ދުނިޔެ

ޓިއުނީޝިއާގައި އޮތް ޣައްޒާއަށް ދަތުރުކުރާ ބޯޓަކަށް ޑްރޯން ހަމަލާއެއް ދިންކަމަށް ގްލޯބަލް ސުމޫދު ފްލޮޓިލާއިން ބުނެފި

ޓިއުނީޝިއާގައި އޮތް ޣައްޒާއަށް ދަތުރުކުރާ ބޯޓަކަށް ޑްރޯން ހަމަލާއެއް ދިންކަމަށް ގްލޯބަލް ސުމޫދު ފްލޮޓިލާއިން ބުނެފި

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ބޯޓެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 ސެޕްޓެމްބަރު 2025، 04:53

09 ސެޕްޓެމްބަރު 2025، 04:53

ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ދަތުރުކުރާ ގްލޯބަލް ސުމޫދު ފްލޮޓިލާ (ޖީއެސްއެފް) ޓިއުނީޝިއާގެ ސިދީ ބޫ ސައީދު ބަނދަރުގައި އޮތް އެ ފްލޮޓީލާގެ މައި އުޅަނދަށް ޑްރޯން ހަމަލާއެއް ދީފައިވާ ކަމަށް ބުނެފިއެވެ. މި ހަމަލާގައި އުޅަނދުގައި އަލިފާން ރޯވެފައިވީ ނަމަވެސް، އުޅަނދުގައި ތިބި ފަޅުވެރިންނާއި ފަސިންޖަރުންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

މި ހަމަލާ ދީފައިވަނީ ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ޖީއެސްއެފްގެ ތަރުޖަމާނު މި ހަމަލާ އަކީ އިސްރާއިލުން ދިން ހަމަލާއެއް ކަަމަށްބުނެފައިވީ ނަމަވެސް، ޓިއުނީޝިއާގެ ނެޝަނަލް ގާޑުން ބުނެފައިވަނީ ޑްރޯން ހަމަލާއެއް ދިން ކަމުގެ ރިޕޯޓުތަކަކީ "އެއްވެސް ހަގީގަތެއް ނެތް" ވާހަކަތަކެއް ކަމަށެވެ. އެ އޭޖެންސީން ބުނެފައިވަނީ އަލިފާން ރޯވެފައިވަނީ ސިނގިރެޓް ބޮޅެއް ނުވަތަ ލައިޓަރަކުން ލައިފް ޖެކެޓަކަށް އަލިފާން އަރައިގެން ކަމަށެވެ.

"އަހަރެން އުޅަނދުގެ ފަހަތު ސަރަހައްދުގައި ހުއްޓާ ޑްރޯނެއްގެ އަޑު އިވުނު، އަދި ސާފުކޮށް ޑްރޯނެއް ފެނުނު. އެއީ އަހަރެންގެ ބޮލުން މަތިން 4 މީޓަރު އުސްމިނުގައި އެވެ،" ބޯޓުގައި ހުރި މިގުއެލް ޑުއާޓެ ބުނެފައިވެއެވެ.

ޖީއެސްއެފްގެ ފްލޮޓިލާގައި 50 އަށްވުރެ ގިނަ އުޅަނދު ހިމެނެއެވެ. މި އުޅަނދުތަކުގެ މަޤްސަދަކީ އިސްރާއީލުން ޣައްޒާ ހިސާރުކޮށްފައިވާ ހިސާރު ނިމުމަކަށް ގެނައުމެވެ. 

މި ހާދިސާ ހިނގި "ފެމިލީ ބޯޓް" ދަތުރުކުރަނީ ޕޯޗުގީޒް ދިދައިގެ ދަށުންނެވެ. އަދި މި އުޅަނދުގައި ޖީއެސްއެފްގެ ސްޓިއަރިންގ ކޮމިޓީގެ މެންބަރުން ދަތުރުކުރެއެވެ. ހަމަލާ ދިން ވަގުތު އުޅަނދުގައި 6 މީހުން ތިބިކަމަށް ޖީއެސްއެފްއިން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން އިސްރާއީލުން އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ. ނަމަވެސް ޖީއެސްއެފްގެ ތަރުޖަމާނު ސައިފް އަބޫކެޝެކް ވިދާޅުވެފައިވަނީ މިފަދަ ހަމަލާއެއް، މިފަދަ ޖަރީމާއެއް ހިންގާނީ އިސްރާއީލު ފިޔަވައި އެހެން ފަރާތެއް ނޫން ކަމަށެވެ. އެމީހުން ވޭތުވެދިޔަ 22 މަސްދުވަހު ޤަތުލްއާންމު ހިންގަމުން އަންނަނީ، އަދި އަމާން، އަނިޔާވެރިކަމެއް ނެތް ފްލޮޓިލާއަކަށް ހަމަލާދޭން ވެސް ތައްޔާރަށް ތިބި ކަމަށެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން