ކޮލަމް
ތިކިޖެހިތާނަ ބޭނުންކުރުމުގެ މަޤުޞަދާއި، ޢާންމުކޮށް ފެންނަ ބައެއް ކުށްތައް

ތިކިޖެހިތާނަ.
1957 ވަނަ އަހަރު ދިވެހި އަކުރުތަކުގެ ތެރެއަށް އިތުރުކުރެވުނު ތިކިޖެހިތާނަ އަކީ އެއެއްޗަކާ މެދު އެކި މީހުންގެ ޚިޔާލު ތަފާތުވެފައިވާ އެއްޗެކެވެ. ގިނަ ބަޔަކަށް އެބޭނުންކުރުމުގެ ހަމަތަކާއި ބޭނުންކުރަންވީ ތަންތަން ނޭނގިފައިވާ އެއްޗެއްމެއެވެ.
ދިވެހިބަހަށް ތިކިޖެހިތާނަ އިތުރުކުރަން ޖެހުނު ސަބަބަކީ، ޢަރަބިބަހާއި ފާރިސީބަސް ފަދަ ބަސްބަހުން ދިވެހިބަހަށް ވަދެފައިވާ ލަފުޡުތަކުގައި ހުންނަ ބައެއް އަޑުތަކަކީ ދިވެހިބަހުގައި ނުހުންނަ އަޑުތަކަކަށްވުމާއެކު، އެލަފުޡުތައް ތިކިނުޖަހައި ލިޔުމުން އެހެނިހެން ލަފުޡުތަކާ އެއްފަދަ ވެގެން ދިޔުމެވެ. މިކަން ބަޔާންކުރައްވާ، ޢަބްދުﷲ އަސްޢަދު ހައްދަވާފައިވާ ޅެމެއް މިމަޤާމުގައި ޙިއްޞާކޮށްލާނަމެވެ:
ތިކި ނެތީ ވިއްޔާ
ބަހެއް އެތަކެއް އޮޅޭ ގޮތްވޭ ... ލިޔާ އިރު ތިކި ނެތީ ވިއްޔާ
އަޚެއް އަހަކަށް ވެދާނެޔެ ހާ ... މަތީ ތިއްކެއް ނެތީ ވިއްޔާ
އަބަދު އެންމެން އޮޅުން ފިލުވާ ... އަހަން ބޭނުން ވެގެން މިއުޅޭ
ޚަބަރު ހަމަ އެންމެ ހިތި ހަބަރަށް ... ވަނީ ވެސް ތިކި ނެތީ ވިއްޔާ
ލިޔާ އެކިއެކި ލިޔުންތަކުގައި ... ތިމާ ޙާލެއް ނެތޭ ބުނެފައި
ކިޔާ އިރު މާނަ އޮޅެނީ ހާ ... ތިރީގައި ތިކި ނެތީ ވިއްޔާ
ޢަރަޤު ނެގުމާ ޣަރަޤު ވުމުގާ ... އެހުންނަ ތަފާތުގެ ބޮޑުކަމަކާ
ފަރަޤު ނޭނގޭނެޔޭ ހެޔޮކޮށް ... ޖަހާފައި ތިކި ނެތީ ވިއްޔާ
ޣައިނު ކިޔެނީ ފެށޭ އަލިފުގެ ... މަތީގައި ތިކި ޖެހީ ވިއްޔާ
އައިނު އެޅިޔަސް ޢައިނު ނުކިޔޭ ... ތިރީގައި ތިކި ނެތީ ވިއްޔާ
މަނާ ނުމެވާ ސަނާ ފެނުމުން ... އުފައްދާ ފުން ޝުޢޫރުތަކުން
ޘަނާ ލޯބީގެ ނުކިޔޭ ތާ ... މަތީ ތިން ތިކި ނެތީ ވިއްޔާ
ޢަމަލު ކުރެވޭ ގޮތުން އަމަލުވެ ... ހަމައިގައި އަބަދު ނެތް މީހުން
އަމަލުވާން ކުރި ޢަމަލު ނުކިޔޭ ... ނެޔޭ ތިއްކެއް ނެތީ ވިއްޔާ
މަލުން ތިޔަ ދޭ ޝަޛާއިން ހިތް ... ފުރޭ ކަން ހާމަ ކޮށްދޭ އިރު
ކަލުންނޭ! ދޭ ސަޒާ އަށް އެބަ ... ވެޔޭ ތިކިތައް ނެތީ ވިއްޔާ
މަތީގައިވާ ޅެން ކިޔައިލުމުން، ތިކިޖެހިތާނައިގެ މަޤުޞަދު ކޮންމެވެސް ވަރަކަށް ފިލައިފި ކަމަށް އުންމީދުކުރަމެވެ. މިޅެމުގައިވާ ހުރިހައި މިޘާލަކީ ތިކިނުޖެހުމުން މައްސަލަ ދިމާވާނޭ މިޘާލުތަކެއް ކަމަށް އަޅުގަނޑު ނުދެކުނަސް، މިޅެން ހިމަނާލީ، ތިކިޖެހިތާނައިގެ ޖުމުލަ މަޤުޞަދު ބަޔާންކޮށްދިނުމަށެވެ.
ތިކި ޖަހަން ވީ ކޮން ތަންތަނަކު؟
އިހު ނަންގަތް ފަދައިން، ތިކިޖެހިތާނައަކީ ބައެއް ފަރާތްތަކުން މާ ގަޔާ ވާ އެއްޗެއް ނޫނެވެ. ނަމަވެސް، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ތިކިޖެހިތާނައާ މެދު ކޮންމެ ގޮތަކަށް ދެކުނަސް، ހުރިހައި ފަރާތްތަކުން ވެސް އެއްބަސް ވާން ޖެހޭ ޙަޤީޤަތެއް ވެއެވެ. އެކަމަކީ، ތިކިޖެހިތާނަ ބޭނުންކުރެވޭ ހުރިހައި ތަންތަނުގައި ތިކި ނުޖެއްސަސް، ކޮންމެހެން ތިކިޖެހުން މުހިންމު ތަންތަން ހުރި ކަމެވެ. މިޘާލަކަށް، މަތީގައި އެވާ ޅެމުގައި ބަޔާންކުރެވިފައިވާ ފަދައިން، "ޚަބަރު" ލިޔުމުގައި ތިކި ނުޖހައިފި ނަމަ، ހިތި ހަބަރަށް ބަދަލުވެއެވެ. އަދި "ޢަމަލު" މިލަފުޡުގައި ތިކި ނުޖަހައިފި ނަމަ، އަމަލުވުން ނުވަތަ މަސްތުވުމަށް މާނަ ބަދަލުވެއެވެ. ވީމާ، މިއީ އެއް ބާވަތެވެ. އެއީ، ކޮންމެހެން ތިކިޖެހުން މުހިންމު ޙާލަތްތަކެވެ.
ދެވަނަ ބާވަތީ: ލަފުޡުގެ އަޞްލަށް ބަލާ ނަމަ ތިކިޖެހުން ޙައްޤު ނަމަވެސް، ތިކިނުޖެހުމުން އެހެން ލަފުޡުތަކާ އޮޅިގެން ނުދާ ލަފުޡުތަކެވެ. މިޘާލަކަށް: ވަޒީފާ. އަޞްލަށް ބަލާ ނަމަ، އެއީ وظيفة އެވެ. ވީމާ، ތިކިޖެހިތާނަ ޖަހައިގެން ލިޔާނީ "ވަޡީފާ" މިފަދައިންނެވެ. ނަމަވެސް، ތިކިނުޖަހައި ލިޔުމުން އެހެން ލަފުޡަކާ އޮޅޭ ގޮތެއް ނުވެއެވެ. އެހެން މިޘާލަކަށް ބަލާ ނަމަ: "ނަޒަރު" މިބަސް މިގޮތަށް ލިޔުމުން، އެހެން ލަފުޡަކާ އޮޅޭ ގޮތެއް ނުވެއެވެ. ނަމަވެސް ލަފުޡުގެ އަޞްލަކީ ޢަރަބި نظر އެވެ. ވީމާ، ތިކިޖަހައިގެން ލިޔާނީ "ނަޡަރު" މިގޮތަށެވެ. އެހެން މިޘާލަކަށް ބަލާ ނަމަ: "ނިޒާމު". އަޞްލަކީ ޢަރަބި نظام ކަމަށް ވުމުން، ތިކިޖަހައިގެން ލިޔާ ނަމަ ލިޔާނީ "ނިޡާމު" މިގޮތަށެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތަކީ، މިބާވަތުގެ ލަފުޡުތަކުގައި ތިކިނުޖެއްސަސް ހެޔޮ ކަމުގައެވެ. ސަބަބަކީ، ތިކިޖެހިތާނަ އުފައްދަން ޖެހުނު ޙަޤީޤީ މަޤުޞަދުގެ ދާއިރާއިން މިލަފުޡުތައް ބޭރުވެގެން ވުމެވެ. ނަމަވެސް، ލަފުޡުތަކުގެ އަޞްލުތައް ދަންނަ ފަރާތްތަކުން، މިފަދަ ލަފުޡުތަކުގައި ތިކިޖެހުމަކީ، އަޅުގަނޑުގެ ނަޡަރުގައި މޮޅުއިތުރު ގޮތެކެވެ.
