Ads by Stelco

ޚަބަރު

މާލޭގެ ކަނޑު ތޮށި ވަރުގަދަކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރު ދީފި

މާލޭގެ ކަނޑު ތޮށި ވަރުގަދަކުރުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރު ދީފި

މާލޭގެ ކަނޑު ތޮށި ވަރުގަދަކުރުމަށް ޖަޕާނުން ހަމަޖެއްސި އެހީގެ އެއްބަސްވުމުގައި ސޮއިކުމުގެ ރަސްމިއްޔާތު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ސެޕްޓެމްބަރު 2025، 10:32

09 ސެޕްޓެމްބަރު 2025، 10:32

މާލޭގެ ކަނޑު ތޮށި ވަރުގަދަކޮށް، ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާނުން 10.5 މިލިއަން ޑޮލަރުގެ އެހީ ހަމަޖައްސައިދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މާލޭގައި ކާރިސާތަކަށް ދެމެހެއްޓެނިވި ގޮތެއްގައި ތައްޔާރުވުމަށް ހިންގޭ މި މަޝްރޫއުގައި ކަނޑުތޮށި ވަރުގަދަކޮށް، ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދުން ހިމެނެއެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މާލީ ވުޒާރާގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އެ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ޙަސަން މިރާސްއެވެ. އަދި ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ ފަރާތުން ސޮއިކުރެއްވީ، ޖައިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް، ޓަކި މޮޓޮއޯއެވެ.



މި އެހީއާ ގުޅިގެން، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ދަށުން 1.56 ބިލިއަން ޔެން (ގާތްގަނޑަކަށް 10.5 މިލިއަން އެމެރިކާ ޑޮލަރު)ގެ ހިލޭ އެހީ ރާއްޖެއަށް ލިބޭނެއެވެ. އަދި މި އެހީގެ ދަށުން މާލޭގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދައާއި ބޯކޮށް ވެހޭ ވާރޭން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ ކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

މީގެ އިތުރުން، އެހީގެ މި އެއްބަސްވުމަކީ މިދިޔަ ޖުލައި މަހުގެ 26ވަނަ ދުވަހު ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު އެކްސްޗޭންޖް އޮފް ނޯޓްސްގެ ދަށުން ކުރެވުނު އެއްބަސްވުމެއް ކަމަށް މާލީ ވުޒާރާއިން ހާމަކޮށްފައިވެއެވެ. އަދި މި މަޝްރޫޢުގެ މަޤުސަދަކީ މާލޭގައި ކާރިސާތަކަށް ތައްޔާރުވުން ހަރުދަނާކޮށް، ދިރިއުޅުމާއި އިޤުތިޞާދީ ހަރަކާތްތަކާއި މުޖުތަމަޢުގެ ރައްކާތެރިކަން ހަރުދަނާކުރުން ކަމަށް، އެ ވުޒާރާއިން ހާމަކުރެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން