ޚަބަރު
ދިވެހި ވިޔަފާރިވެރިންނަށް އަލީބާބާ.ކޮމްގެ ޕްލެޓްފޯމްގައި މުދާ ވިއްކުމަށް ސެލާރ އެކައުންޓް ހުޅުވޭނެ ފުރުޞަތު ފަހިކޮށްދެނީ

އަލީބާބާ.ކޮމް/ފޮޓޯ: އެސްސީއެމްޕީ
ދިވެހި ވިޔަފާރިވެރިންނަށް އަލީބާބާ.ކޮމްގެ ޕްލެޓްފޯމްގައި މުދާ ވިއްކުމަށް ސެލާރ އެކައުންޓް ހުޅުވޭނެ ފުރުޞަތު ފަހިވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ޗައިނާ-މޯލްޑިވްސް ފްރީ ޓްރޭޑް އެގްރިމަންޓްގެ ދަށުން އެޅިގެންދާ މުހިންމު އަދި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ، އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއާއި ދުނިޔޭގެ ނަން މަޝްހޫރު އީކޮމަރސް ޕްލެޓްފޯމްތަކާއެކު ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން ރާއްޖޭގެ އީކޮމާރސް އަދި އޮންލައިން ވިޔަފާރިކުރާ އަދި އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ޙާއްސަކޮށްގެން މިމަހުގެ 16 ވަނަ ދުވަހު އޮންލައިން ވޯކްޝޮޕެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ވޯކްޝޮޕްގައި ބައިވެރިންނަށް މަޢުލޫމާތު ހިއްސާކުރައްވާނީ އަލީބާބާ.ކޮމް ގެ އެކްސްޕާރޓުންކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
ވަޒީރު މުޙައްމަދު ސަޢީދު އިތުރަށް ވިދާޅުވީ، އިޤްތިޞާދީ ތަރައްޤީއާ ވިޔަފާރިއާ ބެހޭ ވުޒާރާއާއި އަލީބާބާ.ކޮމް އާއެކު ފާއިތުވެދިޔަ ދުވަސްތަކުގައި ކުރެވުނު މަސައްކަތްތަކާއި، އެކުލަވާލެވުނު މަޝްވްރާތަކުގެ ސަބަބުން ދިވެހީންގެ ތެރޭގައި އޮންލައިން ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށް އަލީބާބާ.ކޮމްގެ ޕްލެޓްފޯމްގައި އެފަރާތްތަކުގެ މުދާ އޮންލައިންކޮށް ވިއްކޭނެ ގޮތަށް، ސެލާރ އެކައުންޓް ހުޅުވޭނެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެއްކަމުގައިވާ ދުނިޔޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭނުންކުރެވެމުންދާ އީކޮމާރސް ޕްލެޓްފޯމްތަކުގައި ދިވެހީންނަށް ސެލަރ އެކައުންޓްސް ހުޅުވޭނެގޮތް ހަދައިދީ، މި ޕްލެޓްފޯމްތަކުގައި އޮންލައިން ވިޔަފާރި ކުރެވޭނެގޮތް ހަމަޖައްސަވައިދެއްވުމަށް، ވެވަޑައިގެންނެވި ވަޢުދުފުޅު ފުއްދެވުމުގެ މަސައްކަތްކުރުމުގެ ތެރެއިން އެޅިގެންދާ މުހިންމު ފިޔަވަޅެއްކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިން ކުރަމުންދާ ވިޔަފާރިތައް ފުޅާކޮށް، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ދިވެހި ވިޔަވާރިވެރިންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.