Ads by Stelco

ޚަބަރު

އަލަށް އުފަންވާ ކުދީންގެ ދުޅަހެޔޮކަމަށްޓަކާ ޞިއްޙީ ހުރިހާ ޚިދުމަތްތެރިން ގުޅިގެން މަސައްކަތްކުރަން ޖެހޭ: މެޑަމް ސާޖިދާ

އަލަށް އުފަންވާ ކުދީންގެ ދުޅަހެޔޮކަމަށްޓަކާ ޞިއްޙީ ހުރިހާ ޚިދުމަތްތެރިން ގުޅިގެން މަސައްކަތްކުރަން ޖެހޭ: މެޑަމް ސާޖިދާ

މެޑަމް ސާޖިދާ މުޙައްމަދު/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

10 ސެޕްޓެމްބަރު 2025، 12:39

10 ސެޕްޓެމްބަރު 2025، 12:39

އަލަށް އުފަންވާ ކުދީންގެ ދުޅަހެޔޮކަމަށްޓަކާ ޞިއްޙީ ދާއިރާގެ ހުރިހާ ޚިދުމަތްތެރިން ގުޅިގެން އެކުގައި މަސައްކަތްކުރައްވަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ، ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ދަރުމަވަންތަ ހޮސްޕިޓަލުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މިއަދުގެ ކޮންފަރެންސްގެ މައުޟޫޢަކީ ކޮންމެ ދިވެއްސެއްގެ ޙަޔާތާ ގުޅިފައިވާ މައުޟޫޢެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މެޑަމް ސާޖިދާ މުޙައްމަދު ވަނީ، ކޮންފަރެންސްގައި ކުރެވޭ މަޝްވަރާތަކާއި ނިންމާ ނިންމުންތައް ތަންފީޒުކުރެއްވުމަށް ގުޅިގެން މަސައްކަތްކުރެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

އަލަށް އުފަންވާ ކުދިންގެ ޞިއްޙަތާއި ދުޅަހެޔޮކަމަށް މަސައްކަތްކުރައްވާ ޚިދުމަތްތެރިންގެ މަސައްކަތް ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، ރާއްޖޭގައި އުފަންވާ ކުދިންގެ ޞިއްޙަތާ ބެހޭ ދާއިރާގައި ވަރަށް ހިތްދަތި ކަންކަން ދިމާވެފައިވާކަން އެދާއިރާގެ ތާރީޚީ ލިއުންތަކުން ހާމަވެ ފެންނާން ހުރި ކަމަށެވެ. ހަމަ އެހެންމެ، މިހާރުވެސް މި ދާއިރާއަށް އަވަސް ކުރިއެރުންތައް ބޭނުންވާކަން އެކަމަނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ތަނާއި ޖާގަ އަދި އިންސާނީ ހުނަރާއި ގާބިލުކަން ބޭނުންވާކަން، އެކަމަނާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، އެކި ދާއިރާތަކުން ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލަމުން އެކަމަނާ ވިދާޅުވީ، ޞިއްޙީ ދާއިރާގައި ޢިލްމާއި ޓެކްނޮލޮޖީ ކުރިއަރަމުން އަންނަ ގޮތް ޚާއްޞަކޮށް ފާހަގަކުރެއްވޭ ކަމަށެވެ. މީގެ ތެރޭގައި، އަލަށް އުފަންވާ ކުދިންނާ ގުޅުންހުރި ކަންކަމަށް ޚާއްޞަކޮށް ތަޢާރަފުކުރެވިފައިވާ ޓެކްނޮލޮޖީ ހުރިކަން ފާހަގަކުރައްވައި، މިފަދަ ކޮންފަރެންސްތަކުގައި ކުރެވޭ މަޝްވަރާތަކުގެ ސަބަބުން، ރާއްޖޭގައި އެފަދަ ކަންކަން ތަންފީޛުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.

ދެދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ ނިއޯނޭޓަލް ނަރުހުންގެ ކޮންފަރެންސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ އިސްވެރިން  ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން