ޚަބަރު
ށ. ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން
ށ. ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައިވަނީ ފޭދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
އެގޮތުން، މި މަހުގެ 7 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި، ކުޅުދުއްފުށިން ފުރައިގެން ފޭދޫއަށް ދިޔަ ފެރީ ދޯންޏަކުން ފޭބި ށ. ފޭދޫ / ޒަމާނީވިލާ، މުޙައްމަދު ޝާމް (27އ) ހުއްޓުވައި ބަލައިފާސްކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. އަދި އޭނާ ބަލައިފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 11 ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މި މައްސަލައާ ގުޅިގެން މުޙައްމަދު ޝާމްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުޤީގު ކުރަމުންނެވެ.