ކޮލަމް

ދަރިންނަށް ތިޔަ ދެވެނީ ހަގީގަތުގައިވެސް އެންމެ ރަނގަޅު ތަރުބިއްޔަތުތަ؟

ދަރިންނަށް ތިޔަ ދެވެނީ ހަގީގަތުގައިވެސް އެންމެ ރަނގަޅު ތަރުބިއްޔަތުތަ؟

ދަރިންނާއެކު ވަގުތު ހޭދަކުރަނީ...

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

22 އޮކްޓޯބަރު 2026، 03:23

22 އޮކްޓޯބަރު 2026، 03:23

ރިވެތި އަޚުލާޤުގެ ވެރި ހެޔޮލަފާ މުޖުތަމަޢެއް ބިނާކުރުމަކީ މުޅި މުޖުތަމަޢުގެ މިންނެތް މަސައްކަތާއި ހިއްސާ ބޭނުންވާ ކަމެކެވެ. ކުދިން ތަރުބިއްޔަތުވެ ބޮޑުވަމުން އަންނަ މާހައުލަކީ އެކުދިންގެ ސުލޫކާއި އުޅުމަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވާ އަސާސެވެ. ނަމަވެސް ގިނަ ފަހަރަށް ދެވޭ ތަރުބިއްޔަތާއި، މުޖުތަމަޢުގެ ތެރެއިން އެކުދިންނަށް ފެންނަ އަދި އިވޭ ކަންކަމާ ފުށުއަރާ ހާލަތްތައް ކުރިމަތިވެއެވެ. މިފަދަ ބަދަލުތަކުގެ ޒިންމާ ނަގާނެ ފަރާތަކާ މެދު ސުވާލު އުފެދި، އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިގުކުރަމުންދާއިރު، މިކަމުގެ އަސްލު މައްސަލަތަކަށް އެކަށޭނަ ދިރާސާއެއް ހެދިފައި ނެތުމަކީ މިއަދު އޮތް ބޮޑު ކަންބޮޑުވުމެކެވެ.

ކުއްޖެއްގެ އަޚުލާޤީ ބިންގާ އެޅޭ އެންމެ ފުރަތަމަ މަރުޙަލާއަކީ ޢާއިލީ މާޙައުލެވެ. ތުއްތު އިރުއްސުރެ ހެޔޮ ގޮތުގައި ދަރިން ބޮޑުކުރުމަށް މައިންބަފައިން އަޒުމު ކަނޑައެޅި ނަމަވެސް، މިއަދުގެ ދިރިއުޅުމުގެ އޮއިވަރު ހުރި ގޮތުން މިކަމަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށްޓަކައި ދެމަފިރިން ވަޒީފާއަށް ދާންޖެހުމާއި، ގޭގައި ގެންގުޅޭ މީހުންނާ ދަރިން ހަވާލުކޮށްފައި ދާންޖެހޭ ހާލަތްތައް ވަނީ އިތުރުވެފައެވެ. މައިންބަފައިން ވަޒީފާގެ މަސައްކަތުގައި ހޭދަކުރާ ވަގުތު ގިނަވެ، ދަރިންނާ އެކު އެކަށޭނަ ވަގުތު ހޭދަނުކުރެވޭތީ ޢާއިލީ ގުޅުންތަކުގެ އަގު ކުދިންގެ ކުރިމަތީގައި ކުޑަވެގެންދެއެވެ. މީގެ އިތުރުން އެއް ކޮޓަރިއެއްގައި މުޅި ޢާއިލާ ދިރިއުޅެން ޖެހުމުގެ ދަތިކަމާއި، މައިންބަފައިންގެ އަޅާލުމާއި ލޯބި އެކަށީގެންވާ މިންވަރަށް ނުލިބުމަކީ ކުދިން ނަފްސާނީ އަދި ޞިއްޙީ މައްސަލަތަކަށް ހުށަހެޅިގެންދާ މައިގަނޑު އެއް ސަބަބެވެ.

