ސައިންސް / ޚަބަރު
އައިފޯން އެއާރއާއެކު އިތުރު 6 ޕްރޮޑަކްޓެއް އެޕަލްއިން ރޭ ތަޢާރަފްކޮށްފި

އައިފޯން 17 އެއާރ، މިއީ އެޕަލްގެ އެންމެ ތުނި އަދި އެންމެ ލުއި ފޯނު---
އެޕަލް ކުންފުނިން މިހާތަނަށް އުފެއްދި އެންމެ ތުނި ފޯނު ކަމުގައިވާ، އައިފޯން އެއާރއާއެކު، އިތުރު 6 ޕްރޮޑަކްޓެއް އެޕަލް ކުންފުނިން ރޭ ތަޢާރަފްކޮށްފިއެވެ.
ކެލިފޯނިއާގައި ހުންނަ އެޕަލް ޕާކް ކެމްޕަސްގައި ރޭ ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި އެޕަލް ކުންފުނިން ވަނީ އައިފޯން 17 ޕްރޯ އާއި އައިފޯން 17 އާއި އެއަރޕޮޑްސް ޕްރޯ 3 އާއި އެޕަލް ވޮޗް ސީރީޒް 11 އާއި އެޕަލް ވޮޗް އެސްއީ 3 އަދި އެޕަލް ވޮޗް އަލްޓްރާ 3 ތަޢާރަފްކޮށްފައެވެ.
އެޕަލް ކުންފުނިން ހާމަކޮށްފައިވާ ގޮތުގައި، އެ ކުންފުނިން އަލަށް ތަޢާރަފްކުރި ޕްރޮޑަކްޓްތައް ފިހާރަތަކުން ލިބޭނީ ސެޕްޓެންބަރު 19ވަނަ ދުވަހުން ފެށިގެން ކަމަށެވެ.
މި ފަހަރު އެޕަލްއިން ތަޢާރަފްކުރި އައިފޯން 17 އެއާރއަކީ އެ ކުންފުނީގެ އައު މޮޑެލްއެކެވެ. މި ފޯނު ހެދުމަށް ބޭނުންކޮށްފައިވާ ޓައިޓޭނިއަމްއާއެކު، މިއީ އެ ކުންފުނީގެ އެހެން ހުރިހާ ފޯނަކަށް ވުރެ ތުނި އަދި ލުއި ފޯނެކެވެ. އަދި އޭގެ އަގު ފެށެނީ 999 އެމެރިކާ ޑޮލަރުންނެވެ.
އައިފޯން 17ގެ އަގަށް އެ ކުންފުނިން ކަނޑައަޅާފައި ވަނީ 799 އެމެރިކާ ޑޮލަރެވެ. މި ފޯނުގެ ޚާއްޞަކަމަކީ، އިތުރަށް ރަނގަޅުކޮށްފައިވާ ޑިސްޕްލޭ އާއި ފޯން ރިފްރެޝްވުމުގެ ރޭޓު އަވަސްވުމާއި އަދި އެ ފޯނުގެ ކެމެރާއެވެ. އަދި އައިފޯން 16އާ ސައިޒުން އެއްވަރުވި ނަމަވެސް، މި ފޯނުގެ ޑިސްޕްލޭގެ ސައިޒު ކުޑަކޮށް ބޮޑުވާނެކަމަށް އެޕަލް ކުންފުނިން ބުނެއެވެ.
މި ފަހަރު ނެރުނު އައިފޯން ޕްރޯގެ އަގަށް ވަނީ 100 އެމެރިކާ ޑޮލަރު އިތުރުކޮށްފައެވެ. މި ފޯނު ދެން ވިއްކާނީ 1،099 އެމެރިކާ ޑޮލަރަށެވެ. އަދި އައިފޯން 17 ޕްރޯ މެކްސްގެ އަގަށް އެއްވެސް ބަދަލެއް ގެނަސްފައި ނުވިނަމަވެސް، އެ ފޯނުގެ ސްޓޯރޭޖް ވަނީ 2ޓީބީއަށް ބޮޑުކޮށްފައެވެ.
އަލަށް ތަޢާރަފްކުރި އެއަރޕޮޑްސް ޕްރޯ 3ގެ އަޑާއި، ނޮއިސް ކެންސަލޭޝަން ވަނީ ކުރީގެ ސީރީސްއަށް ވުރެ ކުރިޔަށްޖައްސާފައެވެ. މި އެއަރޕޮޑު ފަރުމާކޮށްފައި ވަނީ، ވަގުތުން ބަސް ތަރުޖަމާ ކުރުމުގެ ޤާބިލްކަމާއެކުއެވެ. ނަމަވެސް މި ޚިދުމަތް ހޯދުމަސް އޭގެ އަގަށްވުރެ އިތުރަށް 249 އެމެރިކާ ޑޮލަރު ހޭދަކުރަން ޖެހެއެވެ.
އަދި އެޕަލް ކުންފުނިން ރޭ ނެރުނު 3 ގަޑީގެ އަގަށް އެއްވެސް ބަދަލެއް ގެނަސްފައެއް ނުވެއެވެ. ނަމަވެސް ލޭ މައްޗަށް ދިއުމުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްކޮށްދިނުމުގެ ސިފަތައް ވަނީ މި ގަޑިތަކުގައި އިތުރުކޮށްފައެވެ.