ޚަބަރު
ޤާނޫނުތަކަށް އަހުލުވެރިކުރުވުމުގެ ޙަރަކާތެއް އއ. މަތިވެރީގައި ކުރިއަށް ގެންގޮސްފި

ފުލުހުންގެ ޚާއްޞަ ހަރަކާތުގެ ތެރެއިން/ފޮޓޯ: ފުލުހުން
ޤާނޫނުތަކަށް އަހުލުވެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޙަރަކާތެއް ދިވެހި ފުލުހުންގެ ޚިދުމަތުން އއ. މަތިވެރީގައި ކުރިއަށް ގެންގޮސްފިއެވެ.
ފުލުހުންގެ ޚިދުމަތުން ވިދާޅިވީ، މި މަހުގެ 9 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޙަރަކާތުގައި، މަތީވެރީގައި ހުރި ސަރުކާރުގެ އިދާރާތަކާއި ކުންފުނިތައް އަދި ހުރިހާ ފިހާރައަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ދީފައިވާ ކަމަށެވެ.
އެގޮތުން، ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވައި މަތިވެރި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ފުލުހުން، ރައްޔިތުންނަށް މަޢުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި ވަކިން ޚާއްޞަކޮށް، އެ ޤާނޫނުގެ 37 ވަނަ މާއްދާ (ކުޑަކުދިންނަށް ވަޅި ވިއްކުން މަނާކުރުން) ގައި ބަޔާންކޮށްފައިވާ ކަންކަމާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ޙަރަކާތުގެ ތެރެއިން، ޤާނޫނުގައި ހިމެނޭ ބައެއް ކަންކަމުގެ މަޢުލޫމާތު ޢާންމުންނަށް ފެންނާނޭހެން، އިދާރާތަކާއި ފިހާރަތައް އަދި ޢާންމުން އެއްވެ އުޅޭ ސަރަހްޙައްދުތަކުގައި ހަރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނަށް ރައްޔިތުން އަހުލުވެރިކުރުވުމަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ފުލުހުން ދަނީ ހިންގަމުންނެވެ.