މިހެން ދެންނެވީމާ ބައެއް ފަރާތްތަކުން ބުނެފާނެއެވެ. "ތިޔަހެން ލިޔުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ ކޮންމެ ގޮތަކަށް ލިޔުނަސް، ތިޔަ ލަފުޡު ދިވެހީން ކިޔާނީ ޒަވިޔަނީގެ އަޑުންނެވެ. ظ ގެ އަޑަކުން ނޫނެވެ." މިކަމަށް އަޅުގަނޑު ދޭން އޮތް ރައްދަކީ ދެކަމެކެވެ. އެއް ކަމަކީ، ތިކިޖެހިތާނަ ބޭނުން ނުކުރާ އިރު ވެސް، ދިވެހީން ތިޔަ ލަފުޡުތައް ކިޔަނީ ތިޔަބުނި ދިވެހި އަޑުތަކުންނެވެ. ނަމަވެސް، އޭރު އެލަފުޡުތައް ލިޔެ އުޅުނީ ޢަރަބި އަކުރުތައް ބޭނުންކޮށްގެންނެވެ. ދެވަނަ ކަމަކީ، އެކަމުގެ ބޭނުމަކީ އެލަފުޡުތަކުގެ އަޞްލު ދެނެގަނެ، ޙިމާޔަތްކުރުމެވެ. މިގޮތުން، ދިވެހި ބަހަށް ޢަރަބި ގިނަ ލަފުޡުތައް ވަދެފައި ހުރީ ނުސީދާ ކޮށެވެ. މިދެންނެވީ، ދިވެހި ބަހަށް ވަދެފައި ހުރި ޢަރަބި ލަފުޡުތަކުގެ ތެރެއިން ގިނަ ލަފުޡުތަކަކީ ފާރިސީ ބަހާއި އުރުދޫ ބަސް މެދުވެރިކޮށް ދިވެހިބަހާހަމައަށް ފޯރާފައިވާ ލަފުޡުތަކެވެ. ފާރިސީ ބަހާއި އުރުދޫ ބަހުގައި ވެސް ކިޔުމުގައި ކިޔަނީ "ނަޒަރް" އެވެ. ޒަވިޔަނީގެ އަޑުންނެވެ. އެކަމަކު އެދެބަހުގެ އަހުލުވެރީން އެލަފުޡު ލިޔެފައި އޮންނަނީ نظر މިފަދައިން، ظ އެއް ބޭނުންކޮށްގެންނެވެ. ވީމާ، ބަހުގެ އަޞްލުތައް ދެނެގަތުމުގައި ޢިލްމު ލިބިގެން ހުރި ފަރާތްތަކުން، ދިވެހިބަހުގައި ވެސް މިފަދަ ލަފުޡުތަކުގައި ތިކިޖަހައިގެން ބޭނުންކުރުން މޮޅު ކަމުގައި އަޅުގަނޑު ދެކެމެވެ. ނަމަވެސް، އިހު ވެސް ދެންނެވި ފަދައިން، އެހެން ލަފުޡަކާ މާނަ ނޯޅޭ މިފަދަ ލަފުޡުތަކުގައި ތިކިޖެހުމީ ކޮންމެހެން ލާޒިމުކަމެއް ކަމުގައި ނުދެކެމެވެ. އަދި ކިއެއް ހެއްޔެވެ. ޢާންމުންގެ މީހުންނަށް އެފަދަ ކަމެއް ލާޒިމުކުރުމަކީ ބޮޑު ތަކުލީފަކަށް ވެގެން ދާނެއެވެ. ނަމަވެސް، ރަނގަޅަށް ބޭނުން ކުރަން ދަންނަ މީހަކު ބޭނުން ކުރުމަކުން ހުރަހެއް ނެތެވެ.
މިއީ އަޅުގަނޑުގެ ރައުޔެވެ. މެދުމިނުގެ ރައުޔެކެވެ. ނަމަވެސް، ހުރިހައި ޙާލަތެއްގައި ތިކިޖެހިތާނަ ބޭނުންކުރަން ޖެހޭ ކަމަށް ދެކޭ ފަރާތްތައް ވެސް އުޅެއެވެ. އަދި އެއްވެސް ވަރަކަށް ބޭނުންކުރަން ނުޖެހޭ ކަމަށް ބުނާ ފަރާތްތައް ވެސް އުޅެއެވެ.
ތިކިޖެހުމުގައި ޢާންމުކޮށް ފެންނަ ކުށްތައް
ދެން މިހިމަނާލަނީ، ތިކިޖެހުމުގައި ތަކުރާރުކޮށް ފެންނަ، ޢާންމުވެފައިވާ ބައެއް ކުށްތަކެވެ. ސަރުކާރުގެ ވުޒާރާތަކާއި، މަތީ ފަންތީގެ އިދާރާ ތަކުން ވެސް މިކުށްތައް ފެންނަމުން ދާ ކަމީ އަޅުގަނޑުގެ ނަޡަރުގައި ވަރަށް ހިތާމަ ހުރި ކަމެކެވެ.
-ޖުމުލަ ގޮތެއްގައި ދަންނަވާ ނަމަ، ޙ އާއި ޚ ވަރަށް ގިނަ ފަރާތްތަކުން އޮޅުވާލައެވެ. އެއީ، އެދެގޮތަށް ތިކި ޖެހީމާ ނުކުންނަ އަޑު އޮޅެނީ އެއް ކަމެއް، ނުވަތަ އެފަރާތްތަކުން ޙަޤީޤަތުގައި ވެސް ނުބައި ކޮށް އެލަފުޡުތައް ކިޔަނީ އެއް ކަމެއް އަޅުގަނަކަށް ނޭނގެއެވެ.
މިޘާލަކަށް: "ޚާއްޞަ": މިލަފުޡު ލިޔުމުގައި ވަރަށް ގިނަ ފަރާތްތަކަށް އޮޅުން އަރައެވެ. މިދެންނެވީ ތިކި ނުޖަހައި "ހާއްސަ" މިގޮތަށް ލިޔެފައި ހުންނަ ވާހަކައެއް ނޫނެވެ. އެއީ މާ ބޮޑު ކަމެއް ކަމުގައި އަޅުގަނޑު ނުދެކެމެވެ. ސަބަބަކީ، އެލަފުޡުގައި ތިކި ނުޖެއްސަސް އެހެން ލަފުޡަކާ ނޯޅޭނެއެވެ. ނަމަވެސް، ބައެއް ފަރާތްތަކުން "ޙާއްސަ" ނުވަތަ "ޚާއްސަ" ނުވަތަ "ޙާއްޞަ" މިފަދަ ގޮތްގޮތަށް ލިޔެފައި ހުރެއެވެ. މިއެންމެހައި ގޮތްގޮތީ ނުބައި ގޮތްގޮތެވެ. ތިކި ޖަހަން ބޭނުން ނުވާ ނަމަ "ހާއްސަ" މިގޮތަށް ލިޔާށެވެ. ތިކި ޖަހާ ނަމަ ރަނގަޅަށް ޖަހާށެވެ. އެއީ "ޚާއްޞަ" މިގޮތަށެވެ.
"ޚިދުމަތް" މިލަފުޡު ވެސް އިހުގެ ލަފުޡު ފަދައެވެ.
-ޘ އާއި ޡ. މިއީ ވެސް ބައެއް ފަރާތްތަކަށް އޮޅޭ ދެ އަކުރެވެ. ޘ އަކީ ث އެވެ. ނަމަވެސް ޡ އަކީ ظ އެވެ. "ނިޡާމު"، "ނާޡިމް"، މިގޮތްގޮތުގެ ބަދަލުގައި "ނިޘާމު"، "ނާޘިމް"، މިހެން ނުބައިކޮށް ލިޔެފައި ހުންނާތީ ފެނެއެވެ.
-އ އާއި ޢ.
ޢަރަބި ލަފުޡުތަކުގައި ޢައިނު ސުކުން ހުންނަ ތަންތަނުގައި ދިވެހީން ޢާންމުކޮށް ކިޔަނީ އަލިފު އުބުފިލި ޖަހައިގެންނެވެ. މިޘާލަކަށް، كَعْبَة (ކަޢްބާ) މިލަފުޡު ދިވެހީން ކިޔުމުގައި ކިޔާނީ "ކައުބާ" މިގޮތަށެވެ. ތިކިޖެހި ތާނަ ލިޔާ އިރު، "ކަޢުބާ" މިގޮތަށް ލިޔެވޭނެއެވެ. ނަމަވެސް، ބައެއް ފަރާތްތަކަށް ހީވެފައި އޮންނަނީ، ޢަރަބި ބަހުގެ ތެރެއިން އައިސްފައިވާ ލަފުޡުތަކުގެ ތެރެއިން އަލިފު އުބުފިލި ޖަހައިގެން ދިވެހީން ކިޔާ ހުރިހައި ލަފުޡަކީ ވެސް އޭގެ އަޞްލުގައި ޢައިނެއް އޮންނަ ލަފުޡުތަކެއް ކަމަށެވެ. މިކުށްހީ ގެ ސަބަބުން، "ދައުލަތު" "ތައުބާ"، މިފަދަ ބަސްތައް "ދަޢުލަތު"، "ތަޢުބާ"، މިފަދައިން ނުބައިކޮށް ލިޔެވިފައި ހުރެއެވެ. ޚުދު ދައުލަތުގެ ބައެއް އިދާރާތަކުން ވެސް "ދައުލަތު" މިލަފުޡު ނުބައިކޮށް ލިޔާ ކަމީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ.
ތިކިޖެހިތާނަ ލިޔުމުގައި ކުށްލިޔެވެނީ ކީއްވެ؟
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ތިކިޖެހިތާނަ ލިޔުމުގައި ކުށްކުރެވޭ މައިގަނޑު ސަބަބަކީ، ތިކިޖަހަން ޖެހޭ ތަންތަން ނުދަނެހުރެމެ، ތިކިޖެހިތާނަ ބޭނުންކުރަން އުޅުމެވެ. ކޮންމެހެން ތިކިޖެހިތާނަ ބޭނުންކުރުން މުހިންމު ނޫން ތަންތަނުގައި ވެސް، ތިކިޖަހާ ހިތް ވާތީ، ބައެއް ފަރާތްތަކަށް ޖެހެނީ ނުބައި ތިކިތަކެކެވެ. މިކަމުގެ ޙައްލަކީ، ތިކިނުޖެއްސަސް މާނަ ނޯޅޭ ތަންތަނުގައި ތިކިޖަހަން ބޭނުންވާ ފަރާތްތަކުން، ތިކިޖަހަން ބޭނުންވާ ލަފުޡުގެ އަޞްލު ދެނެގަތުމެވެ. އެއީ ދިވެހިބަހުގެ ރަދީފު މެދުވެރިކޮށް، ނުވަތަ ދަންނަ މީހަކު ކުރެން އޮޅުން ފިލުވައިގެންނެވެ. ނޫން ނަމަ، އެލަފުޡެއްގައި ތިކިޖެހުމުން ވާނީ ދުރުހެލިވާށެވެ. ޚާއްޞަކޮށް ދައުލަތުގެ ވުޒާރާތަކާއި، މަތީ ފަންތީގެ އިދާރާތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުވެލެއްވުން ވަރަށް ވެސް މުހިންމެވެ. އެއީ އެމުއައްސަސާތަކުގެ އިޢުތިބާރާއި ޤަދަރު ދެމެހެއްޓުމަށްޓަކައެވެ.
މިލިޔުން ލިޔަން އަޅުގަނޑު ޤަޞްދުކުރީ، ޚަބަރުތަކާއި، ރަސްމީ ބައެއް ލިޔުންތަކުގައި ތިކިޖެހިތާނަ ބޭނުންކުރުމުގައި ނުބައިކޮށް ލިޔެވިފައި ހުންނަ ބައެއް ތަންތަނަށް އަލިއަޅުވާލުމުގެ ނިޔަތުގައެވެ. އެއްވެސް ޙާލެއްގައި، ބަޔަކު ފަޟީޙަތްކޮށްލުން ނުވަތަ ނިކަމެތިކޮށްލުމުގެ ނިޔަތުގައެއް ނޫނެވެ. އެހެނަސް، މިވާހަކައަކީ ދިވެހިބަހުގެ ސަލާމަތަށްޓަކައި ދެއްކުން މުހިންމު ވާހަކައެއް ކަމަށް ދެކޭތީއެވެ.