ދުނިޔެ
ބަޑިން ހަމަލާދިން ޗާރލީ ކާރކް މަރުވެފައިވާކަމަށް ޓްރަމްޕް އިޢުލާންކޮށްފި

ޗާރލީ ކާރކް މަރުވުމާ ގުޅިގެން ޓަރނިން ޕޮއިންޓް ޔޫއެސްއޭގެ ހެޑްކުއާޓާރސްގެ ދޮށުގައި ހެޔޮއެދޭ ފަރާތްތަކުން ހިތާމަ ފާޅުކުރަނީ، ފޮޓޯ: އޭޕީ
އުޓާ ވެލީ ޔުނިވަރސިޓީގައި އޮތް އިވެންޓެއްގެ ތެރެއިން ބަޑިން ހަމަލާދިން ޗާރލީ ކާރކް މަރުވެފައިވާކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާންކުރައްވައިފިއެވެ.
ކާރކްއަކީ ޓްރަމްޕްއަށް ތާޢީދުކޮށް އެ ބޭފުޅާގެ އެކްޓިވިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވާ ކޮންސަރވޭޓިވް މީޑީއާ ޝަހުސިއްޔަތެކެވެ. އުމުރުން 31 އަހަރުގެ ކާރކްއަކީ ޓްރަމްޕްގެ ޒުވާން އެކްޓިވިސްޓުންގެ ގްރޫޕް، "ޓާރނިން ޕޮއިންޓް ޔޫއެސްއޭ"ގެ އެއް މުއައްސިސް ވެސް މެއެވެ.
"ދަ ގްރޭޓް، އެންޑް އީވަން ލެޖެންޑަރީ، ޗާރލީ ކާރކް އިޒް ޑެޑް!" މި ހާދިސާއާ ގުޅިގެން ޓްރަމްޕް އޭނާގެ ޓްރުތު ސޯޝަލް ޕްލެޓްފޯމްގައި ޕޯސްޓުކުރި މެސެޖުގައި ވެއެވެ.
މީގެ އިތުރުން، ކާރކްއަށް ވުރެ ވަކި ބޮޑަށް އެމެރިކާއަށް ލޯބިއޮތް މީހަކު ޓްރަމްޕްއަށް އެނގިވަޑައިނުގަންނަވާ ކަމަށާއި، އެއީ އެންމެން ލޯބިވި މީހެއްކަމަށް ޓްރަމްޕުގެ މެސެޖުގައި ވިދާޅުވިއެވެ.
އަދި ކާރކްގެ ވަކިވެދިއުމާ ގުޅިގެން އާދީއްތަ ދުވަހާ ހަމައަށް އެމެރިކާގެ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމާފައިވާކަމަށް ވެސް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.
TO MY GREAT FELLOW AMERICANS… pic.twitter.com/oRsrE5TTHr
— Donald J. Trump (@realDonaldTrump) September 11, 2025
އުޓާގެ ކަމާ ގުޅޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، ކާރކްއަށް އަމާޒުކޮށް ފޮނުވާލާފައި ވަނީ އެންމެ ވަޒަނެކެވެ. އަދި އެއީ ރޭވިގެން ކުރި ކަމެއްކަމަށް އެ އިދާރާތަކުން ތުޙުމަތުކުރެއެވެ.
ކާރކްގެ ގަޔަށް ބަޑި ޖަހާފައި ވަނީ އުޓާ ވެލީ ޔުނިވަރސިޓީގައި އޮތް އިވެންޓުގެ ބައިވެރިންނާ މުޚާތަބުކޮށް ވާހަކަ ދައްކަން އިންދައެވެ. ވަޒަން އެރުމާއެކު، ވެއްޓުމުގެ ކުރިން ކާރކް އޭނާގެ ކަރުގައި އަތްލާ މަންޒަރު ފެނެއެވެ. އެހެންކަމުން ވަޒަން އެރީ ކަރަށްކަމަށް ޔަޤީން ކުރެވެއެވެ.
އުޓާ ވެލީ ޔުނިވަރސިޓީގައި ހިނގި މި ހާދިސާ ވަރަށް ރަގަޅަށް މޮނިޓަރ ކުރަމުންދާކަމަށް އެފްބީއައިގެ ޑިރެކްޓަރ، ކާޝް ޕަޓޭލް ހާމަކޮށްފައިވެއެވެ.
މި ހަމަލާގެ ކުޑަ ވަގުތު ކޮޅެއް ކުރިން، އުޓާ ޔުނިވަރސިޓީގައި އޮތް ހަރަކާތާ ގުޅޭ ޕޯސްޓެއް ވެސް ކާރކް މީޑިއާގައި ޚިއްޞާ ކޮށްފައިވެއެވެ. އެ ޕޯސްޓުގައި ބުނެފައި ވަނީ އެމެރިކަން ކަމްބެކް ޓުއަރއަށް އުޓާ ވެލީ ޔުނިވަރސިޓީ ތައްޔާރުގައި އޮތް ވާހަކައެވެ.
މި ހާދިސާއާ ގުޅިގެން އުޓާގެ ގަވަރުނަރ، ސްޕެންސަރ ކޮކްސް ބުނެފައި ވަނީ، މި ކަން ކުރި ބަޔަކު އެ ކަމަށް ޒިންމާ ކުރުވާނެކަމާއި، އާންމު ދިރިއުޅުމުގައި އެކަކު އަނެކަކަށް އަނިޔާވެރިވުމަށް ފުރުސަތެއް ނުދޭނެކަމަށެވެ. އަދި ސިޔާސީ ހުރިހާ ފެންވަރެއްގެ މަޤާމުތަކުގައި ތިބި އެންމެން މިކަން ހަރުކަށިކޮށް ކުށްވެރިކުރަން ޖެހޭނެކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.