ކުޅިވަރު
ވޯލްޑް ކަޕް ކޮލިފައިންގެ ރެކޯޑަކާ ރޮނާލްޑޯ ހަމަކޮށްފި

އުމުރުން 40 އަހަރުގެ ރޮނާލްޑޯ އަކީ ޤައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯދު ވެސް އޮތް ކުޅުންތެރިޔާ---
ވޯލްޑް ކަޕް ކޮލިފައިންގައި ހަންގޭރީ ކޮޅަށް ކާމިޔާބުކުރި ގޯލަކާއެކު، ކޮލިފައިންގެ ރެކޯޑަކާއި ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހަމަކޮށްފިއެވެ.
މިއަންނަ އަހަރު އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި އޮންނަ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕޯޗުގަލް ކުޅުނު މެޗުގައި ރޮނާލްޑޯ ކާމިޔާބުކުރި ގޯލަކީ، ވޯލްޑް ކަޕް ކޮލިފައިން މެޗެއްގައި އޭނާ ކާމިޔާބުކުރި 39ވަނަ ގޯލެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ދެން މި އަދަދަށް ގޯލު ކާމިޔާބުކޮށްފައި ވަނީ ގޯޓެމާލާގެ ކާރލޯސް ރުއިޒްއެވެ. އެހެންކަމުން މި ދެ ކުޅުންތެރިންނަކީ ވޯލްޑް ކަޕް ކޮލިފައިންގެ ތާރީޙުގައި އެންމެ ގިނައިން ގޯލު ޖަހާފައިވާ ދެ ކުޅުންތެރިންނެވެ.
ނަމަވެސް ކާރލޯސް ރުއިޒް 2016ވަނަ އަހަރު ޤައުމީ ޓީމަށް ކުޅެން ހުއްޓާލާފައިވުމުން، މި ރެކޯޑު އަމިއްލަކޮށްލުމުގެ ބާރު ރޮނާލްޑޯއަށް އެބައޮތެވެ. ވޯލްޑް ކަޕް 2026ގެ ކޮލިފައިންގައި މި އަހަރު ނޮވެންބަރުގެ ނިޔަލަށް ޕޯޗުގަލް އަދި 4 މެޗު ކުޅެން ޖެހޭނެއެވެ.
ރޮނާލްޑޯއާ އެންމެ ވާދަވެރި، އާޖެންޓީނާގެ ލިއޮނެލް މެސީއަށް ވޯލްޑް ކަޕް ކޮލިފައިންގައި ކާމިޔާބު ކުރެވިފައި ވަނީ 36 ގޯލެވެ. އަދި ރޭ އިކުއެޑޯއާ ކުޅުނު މެޗާއެކު، އާޖެންޓީނާގެ ކޮލިފިކޭޝަން މެޗުތައް ވަނީ ނިމިފައެވެ.
ހަންގޭރީއާ ދެކޮޅަށް ޕޯޗުގަލް ކުޅުނު މެޗުގައި ފުރަތަމަ ލީޑު ނެގީ ވާރގާގެ ގޯލަކުން ހަންގޭރީއެވެ. ނަމަވެސް ފުރަތަމަ ހާފު ބަނާޑޯ ސިލްވާގެ ގޯލަކުން ޕޯޗުގަލްއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއިރު، ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ނަގައިދިނީ ރޮނާލްޑޯއެވެ. އަދި މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް ވާރގާގެ އިތުރު ގޯލަކުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައި ވަނިކޮށް، އޭގެ ދެ މިނެޓު ފަހުން ޒާއޯ ކާންސެލޯގެ ގޯލާއެކު ޕޯޗުގަލް މެޗު ނިންމާލީ ތިން ޕޮއިންޓާއެކުއެވެ.
ހަންގޭރީ ކޮޅަށް ރޮނާލްޑޯ ކާމިޔާބުކުރި ގޯލަކީ 223 މެޗުން އޭނާ ޤައުމީ ޓީމަށް ކާމިޔާބުކުށްދިން 141ވަނަ ގޯލެވެ.
ރޮނާލްޑޯ ވަނީ މިދިޔަ ހަފްތާގައި އަރުމީނިއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ދެ ގޯލު ކާމިޔާބުކޮށްފައެވެ.