ޚަބަރު
އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް އާ ސިޔާސަތުތަކެއް

އިމާރާތްކުރަމުންދާ މިސްކިތެއް/ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އަމިއްލަ ފަރާތްތަކުން އަޅާ މިސްކިތްތަކުގެ މަސައްކަތް އަވަހަށް ނިންމުމަށް ބާރުއެޅުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އާ ސިޔާސަތުތަކެއް ކަނޑައަޅުއްވައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިފަދަ ސިޔާސަތުތަކެއް ކަނޑައަޅާފައި މިވަނީ ،އަމިއްލަ ފަރާތްތަކުން ވޭތުވެ ދިޔަ އަހަރުތަކުގައި މިސްކިތް އެޅުމަށް ތަންތަނުން ބިން ހޯދުމަށް ފަހު މަސައްކަތް ނުފަށައި ނުވަތަ މަސައްކަތް ނުނިންމައި އެތައް އަހަރެއް ވަމުންދާތީ ކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އަދި މިކަމުގެ ސަބަބުން ރައްޔިތުން ނަމާދުކުރުމަށް އެކި ތަންތަނުގައި ތަކުލީފު އުފުލަމުންދާތީ، ކުރިއަށް އޮތްތަނުގައި މިކަމަށް ޙައްލު ލިބޭނެކަމަށް އެވުޒާރާއިން ވިދާޅުވިއެވެ.
އާ ސިޔާސަތުގެ ދަށުން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތައް:
- އެއްވެސް ބައެއްގެ އަމިއްލަ އިދާރީ މަސައްކަތްތަކެއް މިސްކިތުގައި ނުހިންގޭ ގޮތަށް ހެދުން.
- އަމިއްލަ މުދާ ގުދަން ކުރުން ފަދަ ކަންކަން ނުކުރެވޭ ގޮތަށް ހެދުން.
- މިސްކިތް ބިނާކުރުމަށް ފަހު ސަރުކާރާ ހަވާލުކުރަން ޖެހޭ ގޮތަށް ހެދުން.
މީގެ އިތުރުން، މިސްކިތް އަޅަން އެދި ހުށަހަޅާ އަމިއްލަ ފަރާތްތަކަށް މިސްކިތް އަޅައި ނިންމުމަށް ދެ އަހަރަށް ވުރެ ގިނަ މުއްދަތު ނުދިނުމަށާއި، އަމިއްލަ ފަރާތްތަކުން މިސްކިތް އަޅާއިރު ހަ މަސްދުވަހުގެ ތެރޭ މަސައްކަތް ފަށަން ލާޒިމުކޮށް، އެ މުއްދަތުގައި މަސައްކަތް ނުފަށައިފި ނަމަ ބިން އަތުލުމަށް އެ ވުޒާރާއިން ވަނީ ނިންމާފައެވެ. ހަމަ މިއާއެކު، މިސްކިތް އެޅުމަށް ބޭނުންވާ ފައިސާ ހުރިކަމުގެ ނުވަތަ މަސައްކަތް ފަށާއިރު ބޮޑު ބައެއް ހުރިކަމާއި ނިންމަން ބޭނުންވާ ފައިސާ ލިބޭނެކަން ކަށަވަރުކުރުމަށްވެސް މި ސިޔާސަތުގެ ދަށުން ވަނީ ހަމަޖެހިފައެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އަމިއްލަ ފަރާތްތަކުން މިސްކިތް ހެދުމަށް ބިން ނެގުމަށްފަހު އެ މަސައްކަތް ދިގު މުއްދަތަކަށް ކުރިއަށް ނުގޮސް ހުރިކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މީގެ ކުރިން ވެސް ވަނީ ފާހަގަކުރައްވާފައެވެ.