ޚަބަރު
ނޭޕާލުގެ ޙާލަތު ޢާންމު ޙާލަތައް ރުޖޫޢަ ނުވަނީސް އެ ޤައުމަށް ދަތުރު ނުކުރުމަށް ޚާރިޖިއްޔާއިން އިލްތިމާސްކޮށްފި

ނޭޕާލުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ތެރެއިން---
ނޭޕާލުގައި މިވަގުތު ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން، އެ ޤައުމުގެ ޙާލަތު ގޯސްވެފައިވާއިރު، އެ ކަންކަން ޢާންމު ޙާލަތަށް ރުޖޫޢަ ނުވަނީސް، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް އެ ޤައުމަށް ނުކުރުމަށް ދިވެހި ޚާރިޖިއްޔާއިން އިލްތިމާސްކޮށްފިއެވެ.
ޚާރިޖީ ވުޒާރާއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަދި ޚާރިޖީ ވުޒާރާއިން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށާއި، ހަމަނުޖެހުން ހިނގާ ސަރަޙައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ގޮވާލާފައެވެ.
ކަތަމަންޑޫގެ ގިނަ ސަރަޙައްދުތަކެއްގައި ކާފިއު އިޢުލާންކޮށްފައިވާތީ، އެ ސަރަޙައްދުގައި ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ ދިވެހިން، ސަލާމަތާއި ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދީގެން، ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށްވެސް އެ ބަޔާނުގައި އިލްތިމާސްކޮށްފައިވެއެވެ.
ޚާރިޖީ ވުޒާރާއިން އިތުރަށް ފާހަގަކޮށްފައިވަނީ، ނޭޕާލުގައި ތަޢުލީމު ހާސިލުކުރަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ޤައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ޚާއްޞަ ޙާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި ވުޒާރާއިން މަސައްކަތްކުރަމުންދާ ކަމަށެވެ.
ނޭޕާލުގެ މަޝްރަޙު އިތުރަށް ގޯސްވެއްޖެނަމަ، އެ ޤައުމުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީންކަން ޚާރިޖީ ވުޒާރާއިން ދީފައިވެއެވެ. އަދި އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބަރު 919910040786+ ނުވަތަ ޚާރިޖީ ވުޒާރާގެ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅުމަށް އިލްތިމާސްކޮށްފައިވެއެވެ.