ދުނިޔެ
އަނިޔާކުރަން އުޅުނު މީހާގެ ދޫ ބުރިކޮށްލި ކޮރެއާ އަންހެނާ މަޢުޞޫމު ކަމަށް 61 އަހަރު ފަހުން ނިންމައިފި!

މިހާރު ޢުމުރުން 79 އަހަރުގެ ޗޯއި.

ފަރުދުން
10 ސެޕްޓެމްބަރު 2025، 03:11
10 ސެޕްޓެމްބަރު 2025، 03:11
އަނިޔާކުރަން އުޅުނު މީހާގެ ދޫ ބުރިކޮށްލި މައްސަލައެއްގައި މީގެ 61 އަހަރު ކުރިން، 1964 ވަނަ އަހަރު ކުށް ޘާބިތުވެފައިވީ ދެކުނު ކޮރެއާ އަންހެނާ މަޢުޞޫމު ކަމަށް އެޤައުމުގެ ޖުޑިޝަރީން މިއަދު ނިންމައިފިއެވެ. އޭރު ޢުމުރުން އެންމެ 18 އަހަރުގެ ޗޯއި މަލް-ޖާ އަށް ޖިންސީގޮތުން އަނިޔާ ކުރި ފިރިހެނެއްގެ ދުލުގައި ދަތްއަޅައި، އޭނާގެ ދުލުން 1.5 ސެންޓިމީޓަރެއް ހައި ތަން ޗޯއިގެ ދަތުން ބުރިކޮށްލިއެވެ. މިކަމުގެ ސަބަބުން، މީހަކަށް ނުޙައްޤުން އަނިޔާ ކުރުމުގެ ކުށް ޗޯއިގެ މައްޗަށް ޘާބިތުކޮށް، ޗޯއި އަށް 10 މަސް ދުވަހުގެ ޖަލު ޙުކުމެއް އިއްވިއެވެ. ނަމަވެސް، އޭނާއަށް އަނިޔާކުރި ޢުމުރުން 21 އަހަރުގެ މީހާއަށް އިއްވީ އެންމެ 6 މަސް ދުވަހުގެ ޙުކުމެކެވެ.
ޗޯއި އަށް ޖިންސީ ގޯނާ ކޮށްކޮށް ހުއްޓައި، ޗޯއި އެފިރިހެނާގެ ދުލުގައި ދައިގަތީ، އަމިއްލަ ނަފްސު ޙިމާޔަތްކުރުމަށެވެ. ނަމަވެސް، އޭގެ ފަހުން އެފިރިހެނާ ޗޯއި ގެ ގެއަށް ތޫނު އެއްޗެހި ހިފައިގެން ގޮސް، ޗޯއި އަށް ބިރު ދައްކާފައިވެއެވެ. އަދި ކޯޓުން ވެސް ޗޯއި އަށް އެކަމުގައި ޙުކުމް ކޮށްފައި ވެއެވެ. ކޯޓުން އޭރު ބުނީ، ޗޯއި ކުރި ޢަމަލަކީ އަމިއްލަ ނަފްސުގެ ދިފާޢުގައި ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ޗޯއިއަށް ގޯނާ ކުރި ފަރާތުގެ މައްޗަށް ގޯނާ ކުރިކަމުގެ ކުށް ޘާބިތު ވި ކަމަކަށް ވެސް ނުވިއެވެ. އެހެނަސް އެފިރިހެނާއަށް ޘާބިތުވީ ހުއްދަނެތި މީހެއްގެ ގެއަށް ވަނުމުގެ ކުށް އެކަންޏެވެ.
ޗޯއިއަށް މީގެ 61 އަހަރު ކުރިން ކުރިމަތިވި މިބޭއިންޞާފު ވެގެން ދިޔައީ ދެކުނު ކޮރެއާގެ ޤާނޫނު ފޮތްތަކުގައި މިޘާލެއްގެ ގޮތުގައި ނަންގަނެވޭ ވާހަކައަކަށެވެ. އެފޮތްތަކުގައި މިވާހަކަ ހުށަހަޅައިދެނީ، އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޒިންމާ ކޯޓުން ބަލައިނުގަތް މައްސަލައެއްގެ ގޮތުގައެވެ.
އެތައް އަހަރުތަކެއްގެ އަޑުގަދަ ވަކާލާތުކުރުމަށް ފަހު، މިމައްސަލައިގެ އަޑުއެހުންތައް ބޫސާން ސިޓީގައި އަލުން އިޢާދަކުރުމަށް ނިންމީ މިދިޔަ ޖުލައި މަހުގެ ތެރޭގައެވެ. ޖުލައި މަހުގެ 24 ވަނަ ދުވަހު ބޭއްވި މައްސަލައިގެ ފުރަތަމަ އަޑުއެހުމަށް ފަހު، ޗޯއިގެ މައްޗަށް ކުރިން ޙުކުމް ކުރީ އެކަށޭނަ ހެކިބުރުހާނު ނެތީސް ކަމަށް ފެނިގެން، ޢާންމުންގެ ކުރިމަތީގައި ޝަރީޢަތުގެ ތަޅުމުގައި ޗޯއިގެ ކިބައިން މަޢާފަށް އެދުނެވެ. މަޢާފަށް އެދިވަޑައިގެންނެވީ ސީނިޔަރ ޕްރޮސެކިއުޓަރ ޖިއޮންގ މިއޮންގ-ވޮން އެވެ. ޖިއޮންގ ވިދާޅުވީ ޕޮރޮސެކިއުޝަނުން އަދަކުރަންޖެހޭ ރޯލުގައި ފޭލިވެފައިވީ ކަމަށާއި، މިކަމުގައި ބޭއިންޞާފުން ކުރި ޙުކުމުގެ ސަބަބުން ޗޯއި އަށް އިންތިހާ ދަރަޖައިގެ ވޭނާއި ނަފްސާނީ އަނިޔާ ދެވިފައިވާ ކަމަށެވެ.
