ދުނިޔެ
ފްރާންސްގެ ބޮޑުވަޒީރުގެ މަޤާމަށް ދެ އަހަރު ތެރޭގައި ފަސްވަނަ ބޭފުޅަކު އައްޔަނުކޮށްފި

ފަރަންސޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމަށް އައްޔަންކުރި ސެބަސްޓިއަން ލެކޯނޫ---
ފަރަންސޭސިވިލާތުގެ ބޮޑުވަޒީރުގެ މަޤާމަށް ދެ އަހަރު ތެރޭގައި ފަސްވަނަ ބޭފުޅަކު އައްޔަނުކޮށްފިއެވެ.
މި މަޤާމަށް މިފަހަރު އައްޔަނުކުރީ އެ ޤައުމުގެ ޑިފެންސް މިނިސްޓަރަކަށް ހުރި، އަދި އެ ޤައުމުގެ ރައީސް، އެމެނުއެލް މެކްރޯންގެ ގާތް އެކުވެރިއެއް ކަމުގައިވާ ސެބަސްޓިއަން ލެކޯނޫއެވެ.
މި މަސްއޫލިއްޔަތު ހަވާލުކުރުމާ ގުޅިގެން، އުމުރުން 39 އަހަރުގެ ލެކޯނޫގެ ކުރިމަތީގައި އޮތީ ބޮޑު އަދި ބުރަ މަސައްކަތްތަކެކެވެ. އޭގެތެރޭގައި، ފަރަންސޭސިވިލާތުގައި ސިޔާސީ ހަމަނުޖެހުން ބޮޑުވުމާ ގުޅިގެން ރާވަމުންދާ މުޒާހަރާތައް ހުއްޓުވުން ވެސް ހިމެނެއެވެ.
ފަރަންސޭސިވިލާތުގެ ޕާރލަމެންޓު، ދަ ނެޝަނަލް އެސެމްބްލީއިން ވަނީ ކުރިން ހުރި ބޮޑު ވަޒީރު، ބޭރޫ މަޤާމުން ބޭރުކުރުމަށް މިދިޔަ ހޯމަ ދުވަހު އޮތް ވޯޓުން ފާސްކޮށްފައެވެ. އެ ވޯޓު ނަގާފައިވަނީ، އެ ޤައުމު ދަރަނިތަކުން އަރައިގަތުމުގެ ގޮތުން ޚަރަދު ކުޑަކުރުމަށް އޭނާ ހުށަހެޅި 51 ބިލިއަން އެމެރިކާ ޑޮލަރުގެ ހުށަހެޅުމަށްފަހުއެވެ.
ރިޕޯޓުތައް ބުނާގޮތުން ލެކޯނޫ ބޮޑުވަޒީރެއްގެ މަޤާމަށް ގެނައުމަށް މެކްރޯން ބޭނުންފުޅުވީ، އޭނާ ގެންނަވަން ބޭނުންފުޅުވާ އިޞްލާޙީ ބަދަލުތައް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދިޔުމެވެ. އެ ސިޔާސަތުގެ ތެރޭގައި ވިޔަފާރި ކުންފުނިތަކާ ރައްޓެހި ސިޔާސަތުތައް ކަމަށްވާ، ޓެކްސް ނަގާ މިންވަރު ދަށްކުރުމާއި، ސަރުކާރުގެ މަޤާމަކުން ރިޓަޔަރ ކުރެވޭ އެންމެ ދޮށީ އުމުރަށް ބަދަލު ގެނައުން ހިމެނެއެވެ.
ލެކޯނުއަށް ކުރިމަތިވާ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ 2026ވަނަ އަހަރުގެ ބަޖެޓު ފާސްކުރުމެވެ. ފަރަންސޭސިވިލާތުގެ ޑެފިސިޓް މިހާރު ހުރީ ގާތްގަނޑަކަށް ހަ އިންސައްތައިގައެވެ.