ޚަބަރު
ދިވެހިރާއްޖޭގެ ގާރލް ގައިޑް އެސޯސިއޭޝަންގެ ބައެއް މެންބަރުންނާ މެޑަމް ސާޖިދާ ބައްދަލުކުރައްވައިފި

ގާލް ގައިޑް އެސޯސިއޭޝަންގެ ބައެއް މެންބަރުންނާ މެޑަމް ސާޖިދާ ބައްދަލުކުރެއްވުން/ފޮޓޯ: ރައީސް އޮފީސް
ވޯލްޑް އެސޯސިއޭޝަން އޮފް ގާރލް ގައިޑްސް އަދި ގާރލް ސްކައުޓުގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ކަމަށް އަލަށް ހޮވިވަޑައިގެންނެވި، ނިޢުމާތު ޝަފީޤާއި، ދިވެހިރާއްޖޭގެ ގާރލް ގައިޑް އެސޯސިއޭޝަންގެ ބައެއް މެންބަރުންނާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ މުޙައްމަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު، މުލީއާގޭގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ނިޢުމާތު ޝަފީޤު، ވޯލްޑް އެސޯސިއޭޝަން އޮފް ގާރލް ގައިޑްސް އަދި ގާލް ސްކައުޓުގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރގެ މަޤާމަށް ހޮވިވަޑައިގަތުމުން މަރުޙަބާ ވިދާޅުވެފައެވެ. އަދި އެކަމަނާގެ ވާހަކަފުޅުގައި، ރާއްޖެފަދަ ކުޑަ ޤައުމެއް ތަމްސީލުކުރުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އެކަމާ އުފާކުރައްވާކަން ވަނީ ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި، ވޯލްޑް އެސޯސިއޭޝަން އޮފް ގާރލް ގައިޑްސް އަދި ގާލް ސްކައުޓުގެ އޭޝިއާ ޕެސިފިކް ރީޖަނަލް ކޮމިޓީގެ ޗެއަރ ނިޢުމާތު ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ގާރލް ގައިޑްގެ މަސައްކަތްތަކުގައި ހަރާކާތްތެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވައި އަދި، ޗީފް ގައިޑުގެ ހައިސިއްޔަތުން ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަކުރައްވާފައެވެ. އަދި މި ބައްދަލުވުމުގައި މެންބަރުން ވަނީ ގާރލް ގައިޑް ހަރަކާތްތަކަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މަޢުލޫމާތު ހިއްސާކުރައްވައި އެކަންކަން ހައްލުކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރުން، މި ބައްދަލުވުމުގައި މެމްބަރުން ވަނީ، ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި އެކިއެކި ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގެ މުހިންމުކަމާއި، ގައިޑްގެ ޙަރަކާތްތައް ހިންގުމަށް އެކަށީގެންވާ ކޭމްޕް ސައިޓެއްގެ ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ.