Ads by Farudhun

ޚަބަރު

ކާރިސާތަކާ ގުޅޭ ނިޒާމުތައް ތަރައްޤީކުރުމަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާގެ ރިޔާސަތަށް ރާއްޖެ

ކާރިސާތަކާ ގުޅޭ ނިޒާމުތައް ތަރައްޤީކުރުމަށް މަސައްކަތްކުރާ ސަރަހައްދީ އިދާރާގެ ރިޔާސަތަށް ރާއްޖެ

އެޕްޑިމްގެ ގަވަރނިން ބޯޑުގެ ޗެއަރ އަކަށް ރާއްޖެ އިންތިހާބުކުރުން / ފޮޓޯ: އެންޑީއެމްއޭ

farudhun logo

ފަރުދުން

25 ނޮވެމްބަރު 2026، 07:32

25 ނޮވެމްބަރު 2026، 07:32

އޭޝިއާ އަދި ޕެސިފިކް ސަރަޙައްދުގެ ކާރިސާތަކާ ބެހޭ މަޢުލޫމާތު ބެލެހެއްޓުމުގެ ނިޒާމުތައް ތަރައްޤީކުރުމަށް އުފައްދާފައިވާ އދ. ގެ ސަރަޙައްދީ އިދާރާގެ ހިންގާ ކޮމިޓީގެ ބޯޑުގެ ރިޔާސަތަށް ރާއްޖޭގެ މަންދޫބަކު އިންތިޚާބުކޮށްފިއެވެ.

އޭޝިއަން އެންޑް ޕެސިފިކް ސެންޓަރ ފޮރ ދަ ޑިވެލޮޕްމަންޓް އޮފް ޑިޒާސްޓަރ އިންފޮމޭޝަން މެނޭޖްމަންޓް (އެޕްޑިމް) ގެ ގަވަރނިންގ ބޯޑުގެ ރިޔާސަތާ ރާއްޖެއިން ހަވާލުވީ، ހުޅުމާލޭގެ މެންހަޓަން ގްރޭންޑްގައި ބޭއްވުނު އެ ޖަމްޢިއްޔާގެ ގަވަރނިންގ ބޯޑުގެ 11 ވަނަ ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ރިޔާސަތާ ހަވާލުވެވަޑައިގެން ބައްދަލުވުން ވިލަރެސްކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޞަފޫރާއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްޓޭޓް މިނިސްޓަރ ޢާއިޝަތު ޞަފޫރާ ވިދާޅުވީ، އެޕްޑިމްގެ މައިގަނޑު މަޤްޞަދަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށާއި ކާރިސީ ހިރާސްތަކުން ރައްކާތެރިވުމަށް ބޭނުންވާ ޑޭޓާއާއި މަޢުލޫމާތު އެއްކޮށް، އެ މަޢުލޫމާތު ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުން ކަމަށެވެ. އަދި ސިޔާސަތުތައް ކަނޑައެޅުމުގައި މަޢުލޫމާތާއި ޑޭޓާގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފާނެ ގޮތްތަކާއި، މުޢާމަލާތްތައް ބައްޓަންކުރާނެ އުޞޫލުތައް އެކަށައެޅުމުގެ އިތުރުން، އެކި މޮޑެލްތައް މެދުވެރިކޮށް ހަރުދަނާ ފްރޭމްވޯކްތައް އެކުލަވައިލުމަކީވެސް މި އިދާރާގެ މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

އެޕްޑިމްގެ ގަވަރނިންގ ބޯޑުގެ ރިޔާސަތަށް ރާއްޖެ އިންތިޚާބުވުމާ ގުޅިގެން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޑިޒާސްޓަރ ޕޮލިސީ އެންޑް ޕްލޭނިންގގެ ޑިރެކްޓަރ އިބްރާހިމް ކާޝިފް ނަސީރު ވިދާޅުވީ، މި ބައްދަލުވުމުގެ ތެރެއިން ކާރިސާތަކާ ގުޅޭ ޑޭޓާ އަދި އިންފޮމޭޝަން މެނޭޖްމަންޓްގެ ކަންކަން ސަރަޙައްދީ ފެންވަރެއްގައި ހަރުދަނާކުރެވޭނެ ގޮތްތަކާ މެދު މުހިންމު މަޝްވަރާތަކެއް ކުރެވުނު ކަމަށެވެ.

އޭޝިޔާއާއި ޕެސިފިކް ސަރަހައްދުގެ 11 ޤައުމެއްގެ މައްޗަށް އެކުލެވިގެންވާ އެޕްޑިމްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރިސީ ހިރާސް ކުޑަކުރުމަށްޓަކައި އެކި މުއައްސަސާތަކުގައި ހުރި މަޢުލޫމާތު އެއް ވިއުގައަކުން ލިބޭނެ އިންތިޒާމު ހަމަޖެއްސުމެވެ. އަދި ޤައުމީ ފެންވަރުގައި ސިޔާސަތުތައް ކަނޑައެޅުމުގައި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ވަރުގަދަކޮށް، މަޢުލޫމާތާއި ޑޭޓާގެ ބޭނުން ހިފުމަށް ބާރުއެޅުމުގެ އިތުރުން، މެންބަރު ޤައުމުތަކަށް ބޭނުންވާ ފަންނީ ތަމްރީނުތައް ދީ، އެ ޤައުމުތަކުގެ ޤާބިލުކަން އިތުރުކުރުމަކީވެސް މި އިދާރާގެ މައިގަނޑު އެއް އަމާޒެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450