ޖުލައި މަހުގެ 24 ވަނަ ދުވަހު ބޭއްވި އަޑުއެހުމަށް ފަހު، މައްސަލައިގެ ނިހާއީ ޤަރާރު އިއްވުން އޮތީ މިއަދު، ކޮރެއާ ގަޑިން މެންދުރު 2:00 ގައެވެ. މިގޮތުން، ޗޯއިގެ މައްޗަށް އުފުލި ދަޢުވާގައި ޗޯއި މަޢުޞޫމު ކަމަށް ކޯޓުން ވަނީ އިއްވާފައެވެ. މިކަމުގެ އުފަލުގައި "We won" މިފަދައިން ޗޯއި ހިނިތުންވުމާއެކު ބުންޏެވެ.
އަހަރުތަކެއްވީ މިމައްސަލަ ދޫނުކުރުމަށް ޗޯއި ނިންމީ 2018 ވަނަ އަހަރުއެވެ. އެއަށް ފަހު، މައްސަލަ އަލުން ބެލުމަށް އެދި ޗޯއި ހުށަހެޅީ، ދެއަހަރު ވަންދެން ހެކިޤަރީނާ އެއްކުރުމަށް ފަހުގައެވެ. އެއީ 2020 ވަނަ އަހަރުއެވެ. އޭރުއްސުރެ، ޗޯއިއަށް އެކަށީގެންވާ މިންވަރަކަށް ހެކި ނެތް ކަމަށް ގިނަ ލޯޔަރުންތަކެއް ބުނަމުން ދިޔައެވެ. ނަމަވެސް ޗޯއި ހިތްވަރު އެލުވައެއް ނުލައެވެ. އެންމެފަހުން، މައްސަލަ އަލުން ބެލުމަށް ދެކުނު ކޮރެއާގެ ސުޕްރީމް ކޯޓުން ނިންމީ، މިދިޔަ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
"މީހުން އަހަރެން ގާތު ބުނި ތިޔައީ ހިލަގަނޑަކަށް ބިސްތަކެއް އުކުން ކަހަލަ ކަމެކޭ. އެކަމަކު އަހަންނަކަށް މިމައްސަލަ ދުލެއް ހަމަ ނުކުރެވޭނެ" މިހާރު ޢުމުރުން 79 އަހަރު ފުރިފައިވާ ޗޯއި މަލް-ޖާ ބުންޏެވެ. އޭނާއަށް މިމައްސަލައިގައި އެއްބާރުލުން ދިން ހުރިހައި ފަރާތްތަކަށް ޗޯއި ވަނީ ޝުކުރު އަދާކޮށްފައެވެ. ޗޯއި މިމައްސަލައިގައި އޭނާގެ މައްޗަށް ނުޙައްޤުން ކުރި ޙުކުމުގެ ބަދަލު ހޯދުމަށް ހުށަހަޅާނެއެވެ. މިކަމުގައި ޗޯއި ކާމިޔާބު ވާނެ ކަމަށް ގިނަ ބަޔަކު އުންމީދު ކުރެއެވެ.
ޗޯއި ބުނީ ޗޯއި މިމައްސަލައިގައި "ފައިޓް ކުރީ" އިންޞާފު ހޯދުމަށް ކަމަށާއި، މިފަދަ އެހެން ޙާލަތްތައް ކުރިމަތިވެފައިވާ އަންހެނުންނަށް ހިތްވަރު ދިނުމަށް ކަމަށެވެ. ވަރުގަދަ ޢަޒުމަކާއެކު ޢަދުލު އިންޞާފު ހޯދުމަށް ޗޯއި ކުރި މިމަސައްކަތަކީ ތާރީޚުގެ ތެރެއަށް ވަދެގެންދާނެ ވާހަކައެކެވެ.
ކޮރެއާގައި ޖިންސީ ގޯނާގެ މައްސަލަތަކުގައި މުޖުރިމުގެ ދޫ ބުރިކޮށްލި މިއީ ހަމައެކަނި މައްސަލައެއް ނޫނެވެ. 1988 ވަނަ އަހަރު އަންޑޮންގ ގައި، އަދި 2020 ވަނަ އަހަރު ބޫސާން ގައި ވެސް މިފަދަ ޙާލަތްތަކެއް ކުރިމަތިވެ، ގޯނާ ކުރަން އުޅުނު ފަރާތުގެ ދުލުގައި ދަތް އަޅައި ބުރިކޮށްފައިވެއެވެ. މިދެމައްސަލައިގައި ވެސް ދުލުގައި ދަތް އެޅި އަންހެނުންގެ މައްޗަށް އެއްވެސް ދަޢުވާއެއް އުފުލާފައެއް ނުވެއެވެ. އެމީހުން ކުރި ޢަމަލަކީ އަމިއްލަ ނަފްސު ދިފާޢުކުރުމުގެ ޢަމަލެއް ކަމަށް ކޮރެއާ ކޯޓުން ބަލައިގަތެވެ.