ޚަބަރު
އޭސީސީއާއި އީސީގެ ރައީސުން އައްޔަނުކުރާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ހެދުމާއި ދެކޮޅު: ޝާހިދު
އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު. ފޮޓޯ:އެމްޑީޕީ
އެންޓި ކޮރަޕްޝަން ކޮމިޝަނާއި އިލެކްޝަންސް ކޮމިޝަންގެ ރައީސުން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމާއި ދެކޮޅު ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އީސީ އާއި އޭސީސީގެ ރައީސްއާއި ނައިބު ރައީސްގެ މަޤާމަށް މީހުން އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް ދިނުމަށް ރައްޔިތުންެ މަޖިލީހަށް މިއަދު ވަނީ އިސްލާޙެެއް ހުށައަޅައިފައެވެ.
މިއިސްލާޙު މަޖިލީހަށް ހުށައެޅުމާއި ގުޅިގެން ކުރީގެ ޚާރިޖީ ވަޒީރު ޝާހިދު އެކްސްގައި ކުރެއްވެވި ޕޯސްޓެއްގައި ވިދާޅުވީ އިލެކްޝަންސް ކޮމިޝަން އާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އާއި ނައިބު ރައީސުންނަކީ ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙަކީ 2008 ގައި ޢަމަލުކުރަންފެށި ޤާނޫނު އަސާސީން ލިބިދީފައި އޮތް މިނިވަން ޑިމޮކްރެޓިކް ނިޒާމް ފުނޑުފުނޑުކޮށްލާ، ބާރުތައް ވެރިމީހާގެ މުށުތެރެއަށް ޖަމާކޮށް، ޚުދްމުޚްތާރުވެރިކަމެއް މިރާއްޖޭގައި ގާއިމް ކުރުމަށް މިސަރުކާރުންް ގެންގުޅޭ ނުރައްކާތެރި ސިއްރު އެޖެންޑާގެ ބައެއް ކަމަށެވެ.
“މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ފަހުގެ ތާރީޚެއްގައި ކުރިމަތި ވަމުންދާ އެންމެ ބޮޑު ނުރައްކާ އިލެކްޝަންސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ރައީސުލްޖުމްހޫރިއްޔާގެ ބާރުގެ ދަށަށް ގެނެސް، ރާއްޖެ ބަލައިގެންފައިވާ ފުރިހަމަ ޑިމޮކްރަޓިކް ނިޒާމު ގަޑުބަޑު ކުރުމަށް ކުރަމުންދާ މި މަސައްކަތްތައް ވަގުތުން ހުއްޓާލުމަށް ގޮވާލަން” ޝާހިދު ވިދާޅުވެފައިވެއެވެ.
އީސީ އާއި އޭސީސީގެ ރައީސް އާއި ނައިބު ރަޢީސްގެ މަޤާމަށް މީހުން އައްޔަނު ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އަށް އެރުވުމަށް މިއަދު މަޖިލީހަށް ހުށައެޅި ދެ އިސްލާޙަކީ ސަރުކާރުގެ ފަރާތުން ހުށައެޅި ދެ އިސްލާޙެކެވެ.
އެގޮތުން އޭސީސީގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ ފެލިދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޒާހިރެވެ. އީސީގެ ޤާނޫނަށް އިސްލާޙު ހުށަހެޅުއްވީ ކެލާ ދާއިރާގެ ޕީއެންސީގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.