Ads by Stelco

ޚަބަރު

ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ލިބޭނެ: ޗައިނާ ސަފީރު

ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުން ރާއްޖެއަށް ލިބޭނެ: ޗައިނާ ސަފީރު

ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2025، 02:31

12 ސެޕްޓެމްބަރު 2025، 02:31

ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމުގައި ޗައިނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ރާއްޖެއަށް ލިބޭނެކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ ވިދާޅުވެއްޖެއެވެ.

ޗައިނާއިން ރާއްޖޭގައި ހިންގާ މަޝްރޫޢުތަކާއި ދެ ޤައުމުގެ ގުޅުމާބެހޭގޮތުން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށްޓަކައި ޗައިނާއިން އެހީވުމަށް ދިވެހި ސަރުކާރާއެކު ރޭވުންތަކެއް ރާވަމުންދާ ކަމަށެވެ. އަދި މިކަމުގެ ކަރުދާސް މަސައްކަތްތައް މިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސަފީރު ވިދާޅުވީ ރާއްޖެއަށް އެހީދިނުމަށް ނިންމާފައިވަނީ އިތުރު މާލީ ބުރައެއް ރާއްޖެއަށް އުފުލަންނުޖެހޭނެ ގޮތަށް ކަމަށެވެ. "ދުރު ރާސްތާއެއްގައި ލޯނުތައްވެސް ދެއްކޭނެ ފަދަ ލުއި އިންތިޒާމެއް ހަމަޖެއްސުމަށް މަސައްކަތްކުރަމުންދަނީ" ކަމަށް ސަފީރު ވިދާޅުވިއެވެ. އަދި މާލީ ހާލަތު މެނޭޖްކުރުމުގައި ސަރުކާރަށް އިތުބާރުކުރުމަށް އެދިވަޑައިގެންފައިވެއެވެ.

ޗައިނާގެ ހިލޭ އެހީގައި ރާއްޖޭގައި ހިންގާ މަޝްރޫޢުތަކުގެ ތެރެއިން ވިލިމާލޭގައި އަޅާ ހޮސްޕިޓަލުގެ ޑިޒައިން ބިޑިން މަރުޙަލާއަށް މިހާރު ހުޅުވާލާފައިވާ ކަމަށާއި، ވިލިމާލެއާއި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފަހު ތައްޔާރީތައް ކުރިއަށްދާކަން ސަފީރު ފާހަގަކުރެއްވިއެވެ. މީގެއިތުރުން 50 ކައުންސިލް އިދާރާ އެޅުމުގެ މަޝްރޫޢުގެ އޮން-ސައިޓް ފީސިބިލިޓީ ސްޓަޑީ ނިމިފައިވާކަންވެސް ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ދަނޑުވެރިކަމާއި، ބިނާވެށި، މަސްވެރިކަމާއި، އިޢާދަކުރަނިވި ހަކަތައާއި، ތަޢުލީމީ ދާއިރާއިން 11 ފަހުމުނާމާއެއްގައި ސޮއިކުރެވި، މި ދާއިރާތަކުން ކުރިއެރުން ހޯދުމުގައި ޗައިނާއިން މުހިންމު ދައުރެއް އަދާކުރާނެކަމަށް ސަފީރު ވިދާޅުވިއެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން