ޚަބަރު
ތިލަފުށީގައި ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ގައިމައްޗަށް ލޮރީއެއް އަރައިފި

ތިލަފުށި، ފޮޓޯ: އެޗްޑީސީ
އިންޑަސްޓްރިއަލް މަސައްކަތްތަކަށް ޚާއްޞަ ކ. ތިލަފުށީގައި މިއަދު ހިނގި އެކްސިޑެންޓެއްގައި މީހެއްގެ ގައިމައްޗަށް ލޮރީއެއް އަރައިފިއެވެ.
މި އެކްސިޑެންޓާ ގުޅިގެން ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާ ހިނގީ އެކްސްކެވޭޓަރެއްގެ ކައިރީގައި މަސައްކަތް ކުރަން ހުރި ބިދޭސީއެއްގެ ގައިގައި ލޮރީއަކުން ޖެހުމަށްފަހުއެވެ. އަދި ލޮރީއިން ޖެހި އޭނާ ވެއްޓުމުން، ލޮރީ ދިޔައީ ވެއްޓުނު މީހާގެ ގައިމަތިންކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓު އެ މުވައްސަސާއަށް ލިބުނީ މިއަދު މެންދުރުފަހު 2:15ގައެވެ.
މި ހާދިސާގައި އަނިޔާވީ ސްރީލަންކާއަށް ނިސްބަތްވާ މީހަކަށެވެ. އަދި އެމީހަށް ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އޭނާއަށް ވަނީ ސީރިއަސް އަނިޔާތަކެއް ލިބިފައެވެ.
މި ހާދިސާ ހިނގިއިރު ލޮރީ ދުއްވަން އިނީ އިންޑިއާއަށް ނިސްބަތްވާ، އުމުރުން 28 އަހަރުގެ ވިގްނޭޝް އައްނަދުރާއީކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. އޭނާ ވަނީ މިހާރު ހައްޔަރުކޮށްފައެވެ. އަދި ފުލުހުން ވަނީ އެ ލޮރީ ވެސް ޓޯވކޮށްފައެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.