ޚަބަރު
އެޖެންޓުން މެދުވެރިކޮށް އެސްޓީއޯއިން އަސާސީ ބާވަތްތައް އަތޮޅުތެރެއަށް ފޯރުކޮށްދޭން ފަށައިފި
އެސްޓީއޯ ހެޑްއޮފީސް. ފޮޓޯ: އެސްޓީއޯ
ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކޮށް، ދުވަހުން ދުވަހަށް ބޭނުންވާ މުހިންމު ބާވަތްތައް ހެޔޮ އަގުގައި މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެސްޓީއޯގެ އޭޖެންޓުން މެދުވެރިކޮށް އަތޮޅުތަކަށް އަސާސީ މުދާ ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނިން ރަސްމީކޮށް ފަށައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ވިދާޅުވި ގޮތުގައި މި އިންތިޒާމަކީ އަސާސީ ބާވަތްތަކުގެ ލިސްޓު 26 އިން 80 އަށް އިތުރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ ގުޅިގެން، ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ. ރައީސްގެ މި ނިންމެވުމާ އެއްގޮތަށް އެސްޓީއޯ އިން މިހާރު ވަނީ މި 80 ބާވަތުގެ މުދާ ރާއްޖެއަށް އެތެރެކުރަން ފަށައިފައެވެ.
މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ވެސް އެ ކުންފުނިން ކަނޑައަޅާފައިވާ ހެޔޮ އަގުތަކުގައި މި ތަކެތި ލިބޭނެ އިންތިޒާމު ހަމަޖައްސަނީ ރަށްރަށުގެ އަމިއްލަ ވިޔަފާރިތަކާ ގުޅިގެންނެވެ. މި ސިޔާސަތުގެ ދަށުން، އެސްޓީއޯ އިން ސީދާ ރަށްރަށުގައި މުދާ ވިއްކުމުގެ ބަދަލުގައި، ރަށްރަށުގެ ވިޔަފާރިވެރިންނަށް ހޯލްސޭލް ރޭޓުގައި މުދާ ދޫކޮށް، އެ ފަރާތްތައް މެދުވެރިކޮށް ރައްޔިތުންނަށް ތަކެތި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ރަށްރަށުގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ބާރުވެރިވެ، އިތުރަށް ފުޅާވުމަށް ފުރުސަތު ފަހިވެގެންދާނެއެވެ.
މި ޚިދުމަތް އަތޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ދިނުމަށްޓަކައި، ރަށްރަށުގައި ހަރަކާތްތެރިވާނެ އޭޖެންޓުންގެ ލިސްޓު ވެސް އެސްޓީއޯ އިން މިހާރު ވަނީ އާންމުކޮށްފައެވެ.
އަލަށް ކަނޑައެޅުނު އަސާސީ 80 ބާވަތުގެ ތެރޭގައި ހިމެނެނީ:
- 20 ބާވަތުގެ މޭވާ
- 20 ބާވަތުގެ ތަރުކާރީ
- އާންމުކޮށް ގޭބިސީތަކުގައި ކެއްކުމަށާއި ކެއިންބުއިމަށް ބޭނުންކުރާ 37 ބާވަތެއްގެ ކާބޯތަކެތި
- ކާބޯތަކެތީގެ އިތުރުން ހިމެނޭ އަސާސީ 3 ބާވަތެއް
މި އާ ނިޒާމުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކާނާގެ ރައްކާތެރިކަން ވަރުގަދަވެ، ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނަށް ބޭނުންވާ މުދާ ހުއްޓުމެއްނެތި ލިބިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ފާހަގަކުރައްވައެވެ. މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، އަސާސީ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން ގެނެވުނު މުހިންމު ބަދަލެކެވެ.