Ads by Stelco

ޚަބަރު

ޤައުމީ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް އެޗްޑީސީން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

ޤައުމީ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމަށް އެޗްޑީސީން އިސްނަގައިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި

މިއަދުގެ ކުޑަކުދިންގެ ހަވީރުގައި އެޗްޑީސީގެ ސްޓޯލް ގައި ކުޑަކުއްޖަކު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

12 ސެޕްޓެމްބަރު 2025، 10:23

12 ސެޕްޓެމްބަރު 2025، 10:23

ދޮރުވެރިކަމާއި ބިނާވެށި ކުރިއެރުވުމުގެ ވުޒާރާއިން އިސްނަގައިގެން ފާހަގަކުރި ދިވެހިރާއްޖޭގެ އިންޖިނޭރުންގެ ދުވަހާ ގުޅިގެން އެޗްޑީސީން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މިގޮތުން މިއަދު ހަވީރު 4:00 ގައި މާލޭ އުސްފަސްގަނޑު ސަރަހައްދުގައި ބޭއްވުނު ކުޑަކުދިންގެ ހަވީރުގައި އެޗްޑީސީން ބައިވެރިވެ، ކުޑަކުދިންނަށް އަމާޒުކޮށްގެން އިންޖިނިއަރިންގއާ ގުޅޭ ހާއްސަ ސްޓޯލެއް ބަހައްޓައިފިއެވެ. މި ސްޓޯލުގައި ބްރިޖް އަދި ސަރވޭ އާލާތްތައް ދެއްކުމުގެ އިތުރުން، ސްމާޓްކޮމް ޓަވަރުގެ މަޢުލޫމާތު ކުޑަކުދިންނާ ހިއްސާކޮށްފައިވެއެވެ.

އެޗްޑީސީގެ ސްޓޯލުގައި ތަފާތު އެކި ގޭމްތަކުގެ ޒަރީއާއިން އިމާރާތްކުރުމާއި އިންޖިނިއަރިންގ އާ ގުޅޭ މަޢުލޫމާތު ހިއްސާކުރުމުގެ އިތުރުން، ކޮމްޕިއުޓަރު އެސެންބަލްކުރުމާއި ހައިޑްރޯލިކް ވޯޓަރޕަވަރ ޖޭސީބީ އާ ގުޅޭ ހަރަކާތްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، 11 ސެޕްޓެންބަރުގައި ހުޅުމާލޭގެ މަތީ ސާނަވީ ފަސް ސްކޫލެއްގެ 32 ދަރިވަރުންނަށް އަމާޒުކޮށްގެން އެޗްޑީސީން ޓުއަރެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޓުއަރގައި އެޗްޑީސީން ކުރަމުންދާ އެކިއެކި މަސައްކަތްތައް ދަރިވަރުންނަށް ދައްކައި، އެ މަސައްކަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

އެޗްޑީސީން މަޢުލޫމާތު ދީފައިވާ ގޮތުގައި، މި ޓުއަރގެ މައިގަނޑު މަޤްޞަދަކީ އެޗްޑީސީން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫޢުތަކާއި، އިންޖިނިއަރިންގ ދާއިރާގެ މަސައްކަތްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމާއި، ސްކޫލު ދަރިވަރުން މި ދާއިރާއަށް އަހުލުވެރިކުރުވުމެވެ. އަދި ރާއްޖޭގެ ތަރައްޤީއަށް އިންޖިނޭރުންގެ ދައުރު މުހިންމުވެފައިވާ މި ދަނޑިވަޅުގައި، މި ދާއިރާއަށް ޒުވާނުން އަހުލުވެރިކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގައި އެޗްޑީސީގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން