Ads by Farudhun

ޚަބަރު

ވަގުތީގޮތުން މުދާ ބޭލުމުގެ އޮޕަރޭޝަނެއް ތިލަފުށީ ބަނދަރުގައި ފަށައިފި

ވަގުތީގޮތުން މުދާ ބޭލުމުގެ އޮޕަރޭޝަނެއް ތިލަފުށީ ބަނދަރުގައި ފަށައިފި

ތިލަފުށީގައި ހިންގަމުންދާ މުދާބޭލުމުގެ އޮޕަރޭޝަންގެ ތެރެއިން. ފޮޓޯ: ޕީއެސްއެމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

25 ނޮވެމްބަރު 2026، 05:25

25 ނޮވެމްބަރު 2026، 05:25

މާލޭ ވިޔަފާރި ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ހައްލެއް ހޯދައި، މުދާ ހިފައިގެން އަންނަ ބޯޓުފަހަރު އަވަހަށް ފުރުވާލުމުގެ މަގުސަދުގައި ތިލަފުށީ ބަނދަރުގައި ވަގުތީގޮތުން މުދާ ބޭލުމުގެ އޮޕަރޭޝަނެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ފަށައިފިއެވެ.

މި އޮޕަރޭޝަނަކީ ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުގެ މައި މަޝްރޫއާ ގުޅުންހުރި ކަމަކަށް ނުވި ނަމަވެސް، މީގެ ސަބަބުން ވިޔަފާރިވެރިންނަށް މުދާ ލިބުމުގައި ދިމާވާ ދަތިތަކަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ޚިދުމަތާ ގުޅޭގޮތުން އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އަލީ ހާޝިމް ވިދާޅުވީ، މާލޭ ޕޯޓުގެ ކީވޯލްގައި އޮންނަނީ 101 މީޓަރު ކަމަށްވާތީ އެއްފަހަރާ ކައިރިކުރެވެނީ އެންމެ ބޯޓަކަށް ކަމަށެވެ. އަދި ސްރީލަންކާއިން ގިނަ އަދަދަކަށް ކާގޯ އައުމުގެ ސަބަބުން މާލޭ ބަނދަރުގައި ގިނަ އަދަދެއްގެ ބޯޓުފަހަރު ކިއޫގައި މަޑުކުރަން ޖެހިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ތިލަފުށީގައި މި ވަގުތު ކުރިއަށްދާ އޮޕަރޭޝަނުގެ ދަށުން މުދާ އުފުލާ ކޮންޓެއިނަރުތައް އެ ރަށަށް ބޭލި ނަމަވެސް، އެތަނުން އަދި މުދާ ކްލިއަރެންސްގެ ޚިދުމަތް ނުދޭނެ ކަމަށް ހާޝިމް ވިދާޅުވިއެވެ. އެގޮތުން ތިލަފުއްޓަށް ބާލާ މުދާ ކްލިއާ ކުރުމަށްޓަކައި ބާޖު އަދި ކޮޅުވެއްޓި ފަދަ އުޅަނދުފަހަރުގައި މާލެއަށް ނުވަތަ ހުޅުމާލޭ ޕޯޓަށް ޓްރާންސްފަރ ކުރާނެ ކަމަށާއި، މުދާ ދޫކުރުމުގެ މަރުހަލާތައް ކުރިއެކޭވެސް އެއްގޮތަށް ކުރިއަށްދާނީ މާލެ ނުވަތަ ހުޅުމާލޭ ޕޯޓުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ހަމައެކަނި ލޯޑްކޮށްފައި ހުރި ކޮންޓެއިނަރ މި ކޮޅަށް ޑިސްޗާޖު ކުރާނީ. މި ތަނުން ކްލިއަރެންސެއް އަދި ނުހިނގާނެ. ކާގޯ ކްލިއަރ ކުރަންވީމާ މާލެއަށް ބާޖުގައި ނޫނިއްޔާ ކޮޅުވެއްޓީގައި ޓްރާންސްޕޯޓު ކުރާނީ. ޓްރާންސްފާކޮށްފައި މާލެ ނޫނިއްޔާ ހުޅުމާލޭ ޕޯޓުން ކްލިއަރ ކުރާނީ. އެ ހަމަ ކުރީގައިވެސް އޮންނަ ގޮތަށް ކްލިއަރެންސް،" ދައުލަތުގެ މީޑިއާއާ ވާހަކަފުޅު ދައްކަވަމުން ހާޝިމް ވިދާޅުވިއެވެ.

އެމްޕީއެލުން ލަފާކުރާ ގޮތުގައި މި އޮޕަރޭޝަނާއެކު ބޯޓުފަހަރު ރާއްޖޭގައި މަޑުކުރަންޖެހޭ މުއްދަތު ދެބައިކުޅަ އެއްބަޔަށް ކުޑަވެގެންދާނެއެވެ. އާންމުކޮށް 500 އާއި 600 އާ ދެމެދުގެ އަދަދަކަށް ކޮންޓެއިނަރު ހިފައިގެން އަންނަ ބޯޓެއް ކިއޫގައި އޮންނަ ދުވަސްތަކާއެކު މުދާ ހުސްކުރުމަށް 7 ދުވަހާއި 8 ދުވަސް ހޭދަވި ނަމަވެސް، ތިލަފުށީ ބަނދަރުގެ އޮޕަރޭޝަނާއެކު ގާތްގަނޑަކަށް 3 ދުވަހުގެ ތެރޭގައި މުދާ އެއްކޮށް ހުސްކޮށްލެވޭނެއެވެ. އެގޮތުން ރޭ ތިލަފުށީ ބަނދަރަށް ކައިރިކުރި "ގެލީނާ" ބޯޓުގައި ހުރި 520 ކޮންޓެއިނަރު ހުސްކޮށް، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ ބޯޓު އަނބުރާ ފުރޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

ބޯޓުފަހަރު ބަނދަރުގައި ހޭދަކުރާ މުއްދަތު ކުރުވުމަކީ ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް އޭގެ ބޮޑު މާލީ ފައިދާއެއް ލިބޭނެ ކަމެކެވެ. އެ ސައިޒުގެ ބޯޓަކަށް މުވައްޒަފުންގެ މުސާރައާއި، ތެލާއި، ފެނާއި، އިންޝުއަރެންސް ހިމެނޭހެން ދުވާލަކަށް ގާތްގަނޑަކަށް 13،000 ޑޮލަރު ޚަރަދުވާއިރު، ގިނަ ދުވަހު ބަނދަރުގައި އޮންނަން ޖެހުމުން ޖުމްލަ ޚަރަދު 75،000 ޑޮލަރާ ގާތްކުރެއެވެ. ނަމަވެސް ބޯޓު އަވަހަށް ފުރުވާލެވުމުން މި ޚަރަދު ގާތްގަނޑަކަށް 38،000 ޑޮލަރަށް ކުޑަވެ، ފްރޭޓް އަގުތަކަށް އަންނަ ހެޔޮ ބަދަލާއެކު މުދަލުގެ އަގު ހެޔޮވުމަށް މަގުފަހިވެގެންދާނެއެވެ.

މީގެ އިތުރުން ބޯޓުފަހަރުގެ ޓާން-އެރައުންޑް ވަގުތު އަވަސްވެ، މުދާ އެތެރެކުރުމުގެ ދައުރު ހަލުވިވެގެންދާނެ ކަމަށް އެމްޕީއެލްއިން ބުނެއެވެ. އެ ކުންފުނިން އިތުރަށް ހާމަކުރި ގޮތުގައި، ތިލަފުށީގައި މައި ބަނދަރު ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ ތެރެއިން އެ ރަށުން ސީދާ މުދާ ކްލިއާކުރުމުގެ ޚިދުމަތް ކުރިއަށް އޮތް އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450