ޚަބަރު
ކޮމެޓީކުރާ ކޮޓަރިން ނޫސްވެރިން ނެރުނީ ޤަވާއިދާ ޚިލާފުވުމުން: މަޖިލިސް

މިއަދު ކުރިއަށްދިޔަ ބައްދަލުވުން/ފޮޓޯ: މަޖިލިސް
ކޮމެޓީކުރާ ކޮޓަރިން ނޫސްވެރިން ނެރުނީ މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ވަދެ، ކޮމިޓީ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުމުން ކަމަށް ރައްޔިތުންގެ މަޖިލީހުން ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ދިރާސާކުރުމަށް ބޭއްވި ބައްދަލުވުމުން ގަދަކަމުން ނޫސްވެރިން ނެރުނު މަންޒަރުތަކެއް ވަނީ ފެންމަތިވެފައެވެ.
މިކަމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ، މިއަދު ބޭއްވުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ 2025 ވަނަ އަހަރުގެ 32 ވަނަ ބައްދަލުވުން ކުރިއަށް ގެންދެވުނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 167 ވަނަ މާއްދާގެ ދަށުން ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކަމަށެވެ. އަދި ސިއްރު ބައްދަލުވުންތަކުގައި ކޮމިޓީގެ މެންބަރުންނާއި ކޮމިޓީގެ ސެކްރެޓޭރިއެޓް ފިޔަވައި އިތުރުބަޔަކަށް އެ ބައްދަލުވުމުގައި ނުތިބެވޭނެކަމަށް މަޖިލީހުން ވަނީ ވިދާޅުވެފައެވެ.
ނަމަވެސް، މި ބައްދަލުވުމަށް 3 ނޫސްވެރިއަކު ކޮމިޓީކުރާ ކޮޓަރިއަށް ވަދެފައިވާކަމަށް މަޖިލީހުން ވިދާޅުވިއެވެ. އަދި ނޫސްވެރިން ބައްދަލުވުމަށް ވަދެފައިވަނީ، މި ބައްދަލުވުމަކީ ސިއްރު ބައްދަލުވުމެއްކަން އިންޓަރނަލް ސެކިއުރިޓީއިން އަންގާފައިވަނިކޮށް ގަދަކަމުން ކަމަށާއި، ކޮމިޓީކުރާ ކޮޓަރިން އެ 3 ނޫސްވެރިން ނެރެންޖެހުނީ ސިއްރު ބައްދަލުވުމަކަށް މަޖިލީހުގެ ޤަވާއިދާ ޚިލާފަށް ވަދެ، އަޑުގަދަކޮށް ކޮމިޓީ ކުރިއަށް ގެންދިޔުމަށް ހުރަސްއެޅުުމުންކަމަށް މަޖިލީހުން ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލާއި ގުޅޭގޮތުން ނުރުހުން ފާޅުކޮށް، ބިލް އަނބުރާ ގެންދިޔުމަށް ބައެއް ނޫސްވެރިން ދަނީ އިޙުތިޖާޖުތައް ކުރަމުންނެވެ.