ޚަބަރު
ބިދޭސީންގެ އެކޮމޮޑޭޝަން ބްލޮކަކަށް ކުރި ރެއިޑެއްގައި 4 ބިދޭސީއަކު ބެލުމުގެ ދަށަށް

އިމިގްރޭޝަނުން ހިންގި ރެއިޑް އޮޕަރޭޝަންގެ ތެރެއިން---
ގިނަ ބިދޭސީންތަކެއް ދިރިއުޅެމުންދިޔަ އެކޮމޮޑޭޝަން ބްލޮކަކަށް މޯލްޑިވްސް އިމިގްރޭޝަނުން ކުރި ރެއިޑެއްގައި ހަތަރު ބިދޭސީއަކު ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ހ. އެތެރެހިޔާގޭގައި ދިއިއުޅެމުން ދިޔަ ބިދޭސީން ބެލުމަށް ހިންގި އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައި ވަނީ އަންގާރަ ދުވަހެވެ.
ގަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، އިއްޔެ ޓާސްކް ފޯސްއިން ވަނީ މާލޭގައި ގިނަ އަދަދެއްގެ ބިދޭސީން ދިރިއުޅެމުންދާ އެކަމަޑޭޝަން ބްލޮކެއް ބަލައި ފާސްކޮށްފައި. މި ރެއިޑުގައި ގަވާއިދާ ޚިލާފަށް ސައްހަ ވިސާއެއްނެތި… pic.twitter.com/Io4wtqhd71
— Maldives Immigration (@ImmigrationMV) September 10, 2025
އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. އަދި ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަޤުޞަދެއްކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.
ސައްޙަ ވިސާއެއް ނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށް ވެސް ޚާއްސަ އޮޕަރޭޝަންތަކެއް އިމިގްރޭޝަނުން އަންނަނީ ކުރިއަށްގެންދަމުންނެވެ.
އެގޮތުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކުރެވޭ މަސައްކަތުގެ ދަށުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 2022 މީހުން އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. އަދި 17 ނޮވެމްބަރ 2023 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް 7635 މީހުން ޑީޕޯޓްކޮށްލާފައިވާކަމަށްވެސް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.