ޚަބަރު
ސަޕްލިމެންޓަރީ ބަޖެޓަށް ކޮމިޓީއިން ރުހުންދީފި!
ބަޖެޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުން. ފޮޓޯ:މަޖިލިސް
މިއަހަރުގެ ކުރިއަށް އޮތް ތަނަށް ދައުލަތަށް ބޭނުންވާ ސަޕްލިމެންޓަރީ ބަޖެޓަށް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ކޮމިޓީއިން ރުހުން ދީ ފާސްކޮށްފިއެވެ.
ކޮމިޓީއިން ސަޕްލިމަންޓަރީ ބަޖެޓް ފާސްކޮށްފައިވަނީ ސަރުކާރުން ބަޖެޓް ހުށަހެޅިގޮތަށެވެ. ބަޖެޓް ފާސްކުރުމަށް މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ހުށަހެޅުވުމުން، ވެލިދޫ ދާއިރާގެ މެމްބަރު ޢައްބާސް އާއި ހޯރަފުށީ ދާއިރާގެ މެންބަރު ޢަލީ މޫސާ ވަނީ ޤާސިމްގެ ހުށަހެޅުމަށް ތާއީދުކޮށް ވޯޓަށް އަހައި ބަޖެޓް ފާސްކޮށްފައެވެ. ބަޖެޓް ފާސްކުރުމަށް ވޯޓު ދީފައި ނުވަނީ އެންމެ މެމްބަރެކެވެ.
ސަރުކާރުން ޚަރަދުތައް ކޮންޓްރޯލް ކުރުމަށް އެޅި ފިޔަވަޅުތަކާއި އެކީ، މި އަހަރަށް ހުށަހަޅާ ސަޕްލިމަންޓަރީ ބަޖެޓަކީ 5.1 ބިލިއަން ރުފިޔާގެ ސަޕްލިމަންޓަރީ ބަޖެޓެކެވެ.
ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ބަޖެޓް ފާސްކޮށްފައިވާއިރު، އޮޑިޓަރ ޖެނެރަލް އާއި މަރުކަޒީ ބޭންކުން ބަޖެޓާ ގުޅޭގޮތުން ދެކޭގޮތް ވަނީ ހާމަކޮށްފައެވެ.
ބަޖެޓާ ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ދެއްވި ރަޢުޔުގައި ވިދާޅުވެފައިވަނީ، ބަޖެޓްގެ 40 އިންސައްތައަކީ ދަރަނިން ފައިނޭންސްކުރަން ޖެހޭ ޢަދަދު ކަމަށްވާތީވެ، އަހަރު ނިމޭއިރު ދައުލަތުގެ ހުރި ޖުމްލަ ދަރަންޏަށް 22 ބިލިއަން ރުފިޔާ އިތުރުވެގެން ދާނޭކަމަށް ލަފާކުރެވޭ ކަމަށެވެ.
އޮޑިޓަރ ޖެނެރަލްގެ ފަރާތުން އެންމެބޮޑަށް ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ ދައުލަތަށް އެކިގޮތްގޮތުން ލިބޭނޭ ކަމަށް އަންދާޒާކުރި އާމްދަނީ އާ އެއްވަރަށް މިހާހިސާބަށް އައި އިރުވެސް އާމްދަނީ ލިބިފައި ނުވުމެވެ. އެހެންކަމުން ސަޕްލިމަންޓަރީ ބަޖެޓްގައި ލިބޭނޭކަމަށް ފާހަގަކޮށްފައިވާ ޢަދަދުތައް ލިބޭނޭކަމުގެ ޔަގީންކަން ނެތްކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ފާހަގަކުރައްވާފައެވެ.
ސަޕްލިމަންޓަރީ ބަޖެޓްގައި ހަރަދުކުރުމަށް އެކަށައަޅާފައިވާ ދާއިރާތައް:
- ޕީއެސްއައިޕީ އަށް އިތުރު 2.0 ބިލިއަން ރުފިޔާ
- ސަރުކާރު ހިއްސާވާ ކުންފުނިތަކަށް އިތުރު 441.4 މިލިއަން ރުފިޔާ
- ކޮންޓިންޖެންސީ ބަޖެޓަށް އިތުރު 650 މިލިއަން ރުފިޔާ
- ސްޓޫޑަންޓު ލޯނު ދޫކުރުމަށް 458.4 މިލިއަން ރުފިޔާ
- މެޑިކަލް ކޮންޒިމަބަލްސް އަށް 200 މިލިއަން ރުފިޔާ
- ބޭސްފަރުވާގެ އެހީއަށް 262.6 މިލިއަން ރުފިޔާ
- ސަބްސިޑީއަށް 1.02 ބިލިއަން ރުފިޔާ
ސަރުކާރުން ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހެޅިއިރު، މިއަހަރަށް ކަނޑައެޅި ބަޖެޓު، އަދި ހުސް ނުވާކަމަށް މާލީ ވުޒާރާއިން ވަނީ ބުނެފައެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް ބަޖެޓުން ހޭދަކުރެވިފައިވަނީ ބަޖެޓުގެ 74 އިންސައްތަކަމަށް މާލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.