ޚަބަރު
ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ވާދަކުރުމަށް ހުޅުވާލައިފި
ވ.ތިނަދީ. ފޮޓޯ: އައިމްމޯލްޑިވްސް
ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކޮށް އިންތިހާބުވި ފަހުން އިދިކޮޅު އެމްޑީޕީއަށް ބަދަލުވި ކަމަށް ބުނެ، ވ. ތިނަދޫ ކައުންސިލުގެ ރައީސް ޝުޖާއު އަލީގެ ގޮނޑި ގެއްލިއްޖެ ކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން ނިންމުމާ ގުޅިގެން، އެ މަގާމުގެ ބައި-އިލެކްޝަނުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން މިއަދު ހުޅުވާލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި ތިނަދޫ ކައުންސިލް ރައީސް ހޮވުމަށް ބާއްވާ ބައި-އިލެކްޝަން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުއެވެ. އަދި މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 26 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 116 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުން، ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކޮށްގެން ކައުންސިލަށް އިންތިހާބުވުމަށްފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި އެހެން ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައި އިލެކްޝަންސް ކޮމިޝަނުގައި ދަފްތަރުވުމުން ކައުންސިލްގެ މެންބަރުކަމުގެ މަގާމުން ވަކިވާނެއެވެ. ޝުޖާއުއަކީ އިންތިހާބުވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ސޮއިކުރުމުގެ ސަބަބުން މި މާއްދާގެ ދަށުން ގޮނޑި ގެއްލުނު ފުރަތަމަ ކައުންސިލަރެވެ. އޭނާގެ ގޮނޑި ގެއްލިއްޖެ ކަމަށް އެލްޖީއޭއިން ކަނޑައެޅުމާ ހަމައަށް ވެސް ހުންނެވީ މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްކިބާކޮށްފައެވެ.
މި އަހަރުގެ އޭޕްރީލް މަހުގެ 11 ވަނަ ދުވަހު، ގާނޫނީ ގޮތުން ލާޒިމުކުރާ އަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން ދަ ޑިމޮކްރެޓްސް އުވައިލިކަން އިލެކްޝަންސް ކޮމިޝަނުން އަންގާފައިވެއެވެ.
ޝުޖާއު ވިދާޅުވެފައިވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ޕާޓީއެއް އުވިއްޖެ ހާލަތެއްގައި އަމަލުކުރާނެ ވަކި ގޮތެއް ބަޔާންކޮށްފައި ނުވާ ކަމަށެވެ. އެހެންކަމުން މިފަދަ މައްސަލައެއްގައި ގޮތް ނިންމުމުގެ ބާރު އެލްޖީއޭއަށް ނޯންނާނެ ކަމަށާއި، މި މައްސަލައިގައި ގޮތެއް ކަނޑައެޅޭނީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.