ސައިންސް / ޚަބަރު
ބަސް ނުދަތުމުން އޮތް ބީރަށްޓެހިކަމަށް އެއަރޕޮޑްސް ޕްރޯއިން ހައްލު ހޯދައިދީފި

އެއަރޕޮޑްސް ޕްރޯއިން ވަގުތުން ބަސް ތަރުޖަމާކޮށްދޭނެ، ފޮޓޯ: އެޕަލް ކުންފުނި
އެކަކު ވާހަކަ ދައްކާ ބަސް ނުދަތުމުން އެ ފަރާތަކާ އޮތް ބީރަށްޓެހިކަމަށް އެއަރޕޮޑްސް ޕްރޯ-3އިން ހައްލު ހޯދައިދީފިއެވެ.
ކެލިފޯނިއާގައި ހުންނަ އެޕަލް ޕާކް ކެމްޕަސްގައި ކުންފުނީގެ އައު ޕްރޮޑަކްޓުތައް ތަޢާރަފްކުރުމަށް ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދައްކާލި އެއަރޕޮޑްސް ޕްރޯ-3އަށް ވަނީ ވަގުތުން ބަސް ތަރުޖަމާ ކުރުމުގެ ޤާބިލްކަން ލިބިފައެވެ.
އެގޮތުން ތިމާ ނުދަންނަ ބަހަކުން ކުރިމަތީގައި ހުރި މީހަކު ވާހަކަ ދައްކާނަމަ، ތިމާ އަޑުއަހަން ބޭނުން ބަހަކުން އޭނާގެ ވާހަކަތައް އެއަރޕޮޑްސް ޕްރޯ-3 މެދުވެރިކޮށް އަޑުއަހާލެވޭނެއެވެ. އަދި ތިމާ ދަންނަ ބަހަކީ ކުރިމަތީގައި ހުރި މީހާ ދަންނަ ބަސް ނޫންކަމަށްވާނަމަ، ބުނަން ބޭނުންވާ އެއްޗެއް އެއަރޕޮޑްސް ޕްރޯ-3 މެދުވެރިކޮށް އޭނާ ދަންނަ ބަހަކަށް ވަގުތުން ތަރުޖަމާކޮށް، ފޯނުގެ ސްކްރީންއިން ދައްކާލެވޭނެއެވެ.
މިފަދަ ހާލަތެއްގައި ދެ ފަރާތައް ވެސް އެންމެ ފަސޭހަ ގޮތަކަށް ވާނީ، ދެ ފަރާތުން ވެސް އެއަރޕޮޑްސް ޕްރޯ-3 ބޭނުންކުރުމެވެ. އޭރުން މިސާލަކަށް ސްޕެނިޝް ބަސް ނޭންގޭ މީހަކު އިނގިރޭސިން ވާހަކަ ދައްކާއިރު، ސްޕެއިން ބަސް ދަންނަ މީހާއަށް އެ ބަހުން އަނެއް މީހާ ދެއްކި ވާހަކަ އަޑުއަހާލެވޭނެއެވެ. މީގެ އަނެއްކޮޅުން، އޭނާ ސްޕެނިޝް ބަހުން ދައްކާ ވާހަކަ، ވަގުތުން އިނގިރޭސި ބަހަށް ތަރުޖަމާކޮށް އަނެއް މީހާއަށް އަޑު އަހާލެވޭނެއެވެ. އެހެންކަމުން އެޕަލް އިންޓެލިޖެންސާއެކު، އެ ކުންފުނިން މިވަނީ މޯބައިލް ފޯންތަކަށް މުޅިން އައު ޓެކްނޮލޮޖީއެއް ތަޢާރަފްކޮށްފައެވެ.
މި އެއަރޕޮޑްސްގެ އިތުރު ސިފަތަކަށް ބަލާލާއިރު، އަޑުގެ ކޮލެޓީ ރަގަޅުވެފައި ކުރީގެ ޖެނެރޭޝަނަށް ވުރެ އެކްޓިވް ނޮއިސް ކެންސަލޭޝަން ވަނީ ދެ ގުނައަށް ފުރިހަމަކޮށްފައެވެ. އަދި ހެލިފެލިވެ އުޅޭއިރު، ކުރިއަށްވުރެ ފަސޭހަކޮށް ކަންފަތަށް ފިޓުވާގޮތަށް ގެނަސްފައިވާ ބަދަލުތަކާއެކު، ކަސްރަތު ކުރާއިރު ހިތުގެ ރޭޓު އިޙުސާސް ކުރުމުގެ އިތުރުން، ބެޓެރީ ބާރު ހިފަހައްޓާ ވަގުތު ވެސް އިތުރުވާނެކަމަށް އެޕަލް ކުންފުނިން ހާމަކުރެއެވެ.
މީގެއިތުރުން 2030 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ޕްރޮޑްކްޓްތަކަކީ ކާރބަން ނިއުޓްރިއަލް ޕްރޮޑަކްޓްތަކަކަށް ހެދުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން، އެއަރޕޮޑްސް ޕްރޯ-3 އުފެއްދުމަށް ބޭނުންކޮށްފައިވާ ތަކެތީގެ 40 އިންސައްތައަކީ ރީސައިކަލްކޮށްފައިވާ ތަކެއްޗެވެ.
މި މަހުގެ 19އިން ފެށިގެން މި ޕްރޮޑަކްޓް ބާޒާރާ ނެރުމަށް ހަމަޖެހިފައިވާއިރު، މީގެ އަގަކީ 249 އެމެރިކާ ޑޮލަރެވެ.