ދުނިޔެ

ނޭޕާލްގެ ރައީސް ވެސް އިސްތިއުފާ ދީފި

ނޭޕާލްގެ ރައީސް ވެސް އިސްތިއުފާ ދީފި

ނޭޕާލްގެ ރައީސް ވަނީ މިއަދު އިސްތިއުފާ ދެއްވާފައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ސެޕްޓެމްބަރު 2025، 07:35

09 ސެޕްޓެމްބަރު 2025، 07:35

ނޭޕާލްގައި ސޯޝަލް މީޑިއާ މަނާ ކުރުމާ ގުޅިގެން ފެށި މުޒާހަރާތައް ހޫނުވެ ދައުލަތުގެ އިދާރާތަކުގައި ރޯކުރަމުންދަނިކޮށް، އެ ގައުމުގެ ރައީސް ރާމް ޗަންދްރަ ޕުޑެލް އިސްތިއުފާ ދެއްވައިފިއެވެ.

އެ ޤައުމުގެ ރައީސްގެ އިތުރުން، ބޮޑު ވަޒީރު ކޭޕީ ޝަރުމާ އޮލީ ވެސް ވަނީ މިއަދު އިސްތިއުފާ ދެއްވާފައެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ މަގުތަކަށް އާންމުން ނިކުމެ މުޒާހަރާ ކުރަން ފަށާފައި ވަނީ، ފޭސްބުކް އާއި ޔޫޓިއުބް ހިމެނޭހެން ޖުމްލަ 26 ސޯޝަލް މީޑިއާ ޕްލެޓްފޯމެއް މަނާކުރުމާ ގުޅިގެންނެވެ.

ނަމަވެސް ރޭ ބޭއްވި ކުއްލި ކެބިނެޓް ބައްދަލުވުމަކަށް ފަހު ނޭޕާލްގެ ސަރުކާރުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. އަދި ނިންމުން ބަދަލުކުރީ "ޖެން ޒީ"ގެ ޑިމާންޑުތައް އަޑުއަހައި ނިންމި ނިންމުމެއްކަމަށް ނޭޕާލްގެ ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން މިނިސްޓަރ، ރިތުވީ ސުއްބަ ގުރުންގު ވަނީ ހާމަކޮށްފައެވެ.

ނޭޕާލްގެ ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ ހަފްތާ ސޯޝަލް މީޑިއާ މަނާކުރުމަށް ނިންމީ، ދޮގު ޚަބަރު ފެތުރުމާއި، ނަފުރަތު އުފެދޭ ވާހަކަތަކާއި އަދި އޮންލައިންކޮށް ހިންގާ ފްރޯޑުތައް ހުއްޓުވުމަށެވެ.

ނޭޕާލްގައި އިއްޔެ ކުރިއަށްގެންދިޔަ މުޒާހަރާތަކުގައި 19 މީހަކު މަރުވެފައިވެއެވެ. އެއަށްފަހު ހޯމް މިނިސްޓަރު ރަމޭޝް ލެކާކް ވަނީ އިއްޔެ އިސްތިއުފާ ދެއްވައިފައެވެ. 

އެ މައްސަލައިގައި ކާފިއު އިއުލާންކޮށްފައި އޮތް ނަމަވެސް މިއަދުވެސް ކަތަމަންޑޫގައި ދަނީ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ބޮޑުވަޒީރު ކޭޕީ ޝަރުމާ އޮލީއާއި ރައީސް ރާމް ޗަންދުރާ ޕުޑެލްގެ އަމިއްލަ ގެކޮޅުގައި ރޯކޮށްފައެވެ. އޭގެ ތެރެއިން ރައީސްގެ ގެކޮޅަށް މުޒާހަރާގެ ބައިވެރިން ވަދެ، ތަކެއްޗަށް ގެއްލުންދޭ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވެއެވެ.

މީގެ އިތުރުން ވެސް ނޭޕާލުގެ ކުރީގެ ދެ ބޮޑުވަޒީރަކާއި މިނިސްޓަރެއްގެ ގެތަކަށް ވެސް ގެއްލުންދީ، ގާނޫނު ހަދާ މަޖިލީހުގެ ބޭރުގައި ވެސް ތަކެތީގައި ރޯކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން