ޚަބަރު
4000 ފްލެޓް: ފުރަތަމަ 14 ޓަވަރުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފަށަނީ

ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިމާރާޓް ކޮށްފައިވާ ފްލެޓްތަކެއް/ފޮޓޯ: ގާފު އެމްވީ
ގެދޮރުވެރިޔާ ސްކީމްގެ ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ 14 ޓަވަރުގެ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް މާދަމާ ފަށާނެކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ވިދާޅުވެއްޖެއެވެ.
އެފްޑީސީން ވިދާޅުވީ، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހައުސިން ޔުނިޓުތައް، މަސައްކަތް ނިމިފައިވާ ތަރުތީބުން ތަޅުދަނޑި ހަވާލުކުރުން ކުރިއަށްދާނެ ކަމަށެވެ. އެގޮތުން، އެންމެ ފުރަތަމަ ހަވާލުކުރާނީ އަމާން އުދަރެސް މަޝްރޫޢުގައި ހިމެނޭ 16 ޓަވަރުގެ ތެރެއިން 14ވަނަ ޓަވަރުކަމަށް އެފްޑީސީން މަޢުލޫމާތުދެއެވެ. މި ޓަވަރުތަކުގެ ތެރޭގައި މުޅިން މަސައްކަތް ނިމިފައިވާ ޓަވަރުތަކާއި މަސައްކަތް ނިމުމާ ވަރަށް ގާތްވެފައިވާ ޓަވަރުތައް ހިމެނޭކަމަށް އެފްޑީސީން ވިދާޅުވިއެވެ.
މީގެ އިތުރުން، އެފްޑީސީން ވިދާޅުވީ ފުރަތަމަ ފްލެޓް ހަވާލުކުރާނީ، ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ނަން ފޮނުއްވާފައިވާ މީހުންގެތެ ރެއިން އެއްބަސްވުމުގައި ސޮއިކޮށް ނިމި، އަދި ސެކިއުރިޓީ ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށް ކަމަށެވެ. އެގޮތުން، ޓަވަރުތައް ނިމި، ސެކިއުރިޓީ ޑިޕޮސިޓްގެ ފައިސާ ދައްކަމުންދާވަރަކުން ޓަވަރުތައް ހަވާލުކުރުން ކުރިއަށްދާނެކަމަށްވެސް އެފްޑީސީން ވިދާޅުވެއެވެ. އެހެންކަމުން، މާދަމާ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް އެ ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.
މިހާތަނަށް ފްލެޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ފަރާތްތަކަށް ޑިޕޮސިޓް ޕޭމަންޓް ދެއްކުމަށް ވަނީ ހުޅުވާލައިފައެވެ. އެގޮތުން، 2 ކޮޓަރީގެ އެޕާޓްމަންޓަކަށް 15,000ރ، އަދި 3 ކޮޓަރީގެ އެޕާޓްމަންޓަކަށް 25,000ރ ގެ ޑިޕޮސިޓެއް ދައްކަން ޖެހެއެވެ. ނަމަވެސް، ސަރުކާރުން ވަނީ ޤަވާއިދުން ކުލި ދައްކާ ފަރާތްތަކަށް ބޮޑު ސަބްސިޑީއެއް ދިނުމަށް ނިންމާފައެވެ. އެގޮތުން، 2 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 9,000ރ އިން 7,000ރ އަށް، އަދި 3 ކޮޓަރީގެ އެޕާޓްމަންޓްގެ ކުލި 13,000ރ އިން 9,000ރ އަށް ވަނީ ކުޑަކޮށްފައެވެ.