ޚަބަރު
މަޑަވެލީގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރި 11 ވަނަ އަތޮޅަކަށް ގދ. އަތޮޅު!

މަޑަވެލީގައި އޭޓީއެމްގެ ޚިދުމަތް ފެށުން/ފޮޓޯ: ބީއެމްއެލް
މަޑަވެލީގައި އޭޓީއެމްގެ ޚިދުމަތް ފެށުމާއެކު، ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރި 11 ވަނަ އަތޮޅަކަށް ގދ. އަތޮޅު ވެއްޖެއެވެ.
ބީއެމްއެލް އިން ވަނީ، ގދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ޚިދުމަތް ޤާއިމުކޮށްފިއެވެ. މިއީ މުޅި ރާއްޖޭގައި ފަސޭހައިން ބޭންކިންގ ޚިދުމަތްތައް ދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ޙާސިލުކުރެވުނު މުހިންމު ކާމިޔާބީއެކެވެ.
އޭޓީއެމް ޚިދުމަތް ތަޢާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުތަކުގައި އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ބީއެމްއެލްގެ ޗެއާޕަރސަން އަޙްމަދު ޢަލީ ޙަބީބާއި، ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާއި، ބީއެމްއެލްގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެގޮތުން، ގދ. މަޑަވެލީގައި އޭޓީއެމްގެ ޚިދުމަތް ފައްޓަވާދެއްވާފައިވަނީ، ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު މަޑަވެލީއަށް ވަޑައިގެންނެވެ. އޭޓީއެމްގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ވަޒީރު ވަނީ އޭޓީއެމުން ފައިސާ ނަންގަވާފައެވެ. އޭޓީއެމުން ޚިދުމަތް ފެއްޓެވުމަށްފަހު ހަނދާނީ ބޭންކް ކާޑާއި ފައިސާ ރަށު ކައުންސިލަށް ވަޒީރު ވަނީ ހަވާލުކުރައްވާފައެވެ. މަޑަވެލީ ކައުންސިލުގެ ފަރާތުން މިކާޑާއި ހަވާލުވެވަޑައިގެންނެވީ ކައުންސިލުގެ ރައީސްއެވެ.
އެހެން އޭޓީއެމްތައް ފަދައިން މަޑަވެލީގައި ޤާއިމްކޮށްފައިވާ ސެލްފް ސަރވިސް އޭޓީއެމުން އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް ބީއެމްއެލުން ވިދާޅުވެއެވެ. މީގެ އިތުރުން، ކްރެޑިޓް ކާޑާއި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތްވެސް މި އޭޓީއެމުން ލިބިގެންދާނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.
އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަމުން މިދަނީ ރާއްޖޭގެ މުޖްތަމަޢުތަކަށް ވީހާވެސް ގާތުން ބޭންކުގެ ޚިދުމަތް ފޯރުކޮށްދިނުމަށް. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ޤާއިމްކުރުމަކީ އެ މަޤްޞަދު ހާސިލުކުރުމަށް ކުރަމުންދާ އެންމެ މުހިންމު އެއް މަސައްކަތް.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ. ރައީސްގެ ވަޢުދާ އެއްގޮތަށް މި އަހަރުގެ ތެރޭގައި 100 ރަށެއްގައި މުޅިން އަލަށް އޭޓީއެމްގެ ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ބީއެމްއެލްއިން ވަނީ ފަށާފައެވެ. އެގޮތުން، ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ފުރަތަމަ ފެށީ 2000 ވަނަ އަހަރުއެވެ. މާލެ ފިޔަވައި އަތޮޅުތަކަށް މި ޚިދުމަތް ފުޅާވާން ފަށާފައިވަނީ 2007 ވަނަ އަހަރުން ފެށިގެންނެވެ.