މަދަރުސީ މާހައުލަކީ ކުއްޖާގެ ތަރުބިއްޔަތު ބައްޓަންކުރުމުގެ ދެވަނަ މައިދާނެވެ. ގޭތެރެއެކޭ އެއްފަދައިން ސްކޫލުން ބައްދަލުވާ ފަރާތްތަކުގެ ޢަމަލުތައް ކުދިން ވަރަށް ގާތުން ބަލައި، އެކަންކަން ނަކަލުކުރަން ފަށައެވެ. ވަކިން ހާއްސަކޮށް މުދައްރިސުންގެ ފަރާތުން ފެންނަ ކުދިކުދި ކަންކަން ފާހަގަކޮށް، ދަރިވަރުން ގްރޫޕު ހަދައިގެން އެފަދަ ވާހަކަތައް ދައްކައި މީހުންނަށް އުނދަގޫކުރުމުގެ ޢަމަލުތައް ހިންގައެވެ. ކުރީގެ ޒަމާނާ ޚިލާފަށް މިއަދު ސްކޫލުތަކުގައި ދަރިވަރުންގެ ސުލޫކީ މައްސަލަތަކަށް އެކަށޭނަ ފިޔަވަޅު އެޅުމަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ. ސުލޫކީ މައްސަލައެއް ދިމާވެގެން ބެލެނިވެރިން ސްކޫލަށް ހާޒިރުކުރުމުން، ދަރިފުޅުގެ ކުރިމަތީގައި މުދައްރިސުންނާ ދެކޮޅަށް ވާހަކަދައްކައި، ދަރިވަރު ހިމާޔަތްކުރުމުގެ ސަބަބުން، ކުއްޖާއަށް ދަސްވަނީ ކުރެވުނީ ރަނގަޅު ކަމެއް ކަމަށެވެ. މިއީ ގޯސް ޢަމަލުތަކަށް އިތުރު ހިތްވަރެއް ލިބިގެންދާ ކަމެކެވެ.

ހަމައެއާއެކު، މުޖުތަމަޢުގެ ބޮޑެތި މީހުންނާއި ޤައުމުގެ އިސް ސަފުގައި ތިބި ފަރާތްތަކުގެ އުޅުމަކީވެސް ޖީލުތައް ނަކަލުކުރާ ކަމެކެވެ. ސިޔާސީ ޕާޓީތަކުގެ ދެމެދުގައި ހިނގާ ދެކޮޅުވެރިކަމާއި، އެއް ބަޔަކު އަނެއް ބަޔަކަށް ކުރާ ތުހުމަތުތަކުގެ ވާހަކަތައް ތުއްތު ކުދިންގެ ކަންފަތްތަކާ ހަމައަށް ފޯރަމުންދެއެވެ. މަގުމަތީގެ ޤަވާޢިދުތަކަށް ބެލުމެއް ނެތި، ދުއްވާ އެއްޗެއްސާއި ހިނގާބިނގާވެ އުޅޭ މީހުންނަށް ދަތިވާ ގޮތަށް ބާއްވާ އެއްވުންތަކުގެ ސަބަބުން، ޤަވާޢިދަކީ ވަކި ބަޔަކަށް އެކަނި އޮންނަ އެއްޗެއް ކަމުގެ ނުރަނގަޅު ވިސްނުން ކުދިންގެ ސިކުނޑިތަކުގައި އަށަގަންނަމުންދެއެވެ.

ޤައުމުގެ ކުރިމަގު ބިނާކުރުމަށްޓަކައި މުޖުތަމަޢުގެ ކޮންމެ ފަރުދަކީވެސް ޒިންމާދާރު ބަޔަކަށް ވާންޖެހެއެވެ. ކުޑަކުދިންނަކީ މާދަމާ ޤައުމުގެ ހުންގާނު ހިފަން ތިބި ޖީލަށް ވީހިނދު، އެކުދިންނަށް ފުރިހަމަ ތަރުބިއްޔަތާއި ހެޔޮ ލަފާ އަޚުލާޤު ދަސްކޮށްދިނުމަކީ ހަމައެކަނި ވަކި ބައެއްގެ ކަމެއް ނޫނެވެ. ބިނާކުރަނިވި މުޖުތަމަޢެއް އުފެދޭނީ ޢާއިލާއާއި، މަދަރުސާއާއި، މުޅި މުޖުތަމަޢު އެކުގައި އަތުގުޅާލައިގެން، ޒިންމާދާރުކަމާއެކު މަސައްކަތް ކޮށްގެންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450