގައި އަލިފާން ޖަހަމުންނެވެ. ދުން ގިނަވުމުގެ ސަބަބުން ލޮލުގައި ރިއްސާ ކަމަށް ހާދިސާ ހިނގި ސަރަހައްދުގައި ހުރި ފަރާތަކުން ބުނެފައިވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން