ދުނިޔެ
އިސްރާއިލުން ޤަޠަރުގެ ދޯހާއަށް ހަމަލާދީފި

އިސްރާއިލުން ދޯހާއަށް ހަމަލާދިނުން---
އިސްރާއިލުން ޤަޠަރުގެ ދޯހާއަށް ހަމަލާދީފިއެވެ.
އިސްރާއިލުގެ ސިފައިން ބުނެފައިވަނީ ޤަޠަރުގެ ވެރިރަށް ދޯހާގައި އިއްޔެ އިވުނު ގަދަ އަޑުތަކާއި ފެނުނު އަލިފާންތަކަކީ ހަމާސްގެ އިސް ލީޑަރުންނާއި ފަލަސްޠީނުގެ ގްރޫޕްގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް ދިން ހަމަލާއެއްގެ ނަތީޖާ ކަމުގައެވެ.
މިއީ އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި އެއްބަސްވުމަކަށް އައުމަށް މެދުވެރިއެއްގެ ދައުރު އަދާކުރަމުންދާ ޤަޠަރަށް އިސްރާއިލުން ދިން ފުރަތަމަ ހަމަލާއެވެ. އިސްރާއިލުން މިހާރު ވަނީ ޣައްޒާ އާއި ލުބްނާން، ޔަމަން އަދި ސީރިއާއަށް ހަމަލާދީ، އަދި ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ދެމުންދާ ހަމަލާތައް ދުވަހުން ދުވަހަށް އިތުރުކުރަމުންނެވެ.
އިސްރާއިލު ޑިފެންސް ފޯސް (އައިޑީއެފް) އާއި ޝިން ބެޓް އިން އެއަރ ފޯސް މެދުވެރިކޮށް ހަމާސްގެ އިސް ލީޑަރޝިޕްއަށް އަމާޒުކޮށް ހަމަލާއެއް ދީފައިވާ ކަމަށް އިސްރާއިލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވެއެވެ. މި ހަމަލާގައި އަމާޒުކުރެވުނު ލީޑަރުންނަކީ އޮކްޓޯބަރު 7 ގައި އިސްރާއިލަށް ދިން ހަމަލާގައި އިސްކޮށް ހަރަކާތްތެރިވި ފަރާތްތައް ކަމަށް އިސްރާއިލުން ބުނެފައިވެއެވެ.
ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ސްޕޯކްސްޕަރސަން މާޖިދް އަލް އަންސާރީ ވަނީ މި ހަމަލާ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހަމަލާ ދީފައިވަނީ ހަމާސްގެ ޕޮލިޓިކަލް ބިއުރޯގެ މެންބަރުން ދިރިއުޅޭ އިމާރާތްތަކަކަށެވެ.
"މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި އުސޫލުތަކާ ޚިލާފު ކުށްވެރި ޢަމަލެއް. އަދި ޤަޠަރުގެ ރައްޔިތުންނާއި ޤަޠަރުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރިމަތިވެފައިވާ ނުރައްކާތެރި ބިރުވެރިކަމެއް،" ޤަޠަރުގެ ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.