ޚަބަރު
މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން އިޢުލާނުކޮށްފި

ޝަހީދު ހުސެއިން އާދަމް ބިލްޑިންގ/ފޮޓޯ: އެޑިޝަން އެމްވީ
މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިޢުލާނުކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ތަހުޤީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ހޯދަން ބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ހޯދުމަށް އިޢުލާނުކޮށްފައިވާ ކަމަށެވެ. އަދި އެމީހާގެ މޫނު ފެންނަ ސީސީޓީވީ ފޫޓޭޖެއް ވެސް ފުލުހުން ވަނީ ޢާންމުކޮށްފައެވެ. މި ސީސީޓީވީ ފޫޓޭޖުން ދައްކަނީ، އެމީހާ ބީއެމްއެލްގެ އޭޓީއެމް އެއްގެ ތެރޭގައި ހުރި މަންޒަރެވެ.
މި ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް ސައިބަރ ކްރައިމް ސެންޓަރުގެ ނަންބަރު 9636262 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322112 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީީ އެދިފައެވެ. އަދި މިފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށް ފުލުހުން ވަނީ ޝުކުރު ދަންނަވާފައެވެ.
މަކަރާއި ހީލަތުގެ މައްސަލައެއްގައި މީހަކު ހޯދަނީhttps://t.co/LonBbM6Jq3 pic.twitter.com/9uDfoJGvZS
— Maldives Police (@PoliceMv) September 11, 2025