ކޮލަމް

ކުރީގެ ޖީލުތަކާ އަޅާބަލާއިރު މިހާރުގެ މީހުންގެ ހަންގަނޑު އަވަހަށް މުސްކުޅިވަނީ ކީއްވެ؟

ކުރީގެ ޖީލުތަކާ އަޅާބަލާއިރު މިހާރުގެ މީހުންގެ ހަންގަނޑު އަވަހަށް މުސްކުޅިވަނީ ކީއްވެ؟

ސްކިން ކެއަރ... ފޮޓޯ:އެވްރީޑޭ ހެލްތް

ފާޠިމަތު ޝާނީ އަޙްމަދު

ފާޠިމަތު ޝާނީ އަޙްމަދު

17 އޮކްޓޯބަރު 2026، 04:45

17 އޮކްޓޯބަރު 2026، 04:45

މިހާރުގެ ވެށީގެ ހާލަތާއި ދިރިއުޅޭ ގޮތްތައް ހުރިގޮތުން، ކުރީގެ މީހުންނާ އަޅާބަލާއިރު މިއަދުގެ ޖީލުތަކުގެ ހަންގަނޑު މުސްކުޅިވާ ދުވެލި ވަނީ ވަރަށް ބޮޑަށް އަވަސްވެފައެވެ. އިންސާނާގެ ޖީންސާއި އުމުރުން ދުވަސްވުމުން އަންނަ ގުދުރަތީ ބަދަލުތަކުގެ އިތުރުން، ޒަމާނީ ދިރިއުޅުމުގެ ކަންކަމުގެ ސަބަބުން ޅައުމުރުގައި ހަންގަނޑު ރޫޖެހި، ވިދުން ގެއްލޭ މިންވަރު ވަނީ އިތުރުވެފައެވެ.

"ދަ އެސްތެޓިކް ކްލިނިކް" ގެ ކޯ-ފައުންޑަރ އަދި ޑިރެކްޓަރ ޑރ. ރިންކީ ކަޕޫރު ވިދާޅުވެފައިވާ ގޮތުގައި، މިޒމާނުގައި ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވެއެވެ. އޭގެތެރޭގައި ޖައްވު ތަޣައްޔަރުވުމާއި، އަވީގެ އަސަރު މާބޮޑަށް ކުރުމާއި، މާބޮޑަށް ސްޓްރެސްވުމުގެ އިތުރުން، ނިދި މަދުވުމާއި، ކެއުމުގެ ނުބައި އާދަތަކާއި، ކަސްރަތު ނުކުރުން ހިމެނެއެވެ. ވައި ނުސާފުވުމުގެ ސަބަބުން ހަމަށް ލިބޭ ގެއްލުންތައް ސައިންސްގެ އަލީގައި ވަނީ ހާމަވެފައެވެ. އެއީ ވައިގެ ތެރޭގައި ހުންނަ ނުސާފު މާއްދާތަކުގެ ސަބަބުން ހަމުގެ ސެލްތަކަށް ސްޓްރެސް ލިބި، ހަމުގެ ގުދުރަތީ ދިފާޢީ ބާރު ކެނޑިގެންދާތީއެވެ. މިއީ ސެލްތަކަށް ގެއްލުންދޭ ފްރީ ރެޑިކަލްސް އާއި އެންޓިއޮކްސިޑެންޓްސްއާ ދެމެދު ހުންނަ ބެލެންސް ގެއްލުމުންވާ ކަމެކެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޒުވާން އުމުރުގައި ހަންގަނޑު ހިކި، ކުރަކިވެ، ވާންކަން ކުޑަވެގެންދެއެވެ.

މީގެ އިތުރުން، ހަމުގެ ދާއިރާގައި މިއަދު އެންމެ ބޮޑަށް ދެކެވެމުންދާ އެއް ވާހަކައަކީ "އިންފްލެމޭޖިންގ" އެވެ. މާނައަކީ ދިގު މުއްދަތަކަށް ހަމުގެ އެތެރޭގައި އުފެދޭ އިންފްލެމޭޝަން ނުވަތަ ދުޅަވުމުގެ ސަބަބުން ހަންގަނޑު އަވަހަށް ބަލިކަށިވުމެވެ. އިރުގެ ދޯދިތަކާއި ވެށީގެ ތަޣައްޔަރުކަމުގެ ސަބަބުން ހަމުގައި ހުންނަ ކޮލަޖަން ހަލާކުވެ، ހަންގަނޑު އަމިއްލައަށް އާރާސްތުވުމުގެ ޤާބިލުކަން ގެއްލެއެވެ.

ހަންގަނޑު ބެލެހެއްޓުމުގައި އެންމެންނަށް ވެސް ދާއިމީ ހައްލެއް ނޯވެއެވެ. ކުރީ ޒަމާނުގައި ބޭނުންކޮށްފައި ހުރި ތަކެއްޗަކީ މިއަދުގެ ވެއްޓަށާއި ދިރިއުޅުމުގެ ހާލަތަށް އެންމެ އެކަށީގެންވާ ތަކެތި ކަމުގައި ނުވެދާނެއެވެ. އެހެންކަމުން، އެންމެ މުހިންމީ ދިގު މުއްދަތަކަށް ހަންގަނޑުގެ ސިއްޙަތު ރަނގަޅަށް ބެލެހެއްޓުމެވެ. އަދި ހަމަ ރަނގަޅަށް ބެލެހެއްޓުމަކީ މާގިނަ ކޮސްމެޓިކް ސާމާނު ބޭނުންކުރުމެއް ނޫނެވެ. މާގިނަ ކެމިކަލް އުފެއްދުންތައް އެއްފަހަރާ އުނގުޅުމުން ހަމުގެ ޤުދުރަތީ ދިފާޢީ ފަށަލަ ހަލާކުވެ، އިތުރު މައްސަލަތަކާ ކުރިމަތިލާން ޖެހިދާނެއެވެ.

ހަންގަނޑު މުސްކުޅިވުން ލަސްކުރުމަށް ދިރިއުޅޭ ވައްޓަފާޅި ރަނގަޅުކުރުމަކީ މުހިންމު ކަމެކެވެ. ފުރިހަމައަށް ނިދުމާއި، ރަނގަޅު ކާނާ ކެއުމާއި، ގިނައިން ފެން ބުއިމާއި، ނަފްސާނީ ހަމަޖެހުން ހޯދުމާއި، ގަވާއިދުން ކަސްރަތު ކުރުމަކީ ހަންގަނޑު ރީތިކޮށް ބެހެއްޓުމަށް ކޮންމެހެން ބޭނުންވާ ކަންކަމެވެ.

އުމުރުން ދުވަސްވުމަކީ ޤުދުރަތީ ކަމަކަށް ވީނަމަވެސް، ޑޮކްޓަރެއްގެ ލަފާގެ މަތިން އުމުރާ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަކީ ކޮންމެ އުމުރެއްގައި ވެސް ހަމުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވިދާނެ އެންމެ މުހިންމު ކަމެކެވެ. ވެއްޓަށް އަންނަ ބަދަލުތަކަށް ސަމާލުވެ، އަމިއްލަ އާދަތައް ރަނގަޅުކޮށްގެން ހަންގަނޑު ބެލެހެއްޓުމަކީ ދިގު މުއްދަތުގެ ފައިދާ ލިބޭނެ ކަމެކެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450