ކޮލަމް
ހަނދާން ނެތޭ މައްސަލައަށް އައު އުއްމީދެއް: ދެ ދުވަހުން ފަސޭހަކޮށްދޭ ބޭހެއް
މުސްކުޅި މީހެއް...
އުމުރުން ދުވަސްވުމުގެ ސަބަބުން ސިކުނޑީގެ ބާރު ދެރަވެ ހަނދާން ނެތޭ މައްސަލަ، އެންމެ ދެ ދުވަހުގެ ތެރޭގައި އަނބުރާ އިއާދަކޮށްދޭ އިންގިލާބީ ޓެސްޓު ބޭހެއް އެމެރިކާގެ ޔުނިވާސިޓީ އޮފް ކެލިފޯނިއާ، ސެން ފްރެންސިސްކޯ (ޔޫސީއެސްއެފް) ގެ ސައިންސްވެރިން ދާދި ފަހުން ހޯދައިފިއެވެ.
"އައިއެސްއާރްއައިބީ" ގެ ނަން ދީފައިވާ މި ކޮމްޕައުންޑަކީ، އުމުރުން ދުވަސްވުމުން ސިކުނޑީގެ ސެލްތަކަށް ކުރިމަތިވާ ސްޓްރެސްގެ ސަބަބުން ގެއްލޭ ހަނދާންތަކާއި ވިސްނުން އަލުން ރަނގަޅުކުރުމަށްޓަކައި، ލެބޯޓްރީގައި މީދާ ބޭނުންކޮށްގެން ހެދި ދިރާސާތަކުން ކާމިޔާބު ނަތީޖާއެއް ދެއްކި އައު އުއްމީދެކެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، އުމުރުން ދުވަސްވުމުންނާއި ސިކުނޑިއަށް ލިބޭ އަނިޔާތަކުގެ ސަބަބުން ސެލްތަކުން އުފައްދާ "އިންޓެގްރޭޓެޑް ސްޓްރެސް ރެސްޕޮންސް" (އައިއެސްއާރް) ނިޒާމު ހަރަކާތްތެރިވެއެވެ. މިއީ ސެލްތައް ސަލާމަތްކުރުމަށްޓަކައި އައު ޕްރޮޓީން އުފެއްދުން ވަގުތީ ގޮތުން ހުއްޓުވާލާ ކުއްލި ބުރަތްކެއް ފަދަ ނިޒާމެކެވެ. ނަމަވެސް ގިނަ ދުވަސްވުމުން މި ބުރަކި ޖެހިފައި ހުރުމުގެ ސަބަބުން ސިކުނޑީގެ ސެލްތަކުގެ ގުޅުންތައް ކެނޑި، ހަނދާން ނެތުމަށް މަގުފަހިވެއެވެ. އައިއެސްއާރްއައިބީ ބޭހުގެ މަސައްކަތަކީ މި "ބުރަކި" ނައްތާލައި، ސިކުނޑީގެ ސެލްތަކުގައި ޕްރޮޓީން އުފެއްދުން ހިންގަން ފެށުމެވެ.
ލެބޯޓްރީގައި ކުރި ޓެސްޓުތަކުން ފާހަގަކުރެވުނު އެންމެ ބޮޑު ކަމަކީ މި ބޭހުގެ ސަބަބުން ފެނުނު އަވަސް ނަތީޖާއެވެ. އާންމުކޮށް ސިކުނޑީގެ ބަލިތަކަށް ދޭ ފަރުވާތަކުން ނަތީޖާ ފެންނަން މަސްތަކެއް ނަގާއިރު، އުމުރުން ދުވަސްވީ މީދާތަކަށް މި ބޭސް ދިނުމުން އެންމެ 24 އާއި 48 ގަޑިއިރު ތެރޭގައި، ޒުވާން މީދާތަކެކޭ އެއްފަދައިން ހަނދާނާއި ވިސްނުން ތޫނުވެގެން ދިޔައެވެ. މީގެ އިތުރުން މައިކްރޮސްކޯޕުން ބެލިބެލުމުގައި ސިކުނޑީގެ ސެލްތަކުގެ އިލެކްޓްރިކަލް ހަރަކާތްތައް ޒުވާންވެ، ސެލްތައް ގުޅުވައިދޭ ނާރުތައް އަލުން ބިނާވެފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.
ދިރާސާވެރިން ބުނެފައިވަނީ، ސިކުނޑީގެ ސެލްތަކަށް އަންނަ ސްޓްރެސްގެ މައްސަލައަކީ ނިއުރޮލޮޖިކަލް ގިނަ ބަލިތަކެއްގައި ދިމާވާ މައިގަނޑު އެއް ސަބަބު ކަމަށެވެ. އެހެންކަމުން، މިއީ ހަމައެކަނި އުމުރުން ދުވަސްވުމުން ހަނދާން ނެތޭ މައްސަލައަށް އެކަނި އޮތް ހައްލެއް ނޫން ކަމަށާއި، އަލްޒައިމާސް ބައްޔާއި، ބޮލަށް ލިބޭ ބޮޑެތި އަނިޔާތަކާއި، ޕާކިންސަންސް އަދި އޭއެލްއެސް ފަދަ ނުރައްކާތެރި ބަލިތަކަށް ފަރުވާ ހޯދުމަށް ހުޅުވިގެންދިޔަ މުހިންމު ދޮރެއް ކަމަށް ދިރާސާ ޓީމުން ބުންޏެވެ.
މި ބޭހުން ޖަނަވާރުތަކުގައި އާދަޔާ ހިލާފު ރައްކާތެރި އަދި ކާމިޔާބު ނަތީޖާތަކެއް ދެއްކި ނަމަވެސް، މިއީ އަދިވެސް ޓެސްޓު މަރުހަލާގައިވާ ބޭހެކެވެ. އާންމުކޮށް ބޭނުންކުރުމުގެ ހުއްދަ ލިބުމުގެ ކުރިން އިންސާނުންގެ ހަށިގަނޑުގައި ހަދަންޖެހޭ ފުރިހަމަ ކްލިނިކަލް ޓެސްޓުތައް ފުރިހަމަކުރަން ޖެހެއެވެ. މި ބޭހުގެ ލައިސަންސް މިހާރު ކެލިކޯ ކުންފުންޏަށް ދީފައިވާ އިރު، އިންސާނުންގެ ހަށިގަނޑުގައި ރައްކާތެރިކަމާއެކު މި ބޭސް ބޭނުންކުރެވޭނެ ގޮތްތައް ހޯދުމުގެ އިތުރު ދިރާސާތައް އެ ކުންފުނިން ދަނީ ކުރަމުންނެވެ.